ކައިލީ ޖެނާގެ ނަން އަލުން ފޯބްސް އަށް، އެކަމަކު ތަފާތުކޮށް

މިލްކިއްޔާތުގެ ތަފުސީލުތަކުގައި އޮޅުވައިލުންތަކެއް ހުރި ކަމަށް ބުނެ މިދިޔަ ހަފުތާގައި ފޯބްސްގެ އެންމެ ޒުވާން ބިލިއަނަރުންގެ ލިސްޓުން ނަން އުނިކުރި ކައިލީ ޖެނާ އަށް އަނެއްކާ ވެސް އެހެން މަގާމަކާ އެކު ފޯބްސްގެ ލިސްޓަކަށް އަރައިފި އެވެ.


ޒުވާން ވިޔަފާވެރިިޔާ ވެފައި ވަނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީ އަށް ލިބުނު ސެލެބްރިޓީއަށެވެ. އެގޮތުން އޭނާގެ ވިޔަފާރިތަކުން ފާއިތުވި 12 މަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 590 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އަންނަ އޮގަސްޓް މަހުގެ 10 ގައި 23 އަހަރު ފުރޭ ކައިލީ އަކީ ލިސްޓްގެ ގަދަ 10 ގައި ހިމެނުނު ހަމައެކަނި އަންހެން ސެލެބްރިޓީ ވެސް މެ އެވެ.

ލިސްޓްގެ ގަދަ 10 އަށް ބަލާ އިރު ދެވަނައިގައި އޮތީ ކައިލީގެ ޅިޔަނު އަދި ބިލިއަނަރު ކަންޔޭ ވެސްޓެވެ. ކައިލީގެ އެއްބަނޑު ދައްތަ ކިމް ކާޑޭޝަންގެ ފިރިމީހާ އަދި މިއުޒިޝަން ކަންޔޭ ވެސްޓްގެ އާމްދަނީ އަކީ 170 މިލިއަން ޑޮލަރު އެވެ.

ލިސްޓްގެ ތިން ވަނައިން ޓެނިސް ތަރި ރޮޖާ ފޮޑެރާ އަށް ޖާގަ ލިބުނީ 106.3 މިލިއަން ޑޮލަރާ އެކީގަ އެވެ.

ލިސްޓްގެ ތިރިއަށް ސޮއްސާލައި، ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 105 މިލިއަން ޑޮލަރާ އެކު ހަތަރު ވަނައިގައި އޮތް އިރު، ފަސް ވަނައިގައި އޮތީ ފުޓްބޯޅަ ތަރި ލައިނަލް މެސީ އެވެ. އެއީ 104 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކީގަ އެވެ.

ހަ ވަނަ އިން އެކްޓަރު ޓައިލާ ޕެރީ 97 މިލިއަން ޑޮލަރާ އެކި ޖާގަ ހޯދި އިރު، ހަތް ވަނަ އިން ފުޓްބޯޅަ ތަރި ނޭމާ އަށް ޖާގަ ލިބުނީ 95.5 މިލިއަން ޑޮރަކާ އެކީފަ އެވެ. އަށް ވަނައިން ރޭޑިއޯ ޝަހުސިއްޔަތު ހަވާޑް ސްޓާން 90 މިލިއަން ޑޮލަރާ އެކު ޖާގަ ހޯދި އިރު ނުވަ ވަނައިގައި ބާސްކެޓް ތެރި ލެބްރޯން ޖޭމްސް ލައްވައިލީ 88.2 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކީގަ އެވެ.

ގަދަ 10 ގެ ލިސްޓްފެ ފުލުން ޖާގަ ލިބުނީ 87.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އެކްޓަރު ޑްވޭން (ރޮކް) ޖޯންސަނަށެވެ.