11 އެޕްރީލް 2020 - 08:56
މިދިޔަ އަހަރު ކައިވެނި ރޫޅައިލި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަޑެލް އާއި އޭނާގެ ކުރީގެ ފިރީމީހާ ސައިމަން ކޮނެކީ އެކީގައި ދިރިއުޅުނު ގެ ނުއަގުގައި ވިއްކާލައިފި އެވެ.
އަށާރަ ވަނަ ގަރުނުގައި އިނގިރޭސިވިލާތުގެ ވެސްޓް ސަސިކްސްގެ އީސްޓް ގްރިންސްޓެޑްގައި އިމާރާތްކޮށްފައިވާ ހިތްގައިމު ގެ މީގެ ތިން އަހަރު ކުރިން އަޑެލް ގަތީ 4 މިލިއަން ޕައުންޑަށެވެ. ނަމަވެސް ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިއްކައިލަން އިއުލާންކުރިތާ ދުވަސްތަކެއް ފަހުން އެ ގެ ދޫކޮށްލީ އެއް މިލިއަން ޕައުންޑްގެ ގެއްލުމަކާ އެކު ތިން މިލިއަން ޕައުންޑަށެވެ.
ގާތްގަނޑަކަށް 48 އޭކަރުގެ ބިމެއްގައި އިމާރާތްކޮށްފައިވާ 8 ކޮޓަރީގެ އެ ގެއަކީ މި ޒަމާނުގެ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށް ފަހުން ބަދަލުތަކެއް ވެސް ގެނެސްފައިވާ ގެއެކެވެ. އޭގެ ތެރޭގައި ޕޫލާއި ޓެނިސް ކޯޓާއި ޖިމް ފަދަ ވަސީލަތްތައް ހިމެނެ އެވެ.
އެ ގެއަކީ އަޑެލް އާއި ސައިމަން 2016 ގައި ލޯބީގެ ގޮތުން ގުޅުނީއްސުރެ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވަކިވުމާ ހަމައަށް ހަތް އަހަރުގެ އަންހެން ދަރިފުޅާ އެކު ދިރިއުޅުނު ގެ އެވެ.
މިލިއަން ޕައުންޑްގެ ގެއްލުމަކާ އެކު ގެ ވިއްކައިލި ނަމަވެސް އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަޑެލް، 31، ގެ އެތައް ޕްރޮޕަޓީއެއް އިނގިރޭސިވިލާތުގެ އެތައް ތަނެއްގައި ހުރެ އެވެ. އޭގެ ތެރޭގައި ވެސްޓް ލަންޑަނުގައި ހުންނަ އަގުބޮޑު ފްލެޓް ހިމެނެ އެވެ.
އަޑެލް އާއި ސައިމަން ވަކިވި ފަހުން، އަޑެލް ވަނީ ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލައި، އެހެން މީހަކާ ލޯބީގެ ގުޅުމެއް ވެސް ބާއްވައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިހާރު އެމެރިކާގެ ލޮސް އެންޖެލިސްގައި އާންމުކޮށް ދިރިއުޅޭ އަޑެލް ފަހުން ގުޅުނީ ސްކެޕްޓާގެ ނަމުން މަޝްހޫރު އިނގިރޭސި ރެޕް އާޓިސްޓް ޖޯސެފް ޖޫނިއާ އަޑުންގާ، 37، އާ އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ އެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ޑެއިލީ މެއިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުލް ސަލީމް
11 April 2020
ދެން މަމެން ކިހިނެކޯ ހަދާންވީ.