އައިފޯން 12ގެ 4 ފޯނެއް؛ ޑިޒައިން ވައްތަރީ އައިފޯން 4 އާ

އެޕަލް އިން އައިފޯންގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް 5ޖީ އާ އެކު އައިފޯން 12 އާއި އައިފޯން 12 މިނީ އާއި އައިފޯން 12 ޕްރޯ އަދި އަދި އައިފޯން 12 ޕްރޯ މެކްސް ދައްކާލައިފި އެވެ.


އައިފޯން 12 ގެ ސްކްރީންގައި ހުންނާނީ އައިފޯން 11 އާއި އެސްއާރްއާ އެއްވަރުގެ 6.1 އިންޗީގެ ޑިސްޕްލޭއެކެވެ. އެކަމަކު މިފަހަރު ވަނީ އެލްސީޑީ ސްކްރީން ދޫކޮށްލައި އޯލެޑް ސްކްރީންނަށް ބަދަލުވެފަ އެވެ. ކުރިން ވެސް އަޑު ފެތުރިފައިވާ ގޮތަށް އެޕަލް އިން މިފަހަރު ވަނީ އައިޕެޑް ޕްރޯ އާއި އައިޕެޑް އެއާގައި ހުންނަ ގޮތަށް ފޯނުގެ ދާރަތައް ބަދަލުކޮށްފަ އެވެ. މި އެންމެ ވައްތަރުވާނީ ކުރީގެ އައިފޯން 4 އަކާ އެވެ.

އައިފޯން 12 ގައި ކަޅު، ހުދު، ނޫ، ރަތް އަދި ފެހި ކުލަ ލިބޭނެ އެވެ.

އައިފޯން 12 ގައި ވެސް، އެންމެ ފަހުގެ އައިފޯނުތަކުގައި އިންނަ ނޮޗް އިނދެ އެވެ. މީގެ ފަހަތުގައި ދެ ކެމެރާ އިންނަ އިރު، މެޓް ގްލާސްއާ އެކު ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. މީގެ އެއް ކެމެރާ އަކީ ވައިޑް ކެމެރާއެކެވެ.

އައިފޯން 12 ގެ ކުލަތައް

މިރޭ ތައާރަފްކުރި އައިފޯން 12 މިނީ އަކީ މިހާތަނަށް އުފެއްދި 5ޖީގެ އެންމެ ކުޑަ އަދި ލުއި ފޯނު ކަމަށް އެޕަލް އިން ބުންޏެވެ. މީގެ ކުރިން އެޕަލް އިން ނެރުނު އައިފޯން އެސްއީ އަށް ވުރެ އައިފޯން 12 މިނީ ކުޑަ އެވެ. އެކަމަކު އެސްއީގެ ސްކްރީން ސައިޒަކީ 4.7 އިންޗި އެވެ. އައިފޯން 12 މިނީގެ ސްކްރީންގައި 5.4 އިންޗި ހުރެ އެވެ.

މީގައި އެޕަލްގެ އޭ14 ބަޔޮނިކް ޗިޕް ހިމަނާފައި ވުމުން ބެޓެރީގެ ހަރަދު ކުޑަވާނެ ކަމަށާއި އަވަހަށް ބެޓެރީ ޗާޖުވާނެ ކަމަށް ވެސް އެޕަލް އިން ބުންޏެވެ.

އައިފޯން އެސްއީ (ކ) އާއި އައިފޯން 12 މިނީގެ ސްކްރީންގެ ތަފާތު

އައިފޯން 12 ޕްރޯ އާއި ޕްރޯ މެކްސް ވެސް، މިދިޔަ އަހަރުގެ އައިފޯން 11 ޕްރޯ އާއި ޕްރޯ މެކްސް އަށް ވުރެ ސްކްރީންގެ ސައިޒު ބޮޑުވާނެ އެވެ. މިފަހަރު ނެރުނު ޕްރޯގެ ސްކްރީން ސައިޒަކީ 6.1 އިންޗި އެވެ. މެކްސްގެ ސައިޒަކީ 6.7 އެވެ. މިދިޔަ އަހަރުގެ ސައިޒުތަކަކީ 5.8 އިންޗި އާއި 6.5 އިންޗި އެވެ.

އައިފޯން 12 ޕްރޯ

ޕްރޯގެ ކޮންމެ ފޯނެއްގެ ފަހަތުގައި ވެސް ތިން ކެމެރާ ހަރުކޮށްފައިވެ އެވެ. މި 12 މެގަޕިކްސެލްގެ ކެމެރާތަކުގެ ތެރޭގައި ހިމެނެނީ ވައިޑް، ޓެލެފޮޓޯ އަދި އަލްޓްރާ ވައިޑް ކެމެރާ އެވެ. ޕްރޯ މެކްސްގެ ޓެލެފޮޓޯ ލެންސުން 2.5 ގުނަ ކައިރިކޮށްލެވޭނެ އެވެ. އަދި ވައިޑް ލެންސް ވެސް ވަނީ އިތުރަށް 47 ޕަސެންޓް ވައިޑްކޮށްފަ އެވެ. މީގެ އިތުރުން އެންމެ ފަހުން ޕްރޯ ވާޝަންތަކާ އަޅާބަލާއިރު ލޯ ލައިޓް ޕަފޮމެންސް 87 ޕަސެންޓަށް ވަނީ ރަނގަޅުކޮށްފަ އެވެ.

މިފަހަރު ވަނީ ފޯނުތަކުގެ ޑިސްޕްލޭ ފަސޭހައިން ތަޅައިގެންދިއުމުގެ ފުރުސަތު ކުޑަކުރުމަށް "ސެރަމިކް-ހާޑެންޑް" ސްކްރީން ބޭނުންކޮށްފަ އެވެ. އަދި 5ޖީ އިން އަވަހަށް ބެޓެރީގެ ބާރު ދަށްވެގެން ދިއުމުގެ މައްސަލަ ހައްލުކުރުމަށް ސްމާޓް ޑޭޓާ ޓެކްނޮލޮޖީ ވަނީ ހިމަނައިފަ އެވެ.

އެޕަލް އިން އައިފޯން ޕްރޯގެ 128 ޖީބީ ވިއްކަން ނިންމާފައިވަނީ 999 ޑޮލަރަށެވެ. ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،099 ޑޮލަރެވެ. އައިފޯން 12، 799 ޑޮލަރަށް ވިއްކަން ނިންމާފައި ވާއިރު މިނީ ވިއްކާނީ 699 ޑޮލަރަށެވެ.

ޕްރީއޯޑަރަށް މި މަހުގެ 16 ގައި ހުޅުވާލުމަށް ފަހު 23 ގައި ޝިޕްކުރަން ފަށާނެ އެވެ. ޕްރޯ މެކްސް އާއި މިނީ ޝިޕްކުރަން ފަށާނީ ނޮވެމްބަރު 13 އިން ފެށިގެންނެވެ.