ތުރުކީގެ ނައިޓްކްލަބުގައި ހަމަލާ ދިން މީހާ ބަޑި ހިފައިގެން ހަރަކާތްތެރިވަނީ: ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައި. --ފޮޓޯ:އޭއެފްޕީ
14 އޯގަސްޓް 2020 - 10:51
ޖިހާދުގެ ނަމުގައި ހިންގާ ބިރުވެރި އަމަލުތައް ހުއްދަކަމަށް އެފަދަ އަމަލުތައް ހިންގާ މީހުންނާއި ދީނާ މެދު ޝުބުހާތައް އުފައްދާ މީހުން ޤުރްއާނުން ހުއްޖަތް ދައްކަ އެވެ. އެކަމަކު ޖިހާދާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ބާވާލައްވާފައިވާ ހުރިހާ އާޔަތްތަކާއި އެއާ ގުޅުން ހުރި ހަދީސްތަކާއި އިސްލާމްދީނުގެ މައިގަނޑު މަގުސަދުތަކާއި އިސްލާމީ އަގުތަކާއި ފިޤުހުގެ އުސޫލުތަކުގެ އަލީގައި މި ހުއްޖަތްތައް ތަހުލީލުކޮށްލުމުން ނުކުންނަ ނަތީޖާ މުޅިން ތަފާތެވެ.
މިގޮތުން ހަރުކަށި ފިކުރުގެ އަމަލުތަކަށް ހުއްޖަތަކަށް ދައްކާ އެންމެ މުހިންމު އާޔަތަކީ، އާޔަތުއްސައިފް (ކަނޑީގެ އާޔަތް) ގެ ނަމުން ނަންދެވިފައިވާ އާޔަތެވެ. އެއީ އައްތައުބާ ސޫރަތުގެ 5 ވަނަ އާޔަތެވެ. އެ އާޔަތުގެ ފުރަތަމަ ބައިގެ މާނަ އަކީ، "ޙުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައި މީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައި މީހުން އެއުރެން ޤަތުލު ކުރާށެވެ! އަދި ތިޔަބައި މީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރު ކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެ ތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައި ތިބޭށެވެ!"
މި އާޔަތާ މެދު ކުރާ އެއް ދައުވާ އަކީ، މިއީ ހަނގުރާމަ ނުވަތަ ޖިހާދާ ބެހޭ ގޮތުން އައިސްފައިވާ އެހެން ހުރިހާ އާޔަތްތަކާއި، ޣައިރު މުސްލިމުންނާ މެދު އެއްވެސް ކަހަލަ ލުއިކަމެއް ދިނުމަށް ނުވަތަ ހެޔޮ ގޮތުގައި މުއާމަލާތެއް ކުރުމަށް ގޮވާލެވޭ ހުރިހާ އާޔަތްތައް މަންސޫޚު ކުރާ އާޔަތެއް ކަމަށް ކުރާ ދައުވާ އެވެ. ޢިލްމީ ގޮތުން މިކަން ވެސް ތަޙުލީލު ކޮށްލުމުން މިއީ ސައްހަ ނޫން ދައުވާއެއްކަން ސާބިތުވެ އެވެ. މި ލިޔުމުގައި އޭގެ ތަފުސީލަކަށް ނުދެވޭނެ އެވެ.
ހަރުކަށި ފިކުރުގެ ޢަމަލުތަކަށް ޙުއްޖަތަކަށް ދައްކާ އެންމެ މުހިންމު އާޔަތަކީ، އާޔަތުއްސައިފް (ކަނޑީގެ އާޔަތް) ގެ ނަމުން ނަންދެވިފައިވާ އާޔަތެވެ. އެއީ އައްތައުބާ ސޫރަތުގެ 5 ވަނަ އާޔަތެވެ. އެ އާޔަތުގެ ފުރަތަމަބައިގެ މާނަ އަކީ، "ޙުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައި މީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައި މީހުން އެއުރެން ޤަތުލު ކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރު ކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެ ތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައި ތިބޭށެވެ!"
ކޮންމެއަކަސް، ވާހަކަ ދައްކަމުން މި ގެންދާ އާޔަތުގެ ފުރަތަމަ ބައިގެ މާނައަށް ބަލާއިރު އޭގެ ބޭރު ފުށުން ހަރުކަށިކަމާއި އަނިޔާވެރިކަން ފަހަރެއްގައި ވަހުމް ވެދާނެ އެވެ. ނަމަވެސް ހަމަ މި އާޔަތުގެ ނިމޭ ބަޔާއި މީގެ ކުރިން ހުރި އާޔަތްތަކާއި އަދި ފަހުން ހުރި އާޔަތްތަކަށް ފުންކޮށް ވިސްނާލުމުން މި ތަނުގައި މި ބުނާ މުޝްރިކުންނަކީ ކޮން ބައެއްކަން ހާމަވެގެންދާނެ އެވެ. އަދި މިވަރުގެ ހަރުކަށި ކަމެއް މި ބައިމީހުންނަށް ދައްކަން މިޖެހެނީ ކީއްވެގެންކަން ވަރަށް ސާފުވެ އެވެ.
މިގޮތުން އެންމެ ފުރަތަމަ މި އާޔަތުގެ ނިމޭ ބައިގައި ބަޔާންކުރަނީ އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފި ނަމަ، މިނިވަންކަމާ އެކު ދޫކޮށްލުމަށެވެ. ތެދެކެވެ. މި ތަނުގައި މި ބަޔާންކުރަނީ މިބައި މީހުން އިސްލާމްވުމުގެ ވާހަކަ އެވެ. އެކަމަކު އާޔަތުގައި އެ އިޝާރާތް ކުރާ މުޝްރިކުންނަކީ ކޮބައި ހެއްޔެވެ؟ މިކަން އެނގޭނީ މި އާޔަތުގެ ކުރިން އޮތް އާޔަތްތަކުންނެވެ. މިގޮތުން ތައުބާ ސޫރަތް ފެށޭއިރު ﷲ ބަޔާން ކުރައްވާފައިވަނީ މުސްލިމުންނާ އެކު މުއާހަދާއެއްގެ މަތީގައިވާ މުޝްރިކުންގެ ތެރެއިން އެ މުއާހަދާއާ ޚިލާފުވި ބައެއްގެ ކިބައިން ﷲ އާއި އެކަލާނގެ ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަރީއަވެގެންވާ ކަމުގެ އިއުލާނެކެވެ. މާނައަކީ މިފަދަ ބަޔަކާ ހަނގުރާމަ ކުރުން ހުއްދަވާނެ ކަމެވެ.
ނަމަވެސް މިބައި މީހުން އަހުދާ ޚިލާފުވީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހާ ކުރިމަތިކޮށް ކަމުގައި ވާތީ، ޖެހިގެން އޮތް އާޔަތުގައި ﷲ އަންގަވަނީ ހަތަރު މަސް ވަންދެން އެއުރެން ބިމުގައި ހިނގާބިނގާވެ އުޅުމަށެވެ. އާދެ، ހަނގުރާމަ ނުކޮށް ދޫކޮށްލުމަށެވެ. އަސްލުގައި އެބައި މީހުން މިގޮތަށް ކަންކުރީ ހިތުން އެމީހުންނަށް ކާމިޔާބެއް ލިބޭނެ ކަމަށެވެ. އެހެންވެ ﷲ އެބައި މީހުންނަށް އިންޒާރު ދެއްވީ، "ހަމަކަށަވަރުން ތިޔަބައި މީހުންނަށް ﷲ ނުކުޅައްދައި ނުލެވޭނެ ކަމާއި، ހަމަކަށަވަރުން ﷲ ކާފިރުތަކުން ދެރަކޮށްލައްވާހުށިކަން، ތިޔަބައި މީހުން ދަންނާށޭ" އޭ ވަހީކުރައްވަމުންނެވެ.
އެއަށް ފަހު ތިން ވަނަ އާޔަތުގައި ވެސް ތަކުރާރުވެފައި ވަނީ އެއުރެންގެ ކިބައިން ބަރީއަ ވެގެންވާ ކަމާއި އެއުރެން ފުރަގަސްދީ ދިޔަސް އެއުރެންނަށް ﷲ ނުކުޅައްދައި ނުލެވޭނެ ކަމަށެވެ. މިފަހަރުގެ މި ބަރީއަ ކުރުމުގެ ވާހަކައާ އެކު، "އެއުރެން ތައުބާވެއްޖެ ނަމަ އެގޮތް އެއުރެންނަށް ހެޔޮކަން ބޮޑުވެގެންވާނެ" ކަން ﷲ ބަޔާން ކުރައްވާފައި ވެ އެވެ. މިކަމަށް ފަހު ހަތަރު ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވަނީ މުޝްރިކުންގެ ތެރެއިން މިގޮތަށް މުއާހަދާ ކޮށްފައިވާ، އަދި އެ މުއާހަދާއާ މެދު މުސްލިމުންނަށް އެއްވެސް ކަމެއް އުނިކޮށްފައިނުވާ، އަދި މުސްލިމުންނާ އިދިކޮޅަށް އެއްވެސް މީހަކަށް އެހީވެ ވާގިދީފައިނުވާ މީހުން މި ބަރީއަކުރުމުން އިސްތިސްނާވާނެ ވާހަކަ އެވެ.
(އައްތައުބާ 5) ނަގައިގެން މުސްލިމް ނޫން ކޮންމެ މީހަކާ އިދިކޮޅަށް ނުކުމެ "ހަނގުރާމަކުރުން" ހުއްދަވާނީ ކޮން ފަދައަކުން ހެއްޔެވެ؟ ނުވަތަ ނުބައިކޮށް ތައުވީލުކޮށްގެން މުސްލިމުންގެ ތެރެއިން ބައެއް މީހުންވެސް މި ކެޓަގަރީ ތެރެއަށް ވައްދައި އެމީހުންނާ އިދިކޮޅަށް ހަރުކަށި ޢަމަލުތައް ހިންގުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟ އަދި މި އާޔަތަކީ އެހެން އާޔަތްތައް މަންސޫޚު ކުރި އާޔަތެއް ކަމަށް ދަޢުވާކުރާ އިރު އޭގެ ކުރިން ހުރި އާޔަތްތަކާއި އަދި ފަހުން ހުރި އާޔަތްތަކުގައި ހުރި މުހިންމު ހުކުމްތައްވެސް ހަމަ މަންސޫޚު ވީހެއްޔެވެ؟
އެހެންވެ މި މީހުންނާ އެކު މުއާހަދާގެ މުއްދަތު ހަމަވަންދެން އަހުދު ފުރިހަމަ ކުރުމަށް މުސްލިމުންނަށް އަމުރު ކުރައްވާފައި ވެ އެވެ. އެހެންކަމުން މިއީ އެބަޔަކާ އިދިކޮޅަށް މުސްލިމުން ނުކުންނަން ޖެހޭ ބައެއް ނޫންކަން އެބަ އެނގެ އެވެ. މިއީ މުޝްރިކުން ކަމުގައިވީ ނަމަވެސް މެ އެވެ. އިދިކޮޅަށް ނުކުންނަން މިޖެހެނީ އަހުދު އުވާލުމުގެ ސަބަބުން އެބަޔަކާ ހަނގުރާމަކުރަން ލާޒިމުވެފައިވާ، އެހެންނަމަވެސް ހުރުމަތްތެރި މައްސަރުތަކާ ހެދި އެބަޔަކަށް ހަތަރު މަސްދުވަހުގެ މުހުލަތެއް ދީފައިވާ މުޝްރިކުންނާ އެވެ. އާޔަތް ފެށޭއިރު، "ޙުރުމަތްތެރި މައްސަރުތައް ވޭތުމުން" ނޭ އޮތުމުން އެނގެނީ ފެނުނު ކޮންމެ ތަނަކުން، ޤަތުލުކޮށް، ހިފައި ހިސާރު ކުރަން މި ޖެހެނީ އާޔަތުގައި އެ އިޝާރާތް ކުރާ މުޝްރިކުން އެކަނި ކަމެވެ. އަދި މި އާޔަތުގެ ކުރިން އޮތް އާޔަތުގައި، ޢަހުދު އުވާނުލާ މީހުންނާ އެކުގައި އެ އަހުދުގެ މަތީ ދެމިތިބުމަށް އަންގަވާފައި އޮތުމުން ހާމަވަނީ މިކަންކަން ކުރަން އަމުރު އައިސްފައި މިވަނީ ހުރިހާ މުޝްރިކުންނަށް ނޫން ކަމެވެ. މިކަން އަދި އިތުރަށް ކަށަވަރު ވަނީ ޖެހިގެން އޮތް އާޔަތްތަކުންނެވެ.
މިގޮތުން ހަވަނަ އާޔަތުގައި ﷲ އަންގަވަނީ މުޝްރިކުންގެ ތެރެއިން އެއްވެސް މީހަކު ރައްކާތެރިކަމަކަށް އެދިއްޖެ ނަމަ އެ މީހަކު ﷲގެ ކަލާމްފުޅު އަހައިފުމަށް ދާންދެން އެމީހަކަށް ރައްކާތެރިކަން ދިނުމަށެވެ! އަދި ﷲ ގެ ބަސްއަހައިފުމަށް ދާންދެން އަމާންކަން ލިބިގެންވާ ތަނަކާ ހަމައަށް އެމީހަކު ގެންގޮސްދިނުމަށެވެ! ކޮންމެ މުޝްރިކަކު ފެންނަ ކޮންމެ ތަނަކުން ޤަތުލުކޮށް ހިފައިހައްޔަރުކޮށް ހިސާރު ކުރަން ޖެހޭ ނަމަ މިފަދަ މީހަކާ މެދު ވެސް އަމަލު ކުރަން ޖެހޭނީ ހަމަ އެގޮތަކަށް ނޫން ހެއްޔެވެ؟ އެކަމަކު ނޭނގި ތިބޭ ހާލު ވަކި ބަޔަކާ އެކުގައި އުޅެވެމުންދާތީ އެ އަދާވާތްތެރި މުޝްރިކުންގެ ސަފުގައި މިފަދަ މީހަކު ހުއްޓަސް މިފަދަ މީހަކީ މުސްލިމުންނާ އުދުވާނެއް ނޯންނަ މީހެއްކަން އާޔަތުން އެބަ އެނގެ އެވެ. އަދި އުދުވާނެއް ނޯންނަ ނަމަ މުޝްރިކަކަށް ވިޔަސް އެމީހަކު ގަތުލު ނުވަތަ ހައްޔަރުކޮށްގެން ނުވާނެކަން ވެސް އާޔަތުން ދޭހަވެ އެވެ.
މި އާޔަތަށް ފަހު ދެން އޮތް ހަތަރު އާޔަތުގައި ﷲ ބަޔާންކުރައްވާފައި ވަނީ މިފަދަ ބަޔަކާ އެކުގައި ޢަހުދެއް ދެމިއޮންނަން އުނދަގޫވާނެ ކަމެވެ. އެއީ އެއުރެންގެ ސުލޫކު ހުންނަ ގޮތުންނެވެ. މިގޮތުން ފާސިޤުކަމާއި، ހިތުގައި ނުރުހުން އޮވެމެ އެކަމަކު މުސްލިމުން ރުއްސަން އޮޅުވާލައިގެން ބަސްބުނުމާއި، ކިރިޔާ ވެސް ބާރެއް ލިބިއްޖިއްޔާ މުއުމިނަކާ މެދު ވެސް އަދި ކިއެއްތަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށް ވެސް ނުބެލުމާއި، ﷲގެ އާޔަތްތައް ކުޑަ އަގަކަށް ގަތުމާއި، ﷲގެ މަގުން މީސްތަކުން އެއްކިބާކުރުމާއި، ހައްދުފަހަނައަޅައިދިއުން ފަދަ ސުލޫކުތަކެވެ. އެކަމަކު މިހުރިހާ ސިފަތަކެއް މިހެން ހުއްޓަސް ﷲ އަންގަވަނީ "ފަހެ، އެއުރެން ތިޔަބައި މީހުންނަށް ސީދާވެގެން ތިބިހާ ހިނދަކު ތިޔަބައި މީހުން ވެސް އެއުރެންނަށް ސީދާވާށޭ" އެވެ (އައްތައުބާ 7).
މިގޮތުން ފާސިޤުކަމާއި، ހިތުގައި ނުރުހުން އޮވެމެ އެކަމަކު މުސްލިމުން ރުއްސަން އޮޅުވާލައިގެން ބަސްބުނުމާއި، ކިރިޔާވެސް ބާރެއް ލިބިއްޖިއްޔާ މުއުމިނަކާ މެދުވެސް އަދި ކިއެއްތަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް ނުބެލުމާއި، ﷲ ގެ އާޔަތްތައް ކުޑަ އަގަކަށް ގަތުމާއި، ﷲ ގެ މަގުން މީސްތަކުން އެއްކިބާކުރުމާއި، ހައްދުފަހަނައަޅައިދިއުން ފަދަ ސުލޫކުތަކެވެ. އެކަމަކު މިހުރިހާ ސިފަތަކެއް މިހެން ހުއްޓަސް ﷲ އަންގަވަނީ "ފަހެ، އެއުރެން ތިޔަބައިމީހުންނަށް ސީދާވެގެން ތިބިހާ ހިނދަކު ތިޔަބައިމީހުންވެސް އެއުރެންނަށް ސީދާވާށޭ" އެވެ. (އައްތައުބާ 7).
ތަފްސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި އޭގެ މާނައަކީ، އަހުދުގެ މަތީ ދެމިތިބިހާ ހިނދަކު އަހުދު އުވާނުލައި އަމާންކަމުގެ މަތީގައި ދެމިތިބޭށޭ އެވެ. އަދި "އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފި ނަމަ، ފަހެ އެއުރެންނީ ދީނުގައި ތިޔަބައި މީހުންގެ އަޚުން" ކަމުގައި ބަލާށޭ އެވެ (އައްތައުބާ 10).
މިހުރިހާ ކަމަކުން ވަރަށް ސާފުކޮށް އެނގި ހާމަވެގެން މިދަނީ، ފެނުނު ކޮންމެ ތަނަކުން ގަތުލުކޮށް، ހިފައިހައްޔަރުކޮށް، ހިސާރު ކުރަން މި ޖެހެނީ މުޝްރިކުންގެ ތެރެއިން އަހުދު އުވާލި މީހުން އެކަނި ކަމެވެ. އެއީ އަދި އެމީހުންނަށް ދިން ހަތަރު މަހުގެ މުހުލަތަށް ފަހުގައި ކަމެވެ. އަހުދުގެ މަތީ ދެމިތިބޭ މުޝްރިކުންނާ މެދު އޮތީ މުސްލިމުން ވެސް ހަމަ އެގޮތުގައި އަހުދުގެ މަތީ ދެމިތިބުން ކަމެވެ. އަދި އަހުދު އުވާލި މީހުންގެ ތެރެއިން ވިޔަސް މީހަކު އަމާންކަމަކަށް އެދިއްޖެ ނަމަ އަމާން ދިނުން ކަމެވެ. މި އަމާން ދިނުމުގެ މުއްދަތު އެމީހެއްގެ މުޅި އުމުރަށް ވެސް ހިނގައިދާނެ ކަމެވެ. އަދި އެއިން މީހަކު ތައުބާވެ ﷲގެ މަގަށް އަތުވެއްޖެ ނަމަ އަޚުންގެ ގޮތުގައި ބެލުން ކަމެވެ.
ވީމާ މި އާޔަތް (އައްތައުބާ 5) ނަގައިގެން މުސްލިމް ނޫން ކޮންމެ މީހަކާ އިދިކޮޅަށް ނުކުމެ "ހަނގުރާމަކުރުން" ހުއްދަވާނީ ކޮން ފަދައަކުން ހެއްޔެވެ؟ ނުވަތަ ނުބައިކޮށް ތައުވީލުކޮށްގެން މުސްލިމުންގެ ތެރެއިން ބައެއް މީހުން ވެސް މި ކެޓަގަރީ ތެރެއަށް ވައްދައި އެމީހުންނާ އިދިކޮޅަށް ހަރުކަށި އަމަލުތައް ހިންގުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟ އަދި މި އާޔަތަކީ އެހެން އާޔަތްތައް މަންސޫޚު ކުރި އާޔަތެއް ކަމަށް ދަޢުވާކުރާ އިރު އޭގެ ކުރިން ހުރި އާޔަތްތަކާއި އަދި ފަހުން ހުރި އާޔަތްތަކުގައި ހުރި މުހިންމު ހުކުމްތައް ވެސް ހަމަ މަންސޫޚު ވީ ހެއްޔެވެ؟ އިސްލާމް ދީނުގެ އެންމެ މުހިންމު ބައެއް އަސާސްތަކާއި މަތިވެރި ބައެއް އުސޫލުތައް ވެސް ހަމަ މަންސޫޚު ވީ ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި، މި ދައުވާގެ މައްޗަށް ބިނާކޮށް މި އާޔަތް ފަހުމް ކުރުމަކީ، އިސްލާމް ދީނަށް ވަރަށް ބޮޑަށް އިހާނެތިކޮށް ހިތޭނެ ވަރަށް ހަނި ވިސްނުމެއްކަން ކަށަވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާން
15 August 2020
އާރޓީކަލް ވަރަށް ރަގަޅު. ހިތާމަޔަކީ ޓީވީ ޗެނަލްތަކަށްއަރައި ﷲ ގެ ރަސޫލާ ޙަދީސްކުރެއްވިޔޭކިޔައި ﷲ ގެ ފޮތުގައިވާ ވަހީއާއި ފުށުއަރާގޮތަށް ބައެއް ޝެއިޚުންނޭކިޔާ ބަޔަކު ދޮގުހަދާތީ
ލައިޓް
14 August 2020
ވަރަށް އިލްމީ މަޒުމޫނެއް. އިލްމްވެރިން އެބަޖެހޭ