ޖޭމްސް ނޯޓަން.
27 ޑިސެމްބަރ 2019 - 07:49
ސްކޫލްގައި ކިޔެވި ދުވަސްވަރު ވަރަށް ބޮޑަށް ބުލީގެ ޝިކާރަ އަކަށް ވި ކަމަށް އިނގިރޭސި އެކްޓަރު ޖޭމްސް ނޯޓަން ބުނެފި އެވެ.
ޖޭމްސް ބޮންޑްގެ ރޯލް ވެސް ކުޅުމުގެ ފުރުސަތު އޮތް ކަމަށް ގިނަ ބަޔަކު ލަފާކުރާ އުމުރުން 34 އަހަރުގެ އެކްޓަރު ޑެއިލީ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ބުނީ ސްކޫލް ހަޔާތަކީ އެންމެ އުފާވެރި ދުވަސްތައް ނޫން ކަމަށެވެ. އެގޮތުން، ގިނަ ދުވަސްތަކެއް ވަންދެން އެހެން ކުދިންގެ ފަރާތުން ބުލީއާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
އެކަމަކު، އެއްވެސް އިރެއްގައި އެކަމާ މާޔޫސް ވެގެން، ހިތްވަރު އެލުވައިނުލާ ކަމަށް، ބުރާސްފަތި ދުވަހު ރިލީޒްކުރި "ލިޓްލް ވިމެން" ގެ ރޯލެއް ވެސް ކުޅެފައިވާ ޖޭމްސް ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ބުލީގެ ސަބަބުން ކުރިމަތިވި މައްސަލަތަކުން އަރައިގަތުމަށް އެންމެ ބޮޑަށް އެހީތެރިވެ ދިނީ ފާދިރީ އެކެވެ. އަދި ދިމާވާ ކަންކަމުގެ ވާހަކަ އަބަދު ވެސް އޭނާއާ ހިއްސާ ކުރި ކަމަށް ބުންޏެވެ.
"އަހަރެން ބުނާނީ ސްކޫލް ހަޔާތް އެހާ އުފާވެރި ނޫން ނަމަވެސް ކިޔެވި ދުވަސްވަރު ވަރަށް ރަނގަޅު ރައްޓެހިންތަކެއް ވެސް ލިބުނޭ،" ޖޭމްސް ބުންޏެވެ.
"އޭގެ ތެރެއިން ބައެއް މީހުންނަކީ ހަމަ ކުރިއެކޭ އެއްގޮތަށް އަދިވެސް އެ ގާތްކަން އޮންނަ މީހުން. އަހަރެން ވަރަށް އުފާކުރަން އެކަމާ."
"ހެޕީ ވެލީ" އާއި "ގްރާންޓްޗެސްޓާ" އާއި "ވޯ އެންޑް ޕީސް" އަދި "ރެސްލެޒް" ފަދަ އެތައް ސިލްސިލާ އަކުން ފެނިފައިވާ ޖޭމްސް ކުޅުނު ފިލްމުތަކުގެ ތެރޭގައި "މިސްޓަ ޓާނާ"، "ހެމްޕްސްޓެޑް" އަދި "މިސްޓަ ޖޯންސް" ހިމެނެ އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތިންގްސް ހާޑް އެންޑް ސީން" އާއި "ނޯވެއާ ސްޕެޝަލް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy