ވަޔަށް ދޭ ޒެންޓެކުން ކެންސަރަށް މަގު ފަހިވާ ކަމަށް ބެލެވިގެން ވިއްކުން ހުއްޓާލަނީ

ވައިގެ އުނދަގޫވެ، މޭ އަންދާ މައްސަލަ ހުންނަ މީހުންނަށް އާންމުކޮށް ދީ އުޅޭ ބޭހެއް ކަމަށްވާ ޒެންޓެކްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބެލެވިގެން ބައެއް ގައުމުތަކުގައި އެ މަނާކޮށްފި އެވެ.


ޒެންޓެކްގެ އިތުރުން، ވައިގެ އުނދަގޫ ކުޑަކުރަން ދޭ ރެނިޓިޑިންގެ ބޭސްތަކުގައި ނުރައްކާތެރި މާއްދާތައް ހުންނަކަން ފާހަގަވެ ކެނެޑާ، ފްރާންސްގައި ވަނީ މި ބޭސްތައް މަނާކޮށްފަ އެވެ. އަދި އެމެރިކާގެ އިތުރުން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގައި އަންނަނީ މި ބޭސްތަކުގެ މައްސަލަ އިތުރަށް ބަލަމުންނެވެ. އަދި މިއަދު ވަނީ އެމެރިކާގައި ބޭސް ވިއްކާ ކުންފުންޏެއް ކަމަށްވާ ސީވީއެސް އިން ވެސް ޒެންޓެކް ވިއްކުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ މި ބޭސްތަކުން ބޮޑު ނުރައްކަލެއް ކުރިމަތިވާ ފަދަ ކުއްލި ހާލަތެއް ނެތް ކަމަށާއި އެކަމަކު މި ބޭސް ބޭނުންކުރާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދައި، އޭގެ ބަދަލުގައި އެހެން ބޭހެއް ބޭނުންކުރުން ބުއްދިވެރި ކަމަށެވެ.

ކަންބޮޑުވުން އޮތީ ކޮން ކަމަކާ ހެދި؟

މި މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި ޔޫރަޕިއަން މެޑިސިން އޭޖެންސީ (އީއެމްއޭ) އިން ވަނީ ވަޔަށް ދޭ ބޭސްތަކުގައި އެން-ނައިޓްރޮސޮޑިމެތިލަމައިން (އެންޑީއެމްއޭ) ހުންނަ މިންވަރު ބަލައި ރިވިއުކުރަން ނިންމައިފަ އެވެ.

އެންޑީއެމްއޭ އަކީ ކާސިނަޖެން އެއްގެ ގޮތުގައި ކަނޑައަޅާފައިވާ މާއްދާއެކެވެ. މާނަ އަކީ ކެންސަރު ޖެހުމަށް މަގު ފަހިކުރުވަފާނެ މާއްދާއެއް ކަމަށް، ޖަނަވާރު ބޭނުންކޮށްގެން ކޮށްފައިވާ ތަހުލީލުތަކުން ދައްކާފައިވާ މާއްދާއަކަށް ވުމެވެ.

ފެނުގެ އިތުރުން އެއްގަމު މަހާއި ކިރުގެ ބާވަތްތަކާއި ތަރުކާރީގައި ވެސް އެންޑީއެމްއޭ ހުރެ އެވެ. އެކަމަކު މީގެ ކުޑަ މިންވަރެއް ހަށިގަނޑަށް އެތެރެވުމަކީ ނުރައްކަލެއް އޮތް ކަމެއް ނޫނެވެ.

ރެނިޓިޑިންގެ ބޭސްތައް ދެނީ ބަނޑުގައި އެސިޑް ހެދުމާއި މޭ އެންދުން ފަދަ މައްސަލަތައް ދިމާވާ މީހުންނަށެވެ. މިއީ ބޭސް ސިޓީއަކާ ނުލައި ވެސް ބޭސް ފިހާރަތަކުން ގަންނަން ލިބޭ އެއްޗެކެވެ.

މި ބޭސް ވިއްކުން މިހާތަނަށް ހުއްޓާލީ ކޮން ބައެއް؟

އެމެރިކާގެ ސީވީއެސް އިން ހޮނިހިރު ދުވަހު ބުނީ ޒެންޓެކްގެ އިތުރުން ސީވީއެސް އިން އުފައްދާ ރެނިޓިޑިންގެ ބޭސްތައް މި ވަގުތަށް ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުންޏެވެ. ނަމަވެސް މި ބޭސްތައް ބޭސްފިހާރަތަކުން ނަގައި، މަނާކުރީ ނޫން ކަމަށާއި މި ބޭސްތައް ބޭނުން ނުކުރަން އެފްޑީއޭ އިން ލަފައެއް ވެސް ދީފައި ނުވާ ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ ވޮލްގްރީންސް، ވޮލްމާޓް އަދި ރައިޓް އެއިޑުން ވެސް ވަނީ ސީވީއެސް އިން އަމަލުކުރި ގޮތަށް އެކަން ކުރިން ކޮށްފަ އެވެ.

ކެނެޑާ އާއި ފްރާންސުން ވަނީ މި ބޭސްތައް ފިހާރަތަކުން ވެސް ނަގައިފަ އެވެ. އަދި އެހެން ބައެއް ގައުމުތަކުން ވެސް މިގޮތަށް ކަންތައް ކޮށްފައިވެ އެވެ.

ބޭސް އުފައްދާ ކުންފުނިތަކުން ވެސް އަންނަނީ އެންޑީއެމްއޭ ހުންނަ ބޭސްތައް ފިހާރަތަކުން ނަގަމުންނެވެ.

ބޭސް އުފެއްދުމުގައި މަޝްހޫރު ނޮވާޓިސްގެ ދަށުން ހިންގާ ސަންޑޯޒް އިން ބީބީސީ އަށް ބުނި ގޮތުގައި ރެނިޓިޑިން ހިމެނޭ ހުރިހާ ބޭހެއް އެ ކުންފުނިން އަންނަނީ ފިހާރަތަކުން ނަގަމުންނެވެ. އެގޮތުން، އޮސްޓްރޭލިއާ، އޮސްޓްރިއާ، ބެލްޖިއަމް، ކެނެޑާ، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ޑެންމާކް، ފިންލެންޑް، ޖާމަނީ، ހަންގޭރީ، މެސެޑޯނިއާ، ޕޯޗްގަލް، ސްލޮވާކިއާ، ސްވިޑެން، ސްވިޓްޒަލެންޑް އަދި އެމެރިކާގައި ވެސް ބޭސްތައް ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.

ބޭސް އުފައްދާ އެހެން ކުންފުންޏެއް ކަމަށްވާ އެޕޮޓެކްސް އިން ވެސް ރެނިޓިޑިންގެ ގުޅަ ބޭސް އެމެރިކާގައި ވަނީ ފިހާރަތަކުން ނަގައިފަ އެވެ.

ޒެންޓެކްގެ މައި ކުންފުނި ކަމަށްވާ ގްލެކްސޯސްމިތުކްލައިންއާ ބީބީސީން ސުވާލުކުރުމުން ބުނީ މި ބޭހުގެ ޖެނެރިކް ވާޝަންތައް އިންޑިއާ އާއި ހޮންކޮންގުގައި ވިއްކުން ހުއްޓާލައި ފިހާރަތަކުން ނަގަން ފަށާފައިވާ ކަމަށެވެ.

ބަލި މީހުން ދެން ހަދަންވީ ކިހިނެއް؟

ސިއްހީ އިދާރާކުން ބުނަނީ ރެނިޓިޑިން ބޭނުންކުރަމުން އަންނަ މީހުން ކުއްލިއަކަށް މި ބޭސް ހުއްޓާލަން ނުޖެހޭ ކަމަށެވެ.

ނަމަވެސް އެފްޑީއޭ އިން ބުނީ ރެނިޓިޑިންގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ބޭހެއް ޑޮކްޓަރުގެ ލަފަޔާ އެކު ހޯދަންޖެހޭނެ ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފައެއް ނެތި، ބޭސް ސިޓީއަކާ ނުލައި މި ބޭސް ގަންނަ މީހުން އެހެން ބޭހެއް އިހްތިޔާރު ކުރުމަށް ވެސް ލަފާ ދީފައިވެ އެވެ.

ފްރާންސްގެ ސިއްހީ އިދާރާތަކުން ވެސް ބުނީ މި ބޭސްތަކުން ކުއްލި ބޮޑު ނުރައްކަލެއް ނެތް ކަމަށާއި އެކަމަކު ބޭސް ބޭނުންކުރާ މީހުން އެ ބޭނުންކުރުން ހުއްޓާލައި ބަދަލުގައި އެހެން ބޭހެއް ހޯދުން ބުއްދިވެރި ކަމަށެވެ. -- ބީބީސީ