07 އެޕްރީލް 2020 - 08:06
ކޮރޮނޯވައިރަހުގެ މި ހާސްކަމުގެ ތެރޭގައި ވެސް މަޖާ އަދި އުފާވާ ކަހަލަ ކިތަންމެ ކަމެއް އެބަ ފެނެ އެވެ.
މިހާރު އެންމެ ވައިރަލްކޮށް އެނބުރޭ އެއް ވީޑިއޯ އަކީ ކުއްތާއެއް ވޮލީކުޅޭ ތަން ފެންނަ ވީޑިއޯއެކެވެ. އޭގައި ފެންނަނީ ވޮލީ ކޯޓެއްގެ އެއްކޮޅުގައި ދެ މީހަކު އަނެއް ކޮޅުގައި މީހަކާއި ކަޅު ކުލައިގެ ކުއްތާއެއް ތިބެގެން ކުޅެނިކޮށެވެ.
މި ވީޑިއޯ ގިނަ ބައެއްގެ ސަމާލުކަމަށް ކުއްތާ "ވަރަށް މޮޅަށް" ކުޅޭތަން ފެންނާތީ އެވެ. ބޯޅައިގައި ޝޯޓެއް ޖަހައިލަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އޭތި ވަރަށް ރަނގަޅަށް ހިފާ ތަން ފެނެ އެވެ. މި ވީޑިއޯގެ ކުރިން މި ކުއްތާ ދެ މީހަކާ އެކު ވޮލީ އަށް ޕްރެކްޓިސްކުރާ ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ.
އިންސްޓަގްރާމްގައި މި ވީޑިއޯތައް އާންމުކޮށްފައި ވަނީ ނޯވޭގެ ވޮލީ ޓީމެއް ކަމަށްވާ ބީޗްވޮލީވައިކިންސް އިންނެވެ. ކިއާރާގެ ނަން ދީފައިވާ އަންހެން ކުއްތާ މީހުންނާ އެކު ވޮލީ ކުޅޭ މި ވީޑިއޯ ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ވެސް ހިއްސާކޮށްފައިވާ އިރު، އެ ބެލި މީހުންގެ އަދަދު އެތައް ލައްކައަކަށް އަރަ އެވެ.
Don’t send me another video via WhatsApp unless it’s this good. pic.twitter.com/u8clZJ8qoV
— Jarlath Regan (@Jarlath) April 4, 2020
ކިއާރާ އަށް ލިބުނު ސަމާލުކަމާ އެކު ޓީމުން މިހާރު ވަނީ އޭތީގެ ނަމުގައި ވެސް އިންސްޓަގްރާމް އެކައުންޓެއް ހަދައިފަ އެވެ. ކިއާރާދަވޮލީޑޯގް ނަމުގައި ހެދި އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު މިހާރު 18،000 އަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy