ގެއްލުނު ދަރިފުޅު 32 އަހަރު ފަހުން ފެނިއްޖެ

ޗައިނާގެ އާބާދީ ކޮންޓްރޯލްކުރަން ކުރިން ގެންގުޅުނު، އެންމެ ދަރިއަކު ހޯދުމުގެ ސިޔާސަތުގެ ވޭން އުފުލާ މީހުން މިހާރު ވެސް އެބަތިއްބެވެ. އަލަތު ދަރިފުޅަކީ ފިރިހެން ކުއްޖެއް ނަމަ އެ ހިސާބުން ދެން ދަރީން ހޯދުން ހުއްޓުނީ އެވެ. ފުރަތަމަ ލިބޭ ދަރި އަކީ އަންހެން ކުއްޖެއް ނަމަ ފިރިހެން ކުއްޖަކަށް އުންމީދުކޮށް ދެވަނަ ދަރިއެއް ހޯދުމުގެ ފުރުސަތު އޮތެވެ.


ނަމަވެސް އަލަތު ދަރިފުޅު އަންހެން ކުއްޖަކަށްވި ނަމަ ޗައިނާގެ މި އަންހެން މީހާގެ ދިރިއުޅުން އެހާ އެކަނިވެރި ނުވީހެވެ. ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅު އެންމެ ދެ އަހަރާއި އަށް މަހުގައި ބަޔަކު ވަގަށް ނެގީ އެވެ.

މިއީ ޝާންޒީ ޕްރޮވިންސްގެ ޒިއާން ސިޓީގައި ދިރިއުޅޭ ލީ ޖިންގްޒީގެ ވާހަކަ އެވެ. އޭނާގެ ދަރިފުޅު މާއޯ ޔިން (ޖިއާ ޖިއާ) ގެއްލުނީ 1988 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ލީ އާއި ފިރިމީ ދަރިފުޅާ އެކު އުޅުނީ ވަރަށް އުފާވެރި ދިރިއުޅުމެވެ. ދެމަފިރިން ކޮންމެ ދުވަހަކު ވެސް ވަޒީފާ އަށް ދަނީ ލޯބިވާ ދަރިފުޅު ނާސަރީ އަށް ދޫކޮށްލުމަށް ފަހު، އެވެ. ވަޒީފާ އިން އެނބުރި ގެއަށް ދާ މަގުމަތީގައި ދަރިފުޅު ނަގައިގެން ދަނީ އެވެ. ހަފުތާ ބަންދެއް ނަމަ ލީ ފިރިމީހާ އާއި ދަރިފުޅާ އެކު ޕާކަށް ގޮސް އުފާވެރި ވަގުތުތައް ހޭދަކުރި އެވެ.

ލީ އަކީ ގޮދަން އެކްސްޕޯޓްކުރާ ކުންފުންޏެއްގައި ވަޒީފާ އަދާކުރި މީހެކެވެ. އެއްފަހަރެއްގައި ސަޕްލަޔަރުންނާ ބައްދަލުކުރަަން ރަށްފުށު ހިސާބަކަށް ދަތުރެއް ކުރަން ޖެހުނެވެ. ހިތް ކިތަންމެ ނޭދުނަސް ލީ އަށް ޖެހުނީ ދަރިފުޅާއި ފިރިމީހާ ދޫކޮށްފައި ދާށެވެ. އެ ދަތުރުގެ ތެރޭގައި އުޅެނިކޮށް އެއް ދުވަހަކު ލީ އަށް ލިބެނީ ޓެލެގްރާމް މެޖެސެކެވެ. އޭގައި ބުނެފައި ވަނީ ވަރަށް ކުއްލި ގޮތަކަށް އެނބުރި ޒިއާން އަށް އަންނަން ޖެހޭ ކަމަށެވެ. ވާނުވާއެއް ނޭނގެ އެވެ. އެ މެސެޖާ އެކު ހާސްކަމާއި ނުތަނަސްވަކަމެކެވެ. އެނބުރި ދިޔަ ތަނުން އެނގުނީ ދަރިފުޅު ވީނުވީއެެއް ނޭނގި ގެއްލުނު ކަމެވެ. ހިތް ފަޅައިގެންދާ ކަހަލަ ޚަބަރެވެ. އެއާއެކު ލޯބިވާ ދަރިފުޅު ނެތުމުގެ ހިތާމަތައް ލީ ވަށާލީ އެވެ.

"ދަރިފުޅު ގެއްލުނުކަން އެނގުނު ވަގުތަކީ ލިބުނު އެންމެ ބޮޑު ހިތާމަ. ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ. އެ ޚަބަރު ލިބުމާ އެކު އަހަރެން ގަނޑުވި. ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގިފައި އެތައް އިރަކު އިންނަން ޖެހުނު،" ލީ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ޖިއާ ޖިއާ ގެއްލުނީ ނާސަރީން ގެއަށް ގެންދިޔަ މަގުމަތީގައި އާއިލާގެ ބަޔަކު ހިންގާ ހޮޓަލަކުން ފެންފުޅިއެއް ގަންނަން ފިރިމީހާ ވަންތަނާ އެވެ. ނުކުތް އިރު ދަރިފުޅެއް ނެތެވެ. ފިރިމީހާ ނިންމީ ދަރިފުޅު ބޭރުގައި ބަހައްޓާފައި ވަނުމުން، ދިޔަ ދިމާއަކަށް ގޮސްފައި ދަރިފުޅު މަގުއޮޅުނީ ކަމަށެވެ. އެހެންވެ ދަރިފުޅު ފެނިގެން ބަޔަކު އެ ހަބަރު ދޭނެ ކަމަށް އުންމީދުކޮށްގެންގެން ހުރީ އެވެ. އެކަމަކު އެހެނެއް ނުވި އެވެ. ޖިއާ ޖިއާގެ ޚަބަރެއް ނުވި އެވެ. ހޮވި ކުއްޖެއްގެ ވާހަކަ ފުލުހުންގެ ފަރާތުން ވެސް ލިބޭނެ ކަމަށް އުންމީދުކުރި ނަމަވެސް އެހެނެއް ވެސް ނުވި އެވެ. އެންމެ ފަހުން، ދަރިފުޅު ފެނޭތޯ ލީ ނުކުތީ އެވެ. އެތައް ތަނެއްގައި ދަރިފުޅުގެ ފޮޓޯ އާއި ލިޔުންތައް ތަތްކޮށް ބަހައި ހެދި އެވެ. އެތައް ދުވަހެއް ވެސް ވީ އިރު ދަރިފުޅާ ބެހޭ އެއްވެސް ޚަބަރެއް ލިބޭ ގޮތެއް ނުވި އެވެ.

"އޭރު ދަރިފުޅުގެ ހެދުމެއް، ކުޅޭ އެއްޗެއް ފެނުނަސް ހިތްދަތިވެގެން ގޮސް ރޮވޭ. އަހަރެންގެ މުޅި ދިރިއުޅުން ވަށާލާފައި އޮތީ ލިބުނު ހަމަ އެންމެ ދަރިފުޅުގެ ހަނދާންތަކާ އެކު،" ލީ ބުންޏެވެ.

މި ކަންތައްގަނޑުގެ ތެރޭގައި ލީގެ ހަޔާތުން ހިތްދަތި ހަތަރު އަހަރު މާޒީވި އިރު، ފިރިމީހާ އާއި އޭނާގެ ކައިވެނި ވެސް ރޫޅުނީ އެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން ލީ އަށް ދަރިފުޅާ ބައްދަލުވާނެ ކަމަށް ކުރި އުންމީދު އެއްކޮށް ދޫކޮށެއް ނުލަ އެވެ. އަނެއްކޮޅުން މިކަމުގެ ތެރޭގައި ލީ އަށް އެނގުނު އެއް ކަމަކީ އޭނާ އަށް ޖެހުނު ހާލު ޖެހުނު އާއިލާތައް ގިނަކަމެވެ. އެހެންވެ ދުވަސްތަކެއް ވަންދެން ވޮލަންޓިއާކޮށް، ގެއްލޭ ކުދިން ހޯދައިދިނުމުގައި މަސައްކަތުގައި ވެސް "ބޭބީ ކަމް ހޯމް" ކިޔާ ބަޔަކާ އެކު މަސައްކަތް ވެސް ކުރި އެވެ.

ދަރިފުޅު ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމުގެ އުންމީދުގައި ހުރި ލީ އަށް މިދިޔަ މެއި މަހުގެ 10 އާއި 18 ވަނަ ވަނަ ދުވަހަކީ ވަރަށް ވެސް ހާއްސަ ދެ ދުވަހެވެ. ކެވެ.ދޮހަ ވަނަ ދުވަހަކީ ދަރިފުޅު ފެނިއްޖެ ކަމަށް ބުނެ ރަސްމީ އިދާރާއަލުން މުޅިން އަލަށް ޚަބަރު ލިބުނެވެ. އަށާރަ ވަނަ ދުވަހަކީ ދަރިފުޅާ ބައްދަލުވި ދުވަހެވެ. ދަރިފުޅު ފެނުނު ވާހަކަ އެނގުނީ ޒިއާންގެ ޕަބްލިކް ސިކިއުރިޓީ ބިއުރޯގެ ފޯން ކޯލަކުންނެވެ. އެއާ އެކު އުފަލުން ގޮސް ހިތްފުރުނު ކަމަށް ބުންޏެވެ. އެ ހިސާބުން އޭނާ ދަރިފުޅު ދެކޭ ހިތުން ކެތްތެރިކަން ކުޑަވި އެވެ.

"ދަރިފުޅު ފެނުމާ އެކު އެއީ ހަމަ އަހަރެންގެ ދަރިފުޅުކަން ޔަގީންވި. ވަރަށް އުފާވެރި ވަގުތުކޮޅެއް އެއީ،" ލީ ބުންޏެވެ. "އަދި ފަހުން ޑީއެންއޭ ޓެސްޓް ހަދައިގެން ވެސް އެކަން ކަށަވަރުވި. ދަރިފުޅާ ބައްދަލުވާނެ ކަމަށް އެތައް އަހަރެއް ވަންދެން ހުވަފެނެއްގައި ހުރި މީހަކަށް މިއަށް ވުރެ ވަކި ބޮޑު އުފަލެއް ލިބޭނެތަ؟"

އޭނާ ބުނީ ދެން ބޭނުން ވަނީ ހަޔާތުގެ ބާކީ އޮތް ދުވަސްތައް އުފަލުގައި ހޭދަކުރަން ކަމަށެވެ.

"ދަރިފުޅު އަލުން ފެނުމާ އެކު އަހަރެން ބޭނުންވީ މާޒީ އަށް ދާން. ބޭނުންވީ އަހަރެންގެ އުމުރުން އަށާވީސް އަހަރުގައި ގެންގުޅުނު ދެ އަހަރުގެ ދަރިފުޅުގެ މާޒީ،" ލީ ބުންޏެވެ. "ދަރިފުޅު ނުގެއްލުނު ނަމަ ހާދަ އުފާވެރި ދުވަސްތަކެއް ހޭދަކުރެވުނީހޭ."

ކޮންމެއަކަސް ލީ އަށް ދަރިފުޅާ ބައްދަލުވެވިއްޖެ އެވެ. އެކަމަކު ހިތާމަ އަކީ ޖިއާ ޖިއާގެ ދިރިއުޅުން އޮތް ގޮތުން މަންމަ ގާތުގައި ޒިއާންގައި އުޅެވެން ނެތުމެވެ. އޭނާ ދިރިއުޅެނީ ޗެންގްޑޫގަ އެވެ. އެތަނަށް އެނބުރި ދިޔައީ އަސްލު މަންމަ އާއި ބައްޕައާ އެކީގައި މަހެއްހާ ދުވަސް ހޭދަކޮށްފަ އެވެ.

"އެއީ މިހާރު ބޮޑުވެފައި ހުރި ދަރިއެއް. އެހެންވީމަ އޭނަ ބޭނުންވާ ގޮތަކަށް ދިރިއުޅުމުގެ ހައްގު ވެސް އޮންނާނެ. ކައިރީގައި ދަރިފުޅު ނެތަސް އޭނާ ދުނިޔޭގައި ހުރިކަން ކަށަވަރުވުމާއި ބައްދަލުވުމުން އަހަންނަށް މިހާރު ފުދޭ،" ލީ ބުންޏެވެ. "އަދި މިހާރު ކޮންމެ ދުވަހަކު ވެސް ވީ ޗެޓުން އަހަރެމެން ދެ މީހުން މުއާމަލާތްކުރަން."

ލީ ކިޔައިދިން ގޮތުގައި ދަރިފުޅުގެ ފަރާތުން އެންމެ ފާހަގަކުރެވުނު ކަމަކީ މަންމައާ އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ކަމެވެ. ދެ މީހުން އެހާ ވައްތަރުވުމުގެ އިތުރުން މިޒާޖު ވެސް ވަރަށް އެއްގޮތް ކަމަށް ބުންޏެވެ.

"އެންމެ އުފާވީ ދަރިފުޅު އަހަރެން ދެކެ ވަރަށް ލޯބިވާން އެނގުނީމަ،" ލީ ބުންޏެވެ. "އަހަރެމެން ދެމައިން ބައްދަލުވީމަ ހަނދާނަކަށް ހާދަ ފޮޓޯއެއް ވެސް އެކީގައި ނެގީމޭ."