ލޯބިވެރިޔާ ރުޅިވުމުން ގޭ ދޮރުމައްޗަށް 1 ޓަނު ފިޔާ އަޅާލައިފި

ލޯބިވެރިޔާ ރުޅިވުމުން ލިބުނު ހިތާމަ އާއި އެޅި ކަރުނައިގެ ބަދަލެއްގެ ގޮތުގައި ޗައިނާ އަންހެނަކު ކުރީގެ ލޯބިވެރިޔާގެ ގޭދޮރުމައްޗަށް 1 ޓަނުގެ ފިޔާ އަޅާލައިފި އެވެ.


މިކަން ކޮށްފައި ވަނީ ފިޔާ ވިއްކާ ބަޔަކާ ހަވާލުކޮށްގެންނެވެ. އެގޮތުން 1،000 ކިލޯގެ ފިޔާ އަށް އޯޑަރު ދީފައި، އެ ގެންގޮސް އަޅައިލަން އަންހެން ބުނީ ކުރީގެ ލޯބިވެރިޔާގެ ގޭ ދޮރުމައްޗަށެވެ. އެއީ ގާތްގަނޑަކަށް 40 ވަރަކަށް ބަސްތާ އެވެ. އަދި އަންހެން މީހާ ދިން އިރުޝާދާ އެއްގޮތަށް އެކަންކޮށްފައިވެ އެވެ.

ފިރިހެން މީހާ ބޭރުތެރޭގައި އުޅެފައި ގެއަށް ދިޔަ އިރު، ދޮރުމަތި އޮތީ ފިޔާބަސްތަކާތަކުން ފުނިޖެހިފަ އެވެ. އަދި އެ އެއްޗިއްސާ އެކު ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ "މިއީ އަހަރެންގެ ހިތް ހަލާލުކޮށްލުމުން މެދުނުކެނޑި ތިން ދުވަހު ރޯން ޖެއްސުމުގެ ނަތީޖާ" ކަމަށާއި "ދެން އޮތީ ކަލޭ ފިޔާތެރޭގައި ރުއިން" ކަމަށެވެ.

ކަރުނަ އާއި ފިޔާގެ ގުޅުން އެންމެންނަށް ވެސް އެނގެ އެވެ.

ބަދަލު ހިފުމެއްގެ ގޮތުން ފިރިހެން މީހާ އަށް ފޮނުވި ފިޔާ ސްޓޮކްގެ ވާހަކަ ޗައިނާގެ މީޑިއާތަކާއި ސޯޝަލް ޕްލެޓްފޯމްތަކުގައި ވަރަަށް ބޮޑަަށް ދައުރުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިފައިވެ އެވެ. އަދި މި ފިޔާތަކުގެ ވަސްގަނޑު މުޅި ސަރަހައްދަށް ފެތުރި، އަވަށްޓެރިން ޝަކުވާކުރަން ފެށުމުން ފިރިހެން މީހާ ވަނީ ގެންދާނެ ބަޔަކު ފިޔާ ގެންދަން ހުއްދަ ދީފަ އެވެ.

ބައެއް ނޫސްތަކުން ޒާއޯއާ ކިޔާ އަންހެން މީހާއާ ހަވާލާދީ ބުނެފައިި ވަނީ އޭނާއާ ލޯބިވެރިޔާ ކުއްލި ގޮތަކަށް ރުޅިވެ، ބޭވަފާތެރިވީ ރައްޓެހިވެގެން އުޅޭތާ އަހަރެއް ދުވަސް ފަހުން ކަމަށެވެ.