އެފްރިކާގެ މުއްސަނދި އަންހެނާ ވަނީ "ގައުމު ލޫޓުވާލާފައި"

އިނގިރޭސިވިލާތުގައި ދިރިއުޅޭ އެފްރިކާ ބައްރުގެ އެންމެ މުއްސަނދި އަންހެނާގެ ގޮތުގައި މަޝްހޫރުވެފައިވާ އެންގޯލާގެ އީޒަބެލް ޑޮސް ސަންޓޯސް ވަނީ "ގައުމު ލޫޓްވާފައި" ކަމަށް އޭނާއާ ގުޅޭ ގޮތުން އާންމުވެފައިވާ ލިޔުންތަކަކުން ހާމަވެއްޖެ އެވެ.


ކުރިން ވެސް ކޮރަޕްޝަނާއި ނުހައްގުން މުދާ ހޯދައި މުއްސަނދިކަން ހޯދާފައިވާ ކަމުގެ ތުހުމަތުތައް ކުރެވި، ޖިނާއީ ތަހުގީގުތަކެއް ވެސް ހިނގާ އީޒެބެލް، 46، އާ ގުޅޭ ގޮތުން އާންމުވެފައިވާ ލިޔެކިޔުންތަކުގެ އަދަދު 7،000،000 އަށް އަރަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި އެންގޯލާގެ ކުރީގެ ރައީސް ޖޯޒް އެޑްއާޑޯ ޑޮސް ސަންޓޯސްގެ ދަރިކަލުންނާއި އޭނާގެ ފިރިމީހާ ސިންޑިކާ ޑޮކޯލޯ، 47، ވަނީ އެންގޯލާގެ މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުންކޮށް، "ގައުމު ލޫޓްވާލައިފަ" އެވެ. އަދި ދެ މީހުން ނާޖާއީޒު ގޮތުގައި ހިންގާފައިވާ އެތައް މުއާމަލާތަކާ ބެހޭ މައުލޫމާތުތައް ލިޔުންތަކުގައިވެ އެވެ.

އީޒަބެލްގެ މިލްކިއްޔާތުގައި އަގު ބޮޑު ބިންތަކާއި ތެލާއި ޖަވާހިރުގެ ވިޔަފާރީގެ އިތުރުން މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން އަގު ބޮޑު އެތައް ޕްރޮޕަޓީއެއް ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ލަންޑަނުން ގަނެފައިވާ އަގުބޮޑު ގެތައް ވެސް ހިމެނެ އެވެ.

އެންގޯލާގެ ގުދުރަތީ މުއްސަނދިކަން ވެސް އަމިއްލަ އަށް މަންފާ އަށް "ނިގުޅައިގެންފައިވާ" ކަމުގެ ތުހުމަތު އީޒެބެލްގެ މައްޗަށް ކުރާ އިރު އޭނާ ވަނީ އެ ތުހުމަތުތަކަކީ ސިޔާސީ ބޭނުމެއްގައި އެންގޯލާގެ މިހާރު ސަރުކާރުން ކުރާ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ.

ތިން ކުދިންގެ މަންމަ އީޒަބެލްގެ މިލްކިއްޔާތު 2.1 ބިލިއަން ޑޮލަރަށް އަރަ އެވެ.