16 ޖެނުއަރީ 2020 - 06:24
ދަތް އުނގުޅާ ބޭހުގެ މަޝްހޫރު ބްރޭންޑް ކޮލްގެޓުން މުޅިން އަލަށް ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް ނެރެފި އެވެ.
"ސްމައިލް ފޮ ގުޑް" ގެ ނަމުގައި ނެރުނު ބޭހުގެ އެންމެ ހާއްސަ ކަމަކީ ފުރަތަމަ ފަހަރަށް ވީޖަން ދަތް އުނގުޅާ ބޭހެއް ނެރުމެވެ. މި ބޭސް ހާއްސަ ވަނީ ހަމައެކަނި ޕްލާންޓް ބޭސްޑް-ޑައިޓް ނުވަތަ ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް ބަރޯސާވާ މީހުންނަށެވެ. އެގޮތުން މީގެ ދެ ވައްތަރެއް ވަނީ ނެރެފަ އެވެ. އެއީ "ސްމައިލް ގުޑް ފޮ ޕްރޮޓެކްޝަން" އާއި "ސްމައިލް ގުޑް ފޮ ވައިޓެނިން" އެވެ.
އާ ބޭހުގެ ހާއްސަ އަނެއް ކަމަކީ ރިސައިކަލްކުރެވޭ އުރައެއްގައި އަލަށް ކޮލްގެޓް ބޭސް ނެރުމެވެ. މިހާތަނަށް ކޮލްގެޓް ދަތް އުނގުޅާ ބޭސް އަޅާފައި ހުންނަ އުރަ ތައްޔާރުކުރަނީ ރިސައިކަލްނުކުރެވޭ ޕްލާސްޓިކާއި އެލުމިނިއަމްގެ މާއްދާތައް ބޭނުންކޮށްގެންނެވެ.
އެހެންވެ އަލަށް ނެރުނު ދަތް އުނގުޅާ ބޭހާއި އޭގެ އުރަ އަކީ ވެސް ތިމާވެއްޓާ ވަރަށް ރައްޓެހި އުފެއްދުމަކަށް ވާނެ ކަމަށާއި މިއީ ބަދަލެއްގެ ފެށުން ކަމަށް ވެސް ކޮލްގެޓުން ބުންޏެވެ. އާ އުފެއްދުމުގެ ޓިއުބް ތައްޔާރުކޮށްފައި ވަނީ ހައި ޑެންސިޓީ ޕޮލިތެލިން (އެޗްޑީޕީއީ) އިންނެވެ. އަދި ބޭސް ވީޖަން ސޮސައިޓީން ވަނީ ސެޓިފައިކޮށްފަ އެވެ.
ކޮލްގެޓް-ޕާމްއޮލިވްގެ ޗީފް އެކްޒެކެޓިވް ނޮއެލް ވެލޭސް ވިދާޅުވި ގޮތުގައި "ގުޑް ފޮ ސްމައިލް" އަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް އެ ކުންފުނިން މިހާރު އިސްކަންދޭކަން ހާމަކޮށްދޭނެ އެއްޗެއް ކަމަށެވެ. އަދި މީގެ ސަބަބުން ދުނިޔެ އަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނިބުނީގެ މައްސަލަ އަށް އެހީތެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.
"މި މަސައްކަތް ކާމިޔާބުކުރެވޭނެ. ބޭނުން ވަނީ އިހުލާސްތެރިކަމާއި ހިތްވަރު. އަހަރެމެން ދޭނެ ޔަގީން ކަމަކީ އާ ޓިއުބްގައި ނެރުނު ބޭހަކީ ވެސް ވަރަށް ފެންވަރު ރަނގަޅު، ބޭނުންކުރަން ފަސޭހަ ގިނަ ބަޔަކު އިތުބާރުކުރާ އުފެއްދުމަކަަށް ވާނެކަން،" ނޮއެލް ވިދާޅުވި އެވެ.
ސްޕަމާކެޓް ކުންފުނިތައް ކަމަށްވާ ވެއިޓްރޯޒް އާއި ބޫޓްސްގެ އައުޓްލެޓްތަކުން މި ވަގުތު ލިބެން ހުރި 75 އެމްއެލްގެ "ސްމައިލް ފޮ ގުޑް" ގެ ރިޓެއިލް އަގަކީ 5 ޕައުންޑް (6.50 ޑޮލަރު) އެވެ.
ކޮލްގެޓުން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ 2025 ގެ ފަހުން އެ ކުންފުނީގެ ހުރިހާ އުފެއްދުމެއް ރިސައިކަލްކުރެވޭ ތަކެތީގައި ނެރުމެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި ދުނިޔޭގައި އުފެދޭ ޕްލާސްޓިކް ކުނީގެ ތެރޭގައި ދަތް އުނގުޅާ ބޭސް އުރައިގެ 20 ބިލިއަން އުރަ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy