14 ފެބުރުއަރީ 2020 - 08:23
އުމުރުން ދުވަސްވީ މީހުން ގޮލްފް ކުޅޭ ނަމަ އުމުރު ދިގުވާ ކަމަށް މިހާރު ހަދަމުން އަންނަ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ޒީނަތު ގްރޭޝީ ސްޓްރޯކް އިންސްޓިޓިއުޓް އިސްކޮށް އޮވެގެން ހަދާ މި ދިރާސާ މި މަހުގެ ފަހުކޮޅު ރަސްމީކޮށް އާންމުކުރަން ނިންމާފައިވާ އިރު، ދިރާސާ ހަދާ ޓީމްގައި ހިމެނޭ މިޒޮރީ ޔުނިވަސިޓީގެ ނިއުރޮލޮޖީ ޕްރޮފެސަރު ޑރ. އަދުނާން ގްރޭޝީ ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާއި އެފަދަ މީހުން މަރުވާ ސަބަބުތައް ދެނެގުމަށް އެއްކޮށްފައިވާ ޑޭޓާތަކެއް އެނަލައިޒްކޮށްގެން ހަދާ ދިރާސާ އިން ފާހަގަކުރެވުނު މައިގަނޑު އެއް ކަމަކީ ގޮލްފް ކުޅޭ ނަމަ ދުވަސްވީ މީހުންނަށް ސްޓްރޯކާއި ހާޓްއެޓޭކް ޖެހުން ފަދަ ހިތުގެ އެކި ކަހަލަ މައްސަލަތަކުން ދުރުކޮށްދޭ ކަމެވެ.
އެގޮތުން މަހަކު އެއް ފަހަރު ގޮލްފް ކުޅޭ މީހުންނާއި އެއްގޮތަކަށް ވެސް ގޮލްފް ނުކުޅޭ އުމުރުން ދުވަސްވީ މީހުން އަޅާކިޔާ އިރު، ގޮލްފް ކުޅޭ މީހުންގެ އުމުރު ކުރުވުމުގެ ފުރުސަތު 8 ޕަސެންޓަށް ދަށްކޮށްދޭ ކަމަށް ވިދާޅުވި އެވެ.
"ގޮލްފް ކުޅުމަކީ މީހާ ނަފުސާނީ ގޮތުން ވެސް ދުޅަހެޔޮކޮށް ދޭ ކަމެއް. އަދި ދިގު މުއްދަތަކަށް ގޮލްފް ކުޅޭ މީހުންގެ ސިއްހަތު ގޮލްފް އެއްގޮތަކަށް ވެސް ނުކުޅޭ މީހުންނާ އަޅާބަލާ އިރު، ވަރަށް ބޮޑުތަނުން ރަނގަޅުކަން ހާމަވޭ،" އަދުނާން ވިދާޅުވި އެވެ. "އެހެންވެ އާދަކޮށް ދުވަސްވީ މީހުން ގޮލްފް ތެރޭގައި އުޅުމަކީ ވަރަށް ރަނގަޅު ކަމަކަށް ވާނެ."
އޭނާ ވިދާޅުވި ގޮތުގައި ގޮލްފުން ދުވަސްވީ މީހުންނަށް ލިއްބައިދޭ ފައިދާ އަކީ އެ ކުޅިވަރަކީ މީހާ ރިލެކްސްކޮށްދޭ ކުޅިވަރަކަށްވުމެވެ. އަދި ވަރަށް ހަމަޖެހިލައިގެން ހުރެ، ގުދުރަތީ ފެހި މާހައުލެއްގެ ތެރޭގައި ގޮލްފޮ ކުޅޭތީ އެއީ ދުވަސްވީ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކުޅިވަރެއް ވިދާޅުވި އެވެ.
"ގޮލްފް ކުޅުމުން ދުވަސްވީ މީހުންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު މާ ބޮޑު އުނދަގޫތަކާ ނުލައި އެބަ ލިބޭ. މި ކުޅިވަރަކީ މާ ބޮޑަށް ހަރަކާތްތެރިވާން ނުޖެހޭ ކުޅިވަރަކަށްވެފައި ސާފު ވައި ލިބޭ މާހައުލެއްގައި ކުޅެން ލިބޭ ކުޅިވަރެއް ގޮލްފަކީ،" އަދުނާން ވިދާޅުވި އެވެ. "އަނެއްކޮޅުން މީގެ ސަބަބުން ސޯޝަލައިޒްވުމުގެ ފުރުސަތު ވެސް އެބަލިބޭ. އެހެން މީހުންނާ އެކު އުޅެ، ވަގުތު ހޭދަކުރަން ލިބުމަކީ ސިއްހަތަށް ޕޮޒިޓިބް ބަދަލުތަކެއް ގެނުވާ ކަމެއް."
މި ދިރާސާ މި މަހުގެ ފަހުކޮޅު އެމެރިކާގެ ލޮސް އެންޖެލިސްގައި ބާއްވާ އެމެރިކަން ސްޓްރޯކް އެސޯސިއޭޝަން އިންޓަނެޝަނަލް ސްޓްރޯކް ކޮންފަރެންސަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ގޮލްފަކީ އާންމުކޮށް ތަންކޮޅެއް މުއްސަނދި މީހުން ކުޅޭ ކުޅިވަރެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ކުޅިވަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
14 February 2020
ގޮލްފް އަކީ ވަރަށް މުއްސަނދި މީހުން ކުޅޭ ކުޅިވަރެއް. އެމީހުންނަށް އާންމު މީހުންނާ ނިސްބަތުން އަޅާބަލާއިރު ސިއްހަތަށް ރަނގަޅު ކާނާއާއި ބޭސްފަރުވާއާއި ރަނގަޅު މަސައްކަތާ މިހެންގޮސް އުމުރު ދިގުވާނެ ވަރަށް ބައިވަރު ކަންކަން އެފޯޑް ކުރެވޭނެ. ތީގަ މުހިންމީ ގޮލްފެެއް ނޫން. ތިއިން ލިބޭ ފައިދާއެެއް އެކްޓިވްކޮށް ގުދުރަތީ މާހައުލެއްގަ އުޅުނީމަ އެހެން މީހުންނަށްވެސް ލިބޭނެ.
އާންމުން
14 February 2020
ގޮލްފަށްވުރެއް ނަމާދު މާފައިދާބޮޑު