ލައިފްސްޓައިލް / ދީން

ރިވާޔަތްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ އިސްލާމީ މަންހަޖު

އީމާންކަން ޞައްޙަވުމުގެ ޝަރުޠެއްގެ ގޮތުގައި ހިތުގެ އަޑިން ގަބޫލުކުރުން ހިމެނޭ.

ޑރ. ސަޢުދުﷲ ޢަލީ

13 ޑިސެމްބަރ 2019 - 18:05

4 comments

ކީރިތި ޤުރްއާނުގެ އަލްއިސްރާއު ސޫރަތުގެ 36 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "އަދި ތިބާ އަށް އެކަމާމެދު އެނގުމެއް ނުވާ ކަމަކަށް ތަބާނުވާށެވެ! ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތާއި މިކަންތައްތަކުގެ ތެރެއިން ކޮންމެ ކަމަކީ އެކަމަކާ މެދު ސުވާލު ކުރެއްވޭ ކަމެއްކަމުގައިވެ އެވެ." އަދި ޔޫނުސް ސޫރަތުގެ 36 ވަނަ އާޔަތުގެ ބައެއްގެ މާނައިގައިވެ އެވެ. "ހަމަކަށަވަރުން ހީއަކީ ހައްގުގެ ބަދަލުގައި އެއްވެސް އެއްޗެއް ފުއްދައިދޭނެ އެއްޗެއް ނޫނެވެ." މި ދެ އާޔަތަށް ބަލައިލުމުން ހާމަވެގެންދަނީ އިންސާނާ ގަބޫލުކުރާ އެއްވެސް ފިކުރެއް ބިނާކުރުމުގައި ޔަގީންކަމާ އެކު ބުއްދީގެ ހަމަތަކުން ދަލީލު ލިބެން ނެތްނަމަ އިސްލާމްދީން އެ ގަބޫލުނުކުރާނެ ކަމެވެ. އީމާންކަން ޞައްޙަވުމުގެ ޝަރުޠެއްގެ ގޮތުގައި ހިތުގެ އަޑިން ގަބޫލުކުރުން އޮންނަނީވެސް މިހެންވެ އެވެ.

އިސްލާމްދީނުގައި ޢިލްމީ ހަގީގަތްތަކަށް ދޭ މުޤައްދަސް ކަން މިއިން ހާމަވެއެވެ. އަދި ހަގީގަތްތައް ހޯދުމުގައި ޢިލްމާއި ބުއްދީގެ ބޭނުންކުރުމަކީ ދީނީ ކަމަކަށް އިސްލާމްދީން ބަލާކަން ވެސް ހާމަވެ އެވެ. މިހެންވެ ކަންކަމުގެ ހަގީގަތްތަކަށް ވާސިލުވުމުގައި އިސްލާމީ ޢިލްމުވެރިން ޢިލްމީ މަންހަޖެއް ގެންގުޅުއްވަ އެވެ. އެއީ ކަންކަމުގެ ހަގީގަތް ހޯދުމަށް އެބޭފުޅުން އޮންނަ ޝައުގުވެރިކަމެއް ފުއްދުމަށް ވުރެ ބޮޑަށް ދީނީ ގޮތުން މިކަން މުހިންމުވާތީ އެވެ. ކީރިތި ޤުރުއާނުގައި މިކަމަށް ބާރުއަޅާފައިވާތީ އެވެ. އިސްލާމީ ޢަޤީދާއާ މިކަން ގުޅިފައިވާތީ އެވެ. މިކަން ކަށަވަރު ވަނީ މާއްދީގޮތުން މި ޢިލްމުވެރިންނަށް ލިބޭ މާބޮޑު ފައިދާއެއް ނެތް ހިނދު މިފަދަ މަންހަޖަކަށް ތަބާވާން އިޚްތިޔާރު ކުރައްވާފައިވާތީ އެވެ. މި މަންހަޖުގައި އެބޭފުޅުން އެތައް ވަގުތެއް ހޭދަކުރައްވައި، އެތައް މަސައްކަތްތަކެއް ކުރައްވައި، އެހާމެ ބޮޑު ބުރައެއް އުފުއްލަވަން ޖެހިވަޑައިގަންނަވާ އިރުވެސް މެއެވެ.

ވާޔަތްތަކުގެ ޞައްޙަކަން ތަހުގީގު ކުރުމަށް އިސްލާމީ ޢިލްމުވެރިން އިޚްތިޔާރު ކުރައްވާ ގޮތް ބިނާވެފައިވަނީ މައިގަނޑު 3 ޢިލްމެއްގެ މައްޗަށެވެ. އެއީ ޙަދީޘްގެ މުޞްޠަލަޙުތަކާ ގުޅޭ ޢިލްމާއި، ޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ސީރަތު ޢިލްމާއި، ރިވާކުރެއްވި ބޭކަލުންގެ ޢަދުލުވެރިކަމާއި ޢަދުލުވެރިނޫންކަން ބަޔާންކޮށްދޭ ޢިލްމެވެ.

އިސްލާމީ ޢިލްމުވެރިން ހަގީގަތް ދިރާސާ ކުރުމުގައި ގެންގުޅުއްވާ މިދެންނެވި ޢިލްމީ މަންހަޖުގެ ޚުލާޞާއަކީ، ހަގީގަތެކޭ ބުނެ ނަގުލު ކުރެވޭ ޚަބަރެއް ނުވަތަ ރިވާޔަތެއް ނަމަ އޭގެ ޞައްޙަކަން ޔަގީންކަމާ އެކު ސާބިތު ކުރެވެންވާނެ އެވެ. އަދި ހަގީގަތެކޭ ބުނެ ދަޢުވާއެއް ކުރާނަމަ އޭގެ ތެދުކަން ކަށަވަރު ކޮށްދޭނެ ޙުއްޖަތާއި ދަލީލު ލިބެންވާނެ އެވެ. މީގެ ތެރެއިން ޚަބަރެއްގެ ގޮތުގައި ރިވާ ކުރެވޭ ކަންތައްތަކުގައި ބަލަންޖެހޭނީ އެ ރިވާކުރާ މީހަކާއި އެ ރިވާޔަތުގެ އަސްލު މަޞްދަރާ ދެމެދު ގުޅުން އޮތް މިންވަރަކަށެވެ. ސަބަބަކީ މިފަދަ ރިވާޔަތަކާ މެދު ޝައްކެއް ވަސްވާހެއް އުފެދެން އޮތް ދިމާއަކީ މި ދެންނެވި ގުޅުން ކަމުގައިވާތީ އެވެ. ވީމާ ޢިލްމީ ހަމައަކުން ދިރާސާކޮށްގެން ހުރިހާ ޝައްކުތަކާއި ވަހުމްތައް ފިލައި ޔަގީންކަން ލިބިއްޖެ ނަމަ އެ ރިވާޔަތް އެއީ ހަގީގަތެއް ކަމަށް ބަލަން ޖެހޭނެ އެވެ. ދެން އޮތީ ކުރެވޭ ދަޢުވާ ތަކެވެ. މިކަމުގައި ބަލަން ޖެހޭނީ ޢިލްމީ ދަލީލު ތަކަށެވެ. ކަމާ ގުޅުންހުރި، ބުއްދި ގަބޫލު ކުރެވޭ އަދި އެއްވެސް ޝައްކު ކަމެއް ނެތް ދަލީލު ހުރިނަމަ އެ ދަޢުވާއަކީ ވެސް ގަބޫލު ކުރެވޭ ދަޢުވާއެއް ކަމުގައި ބަލަން ޖެހޭނެ އެވެ. މި ދެކަންތަކުގެ ތެރެއިން މި ލިޔުމުގައި މި ތަފްސީލުކޮށްލަނީ ރިވާޔަތްތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި އޮންނަ އިސްލާމީ މަންހަޖަށެވެ. ދަޢުވާތައް ކަށަވަރު ކުރުމުގައި ގެންގުޅޭ މަންހަޖަށް އިރާދަކުރެއްވިއްޔާ އެހެން ލިޔުމެއްގައި އަލިއަޅުވާލާނަ މެވެ.

ރިވާޔަތްތަކުގެ ޞައްޙަކަން ތަހުގީގު ކުރުމަށް އިސްލާމީ ޢިލްމުވެރިން އިޚްތިޔާރު ކުރައްވާ ގޮތް ބިނާވެފައިވަނީ މައިގަނޑު 3 ޢިލްމެއްގެ މައްޗަށެވެ. އެއީ ޙަދީޘްގެ މުޞްޠަލަޙުތަކާ ގުޅޭ ޢިލްމާއި، ޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ސީރަތު ޢިލްމާއި، ރިވާކުރެއްވި ބޭކަލުންގެ ޢަދުލުވެރިކަމާއި ޢަދުލުވެރިނޫންކަން ބަޔާންކޮށްދޭ ޢިލްމެވެ. ކީރިތިރަސޫލާ، ޞައްލަ ﷲ ޢަލައިހި ވަސައްލަމް، ގެ އަރިހުން ވާރިދުވި ކަމަށް ބުނެވޭ ކޮންމެ ރިވާޔަތެއްގެ ވެސް ތެދުކަން ނުވަތަ ނޫންކަން އަދި އޭގެ ދަރަޖަ، މިތިން ޢިލްމު އެކުވެގެން ކަނޑައަޅައި ދެއެވެ. އެހެންކަމުން ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ރިވާޔަތަކާމެދު މި ތިން ޢިލްމުގެ އެހީގައި ދިރާސާކޮށް ބެލުމުން ބައެއް ރިވާޔަތްތައް ޞައްޙަ ކަމުގައި އެންމެ މަތީ ދަރަޖައިން ކަށަވަރު ކުރެވިދާނެ އެވެ. އެއީ ސަނަދުގެ ގޮތުން (ރާވީންގެ ސިލްސިލާއިން) ބަލާއިރު ރިވާ ކުރެއްވި ބޭކަލަކާ ހަމައިން ކީރިތި ރަސޫލާއާ ހަމައަށް ތާރީޚީ ގޮތުން ގުޅުން އޮވެފައި، މިސިލްސިލާގެ ހުރިހާ ރާވީންނަކީ ޢަދުލުވެރި ބަޔަކަށް ވެފައި، ޚުދު އެ ރިވާޔަތުގައި ގަބޫލު ނުކުރެވޭ ފަދަ ގޮތްތަކެއްނެތި، ރިވާ ކުރުމުގައިވެސް ކޮރުކަމެއް ނެތް ކަމުގައިވާނަމަ އެވެ. މިއާ ޚިލާފަށް ދަރަޖައިގެ ގޮތުން ދަށް ވެއްޖެ ނަމަ، އެއީ ޞައްޙަ ރިވާޔަތެއް ކަމުގައި ފަހަރެއްގައި ނުބެލެވިދާނެ އެވެ. އެއީ މިސާލަކަށް ރާވީންގެ ސިލްސިލާއިން ބޮޅެއް ވެއްޓިފައި ވުމެވެ. މިހެންވަނީ ރާވީއަކީ ކާކުކަން ނޭނގުމުގެ ސަބަބުން، ނުވަތަ ރާވީގެ ޢަދުލުވެރިކަމާމެދު ޝައްކު ކުރެވުމުން، ނުވަތަ ރާވީގެ ހިތުދަސްކުރެއްވުން މުޅިން ބަރާބަރު ނޫންކަން ސާބިތުވެފައިވުމުން، ނުވަތަ ޞައްޙަ ގޮތުގައި އައިސްފައިވާ އެހެން ރިވާޔަތްތަކާ އަޅާބަލާއިރު ގަބޫލު ނުކުރެވޭ ގޮތަކަށް އޮތުމުން ފަދަ ކަންކަމުންނެވެ.

ރާވީންނާ ބެހޭ މަޢުލޫމާތުތައް އެހެން ރާވީންގެ ފަރާތުން ހޯއްދެވުމުގަ އާއި، ރާވީންގެ ސިފަތައް ބަޔާން ކުރެއްވުމުގައި އެ ރާވީންނަކީ ޢަދުލުވެރި ބައެއް ނޫން ގޮތުގައި ސިފަކުރައްވަން ޖެހިވަޑައިގަތަސް ޖެހިލުމެއްނެތި ހަރުދަނާ ގޮތެއްގައި މި ޢިލްމުވެރިން ރާވީން ސިފަކުރައްވާފައި ވެއެވެ.

އާދެ، މިއީ ޞައްޙަ ނުޞައްޙަ ވަކި ކުރެވޭ ގޮތެވެ. ނަމަވެސް އިސްލާމީ ޢިލްމުވެރިން މިވަރުން ފުއްދާ ނުލައްވައެވެ. ޞައްޙަ ރިވާޔަތާއި ޞައްޙަ ނޫން ރިވާޔަތުގެ ތަފާތު ދަރަޖަތައް ވެސް ފާހަގަ ކުރައްވައި ތަފާތު ބައިތަކަށް ބައްސަވަ އެވެ. މިގޮތުން ޞައްޙަ ރިވާޔަތުގެ ވެސް ތަފާތު ދަރަޖަ ތަކެއްވެ އެވެ. އަދި ދަރަޖައިގެ ތަފާތުގެ ސަބަބުން ޢަމަލު ކުރުމުގެ ޙުކުމްވެސް ތަފާތުވެއެވެ. މިސާލަކަށް ހުރިހާ ރާވީންނަކީ ވެސް ޢަދުލުވެރި އަދި އެހެން ގޮތްގޮތުން ބަލާއިރު ޞައްޙަވުމުގެ ހުރިހާ ސިފަތަކެއް ފުރިހަމަ އެހެންނަމަވެސް ރާވީންގެ ސިލްސިލާގެ ބައެއް ބޮޅުތަކުގައި (ޢަދުލުވެރި) އެންމެ ރާވީއަކު ހިމެނޭނަމަ އެއީ ކިތަންމެ ކުޑަމިންވަރަކަށް ނަމަވެސް ޝައްކުކަމެއް އޮތް ރިވާޔަތެކެވެ. ހަމައެފަދައިން ސިލްސިލާގެ ބައެއް ބޮޅުތަކުގައި (ޢަދުލުވެރި) ދޭއް ނުވަތަ ތިން ރާވީން ތިބިނަމަ ޔަގީން ކަމަކާ ގާތް ކުރިއަސް ޝައްކުކަން މުޅިން ފިލައިގެން ނުދެ އެވެ. މިއާ ޚިލާފަށް ސިލްސިލާގެ ކޮންމެ ބޮޅެއްގައިވެސް (ޢަދުލުވެރި) ޖަމާޢަތެއް އެކުލެވޭ ނަމަ އެއާމެދު ޝައްކު އުފައްދަން ޖާގައެއް ނެތެވެ. މި ދަރަޖައިގެ ރިވާޔަތްތަކަށް ކިޔަނީ މުތަވާތިރު ރިވާޔަތެވެ. ކީރިތި ޤުރުއާނުގައި މުސްލިމުންނަށް ގޮވާލަނީ ޝައްކަށް ތަބާ ނުވުމަށެވެ. އެހެންކަމުން ޞައްޙަ ރިވާޔަތެއް ކަމުގައިވިއަސް މުތަވާތިރު ނުވާނަމަ ޢަޤީދާއެއްގެ ގޮތުގައި އޭގައި ހިމެނޭ ކަންކަން ގަބޫލު ކުރާކަށް މަޖުބޫރެއް ނުވެއެވެ. އެހެންނަމަވެސް ޝަރުޢީ ޙުކުމް ތަކުގައި މިފަދަ ރިވާޔަތަށް ތަބާވާން ޖެހެއެވެ. އެއީ ދީނަށް ފަރުވާތެރި ވުމުގައި ވީހާވެސް ބޮޑަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ. އަނެއްކޮޅުން ބަލާއިރު މިއީ ހަމަ ޞައްޙަ ރިވާޔަތެއް ކަމަށްވާތީއެވެ.

މިހިސާބުން އުފެދިދާނެ ސުވާލަކީ މި ރިވާޔަތްތައް ޞައްޙަކަން އެނގެނީ ކިހިނަކުންތޯ އެވެ. އެހެނީ، ރާވީންގެ ސިލްސިލާ އެއްކޮށް ބަޔާން ކުރެވިފައި އޮތަސް މި ރާވީން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވިކަން ނުވަތަ ނޫންކަން، އަދި އެބޭފުޅުންގެ ޢަދުލުވެރިކަން ހުރި މިންވަރެއް ރިވާޔަތުގައި ބަޔާންކޮށްފައި ނުވާތީ އެވެ. މީގެ ޖަވާބަކީ ޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ސީރަތު ޢިލްމާއި، ރިވާކުރެއްވި ބޭކަލުންގެ ޢަދުލުވެރިކަމާއި ޢަދުލުވެރިނޫންކަން ބަޔާންކޮށްދޭ ޢިލްމު މިފަދަ ސުވާލުތަކަށް ޖަވާބު ހޯދައިދޭނެ އެވެ. ކޮންމެ ރިވާޔަތެއްގެ ސަނަދުގައި އައިސްފައިވާ ރާވީންގެ ސިޔަރަތާއި، އެރާވީންގެ ޢަދުލުވެރިކަމާއި، އެ ރާވީން އުޅުއްވި ޒަމާން ބަޔާންކޮށް މިފޮތްތަކުގައި ލިޔެވިފައި ވެއެވެ.

މި ތަނުގައި ހަނދާންކޮށްލަން ޖެހޭ ނުކުތާއަކީ މި ދެންނެވި ޢިލްމުތައް ލިޔުއްވާފައިވާ ބޭފުޅުންނަކީ ޢަދުލުވެރި އަދި މިފަދަ ޢިލްމުތަކުގެ މަރުޖިޢު (ރެފަރެންސް) ތަކެއް ފަދަ ބޭފުޅުން ކަމުގައި ވާކަމެވެ. ރާވީންނާ ބެހޭ މަޢުލޫމާތުތައް އެހެން ރާވީންގެ ފަރާތުން ހޯއްދެވުމުގަ އާއި، ރާވީންގެ ސިފަތައް ބަޔާން ކުރެއްވުމުގައި އެ ރާވީންނަކީ ޢަދުލުވެރި ބައެއް ނޫން ގޮތުގައި ސިފަކުރައްވަން ޖެހިވަޑައިގަތަސް ޖެހިލުމެއްނެތި ހަރުދަނާ ގޮތެއްގައި މި ޢިލްމުވެރިން ރާވީން ސިފަކުރައްވާފައި ވެއެވެ. މި ދެ ޢިލްމުގެ އިތުރަށް ޙަދީޘް ގެ މުޞްތަލަޙު ޢިލްމުގައި ޙަދީޘްތައް ތަފާތު ބައިތަކަށް ގިންތި ކުރެވިފައި ވެއެވެ. ޞައްޙަވުމާއި ނުވުމުގެ އެކި ދަރަޖަތަކަށް ފަންތި ކުރެވިފައި ވެ އެވެ. ކޮންމެ ދަރަޖައެއް ވަކިކުރާނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅިފައި ވެ އެވެ. ދަރަޖަތައް ތަފާތުވުމުން ރިވާޔަތްތަކަށް ޢަމަލު ކުރުމުގެ ޙުކުމަށް އަންނަ ތަފާތު ވެސް ބަޔާން ކުރެވިފައި ވެ އެވެ. ވީމާ މިހުރިހާ ޢިލްމުތަކެއްގެ އެހީގައި ރިވާޔަތްތަކުގެ ޞައްޙަކަން ކިތަންމެހާވެސް ސާފުކޮށް ބަޔާންކޮށް ދެ އެވެ. އޮޅުމަކުން ސައްހަނޫން ރިވާޔަތެއް ވަނަސް ފަސޭހަ ކަމާ އެކު ފާހަގަ ކޮށްލެވޭ ދަރަޖަ އަށެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލު

14 December 2019

ކިތަންމެ ގޮތަކަށް މަސައްކަތްކުރިޔަސް، ބާތިލެއް ހައްޤީގަތަކަށް ނުހެދޭނެ.

The name is already taken The name is available. Register?

އަލީ ރަޝީދު

14 December 2019

ޙަދީޘްތައް ސައްޙަތޯ ސައްޙަނޫންތޯ އެއީ މުސްލިމުންގެ ތެރޭގައި އުޅޭ އާންމު މީހުން ކުރަން އޮތްކަމެއްނޫން. ސުންނީ އިސްލާމްގައި ޢާންމުމީހުން އުޅެންވީގޮތް އޮތީ ވަރަށް ސާފުކޮށް 4 މަޛްހަބުގެ ޢިލްމުވެރިން ބަޔާންކުރައްވާފައި. އެބޭފުޅުންއުޅުއްވީ އެންމެ މާތް ޒަމާނުގައި. އެބޭފުޅުންނަށް ނުވިސްނުނު އެއްޗެއް 2019ގައި އުޅޭ ޢަރަބިވެސް ނުދަންނަ ދިވެހިންނަކަށް ނޭގޭނެ

The name is already taken The name is available. Register?

އަބުއާ

14 December 2019

ވަަރަށްގިނަ މައުލޫމާތު ހިމެނޭ ލިޔުމެއް. ނަމަވެސް ދެރައީ ލިޔުންތެރިޔާގެ މައުލޫމާތު އެނގެން ނެތީމަ. ގަޫލުކުރަނީ ހުރިހާ ލޔުމެއްގާވެސް, ޚާއްސަކޮށް ދީނީ ލިޔުން ތަކުގައި ލޔުނެތެރިޔާގެ މައުލޫމާތު އޮންނަންޖެހޭނެކަމަށް.

The name is already taken The name is available. Register?

ޝުކުރު

13 December 2019

ވަރަށް މަޢުލޫމާތު ލިބިއްޖެ. އަދި ވަރަށް ރަނގަޅު "އިސްލާމީ ނަޒަރަކުން ނަމާދުގައާއި އެހެނިހެން ކަންކަމުގައި ޝައްކު އުފެދުމުން ކަންތައް ކުރާނެ ގޮތް" މިފަދަ މަޢުލޫއަަކަށް ރިޕޯޓެއް/ލިޔުމެއް ހުށަހަޅުއްވައި ދެއވިއްޔާ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454