ޖަޔޭޝް.
12 ސެޕްޓެމްބަރ 2019 - 08:10
ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި އެމެރިކާ އަށް ދާން އިންޑިއާގެ ޒުވާނަކު، މުސްކުޅިއެއްގެ ސިފަ ޖެހިގެން ފުރަން އުޅެނިކޮށް ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
މި މީހާ ފަޅާއެރީ ބޮލާއި ތުނބުޅީގައި ހުދު ކުލަ ޖައްސައި ބޮލުގައި ފަގުޑިއެއް އޮޅައި، އައިނެއް އަޅައިގެން، އުމުރުން ދުވަސްވީ މީހަކަށް ހެދިގެން، ފުރޮޅުލީ ގޮނޑިއެއްގެ އުޅެނިކޮށެވެ. އެއާޕޯޓްގެ އިމިގްރޭޝަން އޮފިސަރުންނަށް މި މީހާގެ އަސްލު ފަޅާއެރީ ހަރަކާތްތައް ހުރި ގޮތުންނެވެ.
އެގޮތުން ޕާސްޕޯޓްގައި އެއީ 81 އަހަރުގެ މީހެއް ކަމަށް ބުނެފައި އޮތަސް، އޭނާގެ ހަރަކާތްތަކާއި އަޑުހުރި ގޮތުން ނުބައެއް އުޅޭކަމަށް ޝައްކުކުރެވިގެން ރަނގަޅަށް ފާސްކުރި އިރު އެއީ 32 އަހަރުގެ ޒުވާނެކެވެ. އަސްލު ނަމަކީ ޖަޔޭޝް ޕަޓޭލް އެވެ. އޭނާގެ ފޭކް ޕާސްޕޯޓްގައިވާ ގޮތުން އެއީ 81 އަހަރުގެ އަމްރިކް ސިންގެވެ.
ޖަޔޭޝް، އޭނާގެ ޕާސްޕޯޓް އަދި މޭކަޕްގައި ޖަޔޭޝް.
ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) ގެ ތަރުޖަމާނު ހެމެންދުރަ ސިންގް ވިދާޅުވީ ޝަހުސު އޮޅުވާލައިގެން އުޅުނު މީހާ އަކީ އިންޑިއާގެ އެހެމްދުއާބާދަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ ހުއްޓުވީ އެއާޕޯޓްގެ ޓާމިނަލް ތިނަކުން ކަމަށެވެ.
ސިންގް ވިދާޅުވި ގޮތުގައި، މުސްކުޅިއަކަށް ހެދިގެން އެމެރިކާ އަށް ދާން އުޅުނު ޖަޔޭޝް އެކަން ކޮށްފައި ވަނީ މިހާތަނަށް ބެލިބެލުމުން އޭނާ މީހަކަށް ފައިސާ ދީގެން ވަގު ޑޮކިއުމަންޓްތަކެއް ވެސް ހަދައިގެންނެވެ. އަދި އެކަމުގައި އުޅުނީ ބާރަތު ކިޔާ އެޖެންޓެއް ކަމަށް އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެ ދެ މީހުން ހައްޔަރުކޮށް، މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ސަންޖޭ ބާޓިއާ އެންޑީޓީވީ އަށް ވިދާޅުވި ގޮތުގައި 32 އަހަރުގެ ޒުވާނާ މުސްކުޅިއަކަށް ހެދިގެން ދަތުރުކުރަން އުޅުނީ އޭނާގެ ޕްރޮފައިލްގައި ހުރި ކަންކަމާ ހެދި އެމެރިކާ ވިސާ ފަސޭހަ އިން ނުލިބިދާނެތީ އެވެ. އެކަމަކު އޭގެ މާ ބޮޑު ތަފުސީލެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނަ ވެސް
12 September 2019
މުސްލިމަކަށް ވީނަމަ ވާނީ ޓެރެރިސްޓް އަކަށް..
ރަދީފް
12 September 2019
ގިނަ ފަހަރު މިބާވަތުގެ ކޮސްކަމެއް ކުރާނީ އިންޑިޔާގެ ހައްދަުފަހަނައެޅި ހިންދޫއެއް.ކޮބާ ނިކަން ރީތިކޮށް ކަލެއަށް އެމެރިކާއަށް ދެވިއްޖެއެއްނު.