މީދުއަށް އުދައާ އެކު ލިބުނީ ދިގު ހުރާގަނޑެއް!

މިދިޔަ މަހުގެ މެދު ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް އާދަޔާ ހިލާފު ބޮޑަށް އުދަ އަރައި، ކަންބޮޑުވުން އުފެދުނު އިރު އައްޑޫ މީދޫ ރައްޔިތުންނަށް ފެނުނު މަންޒަރު ވަރަށް ތަފާތެވެ: އެ ރަށާ މާ ދުރު ނޫން ހިސާބެއްގައި މުޅިން އަލަށް ހުރާގަނޑެއް އުފެދުނީ އެވެ.


މި ހުރާގަނޑު އުފެދިފައި ވަނީ އަކިރި އާއި އެކި ވަރުގެ ގަލުންނެވެ. ދިގުމިނުގައި ގާތްގަނޑަކަށް 3،000 ފޫޓު ހުރެ އެވެ. އެކި ދިމާލުގައި ފުޅާމިން ހުރީ 20-40 ފޫޓުގަ އެވެ. ބައެއް ހިސާބުތައް ހަތަރު ފޫޓަށް ވުރެ އުހެވެ.

މީދޫ ބަނދަރުމަތީގައި ތިބޭ އިރު މި ހުރާގަނޑު ފެނެ އެވެ. ގުދުރަތީ މި އާ އުފެދުން ރަށަކަށް ހެދޭތޯ މީދޫގެ ޖަމިއްޔާއަކުން މިހާރު ވަނީ މަސައްކަތް ވެސް ފަށައިފަ އެވެ. އެގޮތުން ނަލަފެހި މީދޫން އެ ހުރާގަނޑުގައި 10 ރުއް ޖެހުމުގެ އިތުރުން ހޭޅިފަށުގައި އުފެދޭ ޒާތުގެ ގަސްތަކުގެ އޮށް ވެސް އިންދައިފި އެވެ.

ނަލަފެހި ޖަމިއްޔާގެ މުޝްތަޝާރު އަލީ ވާފިރު ވިދާޅުވީ މީދުއާ ކައިރިން ތިލަވި "ރަށަކީ" އުންމީދެއް ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުން އެތަން ހިމާޔަތްކުރަން މަސައްކަތްކޮށްފި ނަމަ އައްޑުއަށް އިތުރު ރަށެއް ލިބުން ކައިރި އެވެ.

"އެތަން އޮތް ގޮތަށް ބަލާ އިރު ރާޅާއެ ކު ނެތިގެން ހިނގައިދާނެކަމުގެ ބިރު ވެސް އެބަ އޮތް. އެކަމަކު ހިމާޔަތްކުރަން މިހާރު މަސައްކަތްކޮށްފި ނަމަ އުންމީދީ މަންޒަރުތަކެއް ފެނުމުގެ ފުރުސަތު ބޮޑު،" ސަރުކާރަށް 30 އަހަރު ހިދުމަތްކުރެއްވުމަށް ފަހު ރިޓަޔާކުރައްވާފައިވާ ވާފިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީދޫ ކައިރީގައި އޮންނަ އިސްމެހެލަހެރާގައި އަލަށް ހުޅުވި ރިސޯޓް ސައުތު ޕާމް ބީޗާ ވެސް މާ ދުރު ނޫން ހިސާބެއްގައި އުފެދުނު ހުރާގަނޑުގައި ނަލަފެހި ޖަމިއްޔާއިން ރުއް އިންދީ ވެސް އެތަން ދިރުވައި، އާރޯކާން ގެނެވިދާނެކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދެއް އޮތީމަ އެވެ.

"އެތަން ހިމާޔަތްކުރަން މި ވަގުތު ކުރަން ވަރަށް މުހިއްމު ކަމެއް އެތެރެވީ ފަރާތުން ވެލި އެޅުމަކީ. އޭރުން ގިރައިގެން ދިއުމުގެ ފުރުސަތު ވަރަށް ކުޑަވާނެ،" ވާފިރު ވިދާޅުވި އެވެ.

"އެކަހަލަ ކަމެއް ކުރެވޭނެ ގޮތެއް ހޯދުން މުހިއްމު."

މީދޫގެ ބައެއް މީހުން ދެކޭ ގޮތުގައި ހުރާގަނޑު ރަށަކަށް ހެދިއްޖެ ނަމަ އައްޑޫގެ އިގުތިސާދީ ބޭނުމަށް ވެސް މުހިއްމު ވަސީލަތަކަށް ވެދާނެ އެވެ. އަދި ހިއްކަން ބޮޑު ހަރަދެއް ނުކޮށް ގުދުރަތީ ގޮތުން އުފެދުނު ހުރާގަނޑު ރަށަކަށް ބަދަލުކުރަން ފަސޭހަވާނެ ކަމަށް ވެސް، ބައެއް މީހުން ބުނެ އެވެ.

"މިހާރު ވެސް އެކި ކަހަލަ މަސައްކަތްތައް ބިން ނެތިގެން ބިން ހިއްކާ ވާހަކަ އައްޑޫ ސިޓީ ކައުންސިލުން ވެސް އެބަ ދައްކާ. ގުދުރަތީ ގޮތުން މިހާރު މިއޮތީ ކޮންމެވެސް ވަރެއްގެ ރިސޯސެއް. ކުޑަ ހަރަދެއް ކޮށްގެން މިއީ ޕްރޮޓެކްޓްކުރަން ވަރަށް މުހިއްމު ތަނެއް،" ރަށުގެ ބައެއް މީހުން ދެކޭ ގޮތާ މެދު ވާފިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް މޫސުމީ ގޮތުން ކުރިމަތިވި ހާދިސާތަކާ އެކު މީދުއާ މާ ދުރު ނޫން ހިސާބެއްގައި ހުރާގަނޑެއް އުފެދުނެވެ. އެކަމަކު އަޅައިނުލެވޭތީ އެތަން މިހާރު އެއްކޮށް ނެތިދާން ކައިރިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އެތަނަށް ވީ ގޮތް މިތަނަށް ނުވާނެ ކަމަށް އަހަރެމެން ވަރަށް ބޮޑަށް އުންމީދުކުރަން،" އޭނާ ވިދާޅުވި އެވެ.