ޖަޕާނު މަހުޖަނު ބައިވެރިޔަކާ އެކު ހަނދަށް ކުރާ ދަތުރު ކެންސަލްކޮށްފި

ޖަޕާނުގެ މަޝްހޫރު މަހުޖަނު ޔުސާކޫ މައެޒާވާއާ އެކު ހަނދަށް ދާނެ އަންހެނަކު ހޯދަން ހުޅުވާލައި 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައި ވަނިކޮށް، ބައިވެރިއަކު ހޯދަން ނިންމި ނިންމުން ކެންސަލްކޮށްފި އެވެ.


އުމުރުން 44 އަހަރުގެ މަހުޖަނު ބުރާސްފަތި ދުވަހު ކުރި ޓްވީޓްތަކެއްގައި ބުނީ ބައިވެރިއަކު ގޮވައިގެން ހަނދާން ދާން ނިންމި ނިންމުން އަމިއްލަ ސަބަބުތަކާ ހެދި ކެންސަލްކޮށްފައިވާ ކަމަށެވެ.

އެކުގައި ހަނދަށް ދާނެ މީހަކު ހޯދަން މި މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށް، 17 ވަނަ ދުވަހަށް މުއްދަތު ހަމަވި އިރު، ޖުމްލަ 27،722 އަންހެނުން ކުރިމަތިލާފައިވެ އެވެެ.

ނަމަވެސް ބައިވެރިއަކަށް ދޭން ނިންމި ފުރުސަތު ކެންސަލްކުރުމަކީ ކުރިމަތިލި އަންހެނުންނަށް ލިބޭނެ ވަރަށް ބޮޑު މާޔޫސް ކަމަކަށް ވާނެ އެވެ. ޔުސާކޫގެ ޓްވީޓްތަކުގައި އެކަމަށް މާފަށް އެދިފައިވެ އެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން ޔުސާކޫއާ އެކު ހަނދަށް ގެންދަން ކޮލިފައިވާ މީހަކު އިއުލާންކުރަން އޮތީ މާޗް މަހުގެ ފަހުކޮޅު އެވެ. އަދި ހަނދަށް ކުރާ ދަތުރު ޖަޕާނުގެ އަބީމާ ޓީވީން "ފުލް މޫން ލަވާޒް" ގެ ނަމުގައި ލައިވް-ސްޓްރީމްކުރާ ގޮތަށް ވެސް އޮތީ ހަމަޖައްސައިފަ އެވެ.

ބައިވެރިއަކު ގެންދިއުން ކެންސަލްކުރި ނަމަވެސް އީލޮން މަސްކްގެ ސްޕޭސް އެެކްސް އިން 2023 ގައި ފަށާ ސްޕޭސް ޓޫރިޒަމް ޕްރޮގްރާމްގެ ތެރެއިން ޔުސާކޫ ހަނދަށް ދަތުރުކުރާނެ އެވެ.

އަދި ކުރިން ރޭވި ގޮތާ ހިލާފަށް އެ ދަތުރުގެ ލައިވް-ސްޓްރީމް ޖަޕާނުގެ އަބީމާ ޓީވީން "ފުލް މޫން ލަވާޒް" ގެ ނަމުގައި ޑޮކިއުމަންޓްކުރުން ވެސް ކެންސަލްކޮށްފައިވާ ކަމަށް ޔޫކާސޫގެ ޓްވީޓްގައި ބުންޏެވެ.