ޕޮޕްކޯން.
15 ޖެނުއަރީ 2020 - 06:14
ފިލްމަކަށް ގޮސް ކެއި ޕޮޕްކޯންގެ އެތިކޮޅެއް ދަތުގައި ތާށިވެގެން އުފެދުނު ސީރިއަސް އިންފެކްޝަންތަކަކާ ގުޅިގެން މީހަކަށް ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހި، އުމުރު ދުވަހަށް ޕޮޕްކޯނަށް އަލްވަދާއު ކިޔައިފި އެވެ.
މިކަން ކުރިމަތިވި އިނގިރޭސިވިލާތުގެ ކޯންވޯލްގައި ދިރިއުޅޭ އެޑަމް މާޓިން، 41، ގެ އަންހެނުން ހެލެން މާޓިން ވަނީ ފިރިމީހާ އަށް ކުރަން ޖެހުނު ވޭން ގަދަ ތަޖުރިބާގެ ވާހަކަ މި މަހުގެ ދެ ވަނަ ދުވަހު ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. އަދި އޭނާ ވަނީ ޕޮޕްކޯން ކޮޅެއް ދަތްތަކުގެ ދޭތެރޭގައި ތާށިވެ، އެ ނެރެން އުނދަގޫވެއްޖެ ނަމަ ދަތުގެ ޑަކްޓަރެއްގެ އެހީ ހޯދަން ވެސް އެދިފަ އެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ފުރަތަމަ ކަމަށް އެންޓިބައޮޓިކަކުން ވެސް ހައްލު ހޯދިދާނެކަން ފާހަގަކޮށްފައިވެ އެވެ.
ހެލެން ބުނި ގޮތުގައި ފިރިމީހާ އެންޓިބަޔޮޓިކް އެންމެ ފުރަތަމަ ވެސް ބޭނުންކުރި ނަމަ ފަހުން އުފުލަން ޖެހުނު ވޭނާ ކުރިމަތިލާކަށް ނުޖެހުނީހެވެ.
އެޑަމް ކިޔައިދީފައިވާ ގޮތުގައި އޭނާގެ އަނގައިގެ އެންމެ އެތެރޭގެ ދަތްތަކެއްގެ ދޭތެރޭގައި ޕޮޕްކޯންކޮޅެއް ތާށިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އަންހެނުންނާ އެކު ސިނަމާ އަށް ފިލްމެއް ބަލަން ގޮސް އިނދެ ޕޮޕްކޯން ކެއުމުގެ ތެރޭގަ އެވެ. ތާށިވި ޕޮޕްކޯން ކޮޅުގެ އުނދަގޫ އޭނާ އަށް ވާން ފެށީ އޭގެ ދެ ހަފުތާ ފަހުންނެވެ. އެގޮތުން އެ ނަގަން އެކި ގޮތްގޮތަށް އަމިއްލަ އަށް ކުރި މަސައްކަތް ކާމިޔާބު ނުވެ، ސިއްހީ އެކި ކަހަލަ މައްސަލަތައް އެޑަމަށް ކުރިމަތިވާން ފެށި އެވެ. އޭގެ ތެރޭގައި ފައިގައި ރިއްސުމާއި ނިދަން އުނދަގޫވުން ހިމެނެ އެވެ.
"ޓޫތު ޕިކާއި ހިމަ ނަރުކޮޅަކާއި މޮހޮހަރަކާއި ގަލަމެއްގެ ދޯރި ކޮއްޕައިގެން ވެސް އަހަރެން އެ ޕޮޕްކޯންކޮޅު ނަގަން ވަރަށް މަސައްކަތްކުރިން. އެކަމަކު އެކަން ކާމިޔާބު ނުވެ، ދިގުލައިގެން ގޮސް ހިރުގަނޑުގައި އިންފެކްޝަން އުފެދި މިކަން ސިއްހީ ބޮޑު މައްސަލައަކަށްވީ،" އެޑަމް ބުންޏެވެ.
ޑޮކްޓަރުން އޭނާ ބަލާފައި ބުނީ ހިތު ލޭހޮޅިތަކުގައި ވެސް އިންފެކްޝަން އުފެދި، ދެން ސަލާމަތްވާން އޮތީ ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްގެންނެވެ. އެހެންވެ އެ ނޫން ގޮތެއް ނެތިގެން ޕޮޕްކޯންކޮޅަކާ ހެދި ފުރާނަ ސަލާމަތްކުރަން އޮޕަރޭޝަން ކުރަން ޖެހުނީ އެވެ.
"މި ވަރުގެ ކަމެއް ހަޔާތުގައި ދުވަހަކު ވެސް އަދި ދިމައެއްނުވޭ. ފުރަތަމަ ސަލާމަތްވީ ހަމަ ކިރިޔާ،" އެޑަމް ބުންޏެވެ. "ދެން މުޅިއުމުރަށް ޕޮޕްކޯނަށް ސަލާން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy