މިއީ މާ ލޯބި އިސްތަށިގަނޑެއް އޮންނަ އެތެއް

މާ ލޯބި އިސްތަށިގަނޑެއް އޮންނަ އެތަކަށް އިންޑިއާގެ އާންމުންގެ ސަމާލުކަން ލިބިއްޖެ އެވެ.


ކެރެލާގެ ފައްޅިއެއްގައި ގެންގުޅޭ މި އެތައް ދީފައިވާ ނަމަކީ ސެންގަމަލަން އެވެ. އެއަށް ލިިބިފައިވާ އާދަޔާހިލާފު އިސްތަށިގަނޑުގެ ސަބަބުން މި އެތް މަޝްހޫރުވެފައި ވަނީ "ބޮބް-ކަޓް ސެންގަމަލަން" ގެ ނަމުންނެވެ.

މި އެތް 2003 އިން ފެށިގެން ބަލަހައްޓަމުން އަންނަ އެސް ރާޖަގޯޕާލް ބުނީ ސެންގަލަމަންގެ އިސްތަށިގަނޑު ސްޓައިލްކުރަނީ ވެސް އޭނާ ކަމަށެވެ. އޭތި ފެންވަރުގައި ރީތިކޮށް، ކާންބޯންދީ މި ހުރިހާ ޒިންމާއެއް އުފުލަމުން އަންނަ ރާޖަގޯޕާޖް ބުނި ގޮތުގައި އޭނާ އެތް ބަލަހައްޓަނީ ދަރިއަކު ގެންގުޅޭހާ ލޯބިންނެވެ.

"ވަރަށް އުފާވޭ ހަމައެކަނި މި އެތް ދެކިލަން ވެސް މީހުން މި ސަރަހައްދަށް އަންނާތީ،" އޭނާ ބުންޏެވެ. "އަނެއްކާ ސެންގަމަލަން އަކީ މީހުންނާ ވަރަށް ރައްޓެހި އެތެއް. މިއީ މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދޭ އެތެއް."

ރާޖަގޯޕާލް ބުނި ގޮތުގައި އެންމެ ގިނަ ބަޔަކު އަޅައިގަންނަނީ ސެންގަމަލަންގެ އިސްތަށިގަނޑާ އެވެ. އަދި އެ ފުނާއަޅައި ރީތިކޮށްފައި އޮންނަ އިރު، ވަރަށް ގިނަ ބަޔަކު އައިސް އެތާ އެކު ފޮޓޯ އާއި ވީޑިއޯ ވެސް ނަގައި ހަދާ ކަމަށް ބުންޏެވެ.

"ކެރެލާ އަށް އަންނަ ވަރަށް ގިނަ ޓޫރިސްޓުން ވެސް އަންނާނެ މި އެތް ދެކިލަންް،" ރާޖަގޯޕާލް ބުންޏެވެ. "މީގެ އިސްތަށިގަނޑު ދިގުކުރަން ފެށީ ވީޑިއޯކުން އެތެއްގެ އިސްތަށިގަނޑު ބޮބް-ކަޓް ހަދާފައި ހުރި ތަން ފެނިގެން. އޭގެ ފަހުން އަހަރެން ވަރަށް ރަނގަޅަށް ސެންގަމަލަންގެ އިސްތަށިގަނޑު ބަލައްޓަން. މީގެ ހާއްސަ ސިފައަކީ އެއީ."