"ބޯޑާ ބިސްކިޓްސް" ގެ ބިސްކޯދު ޕެކެއް.
17 އޮކްޓޯބަރ 2020 - 09:17
ސްކޮޓްލެންޑްގެ ބިސްކޯދު އުފައްދާ ކުންފުންޏަކުން އެތަނުން އަލަށް ނެރެން ނިންމާފައިވާ ބިސްކޯދުތަކެއްގެ ރަހަ ބަލައި، ރަހަ ހެޔޮވަރުކުރުމުގެ މަސައްކަތަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގާ "ބޯޑާ ބިސްކިޓްސް" އިން ބުނީ "މާސްޓާ ބިސްކެޓިއާ" ގެ މަގާމަށް ހޯދާ މީހާގެ މުސާރަ އަކީ އަހަރަކަށް 40،000 ޕައުންޑް (51,723 ޑޮލަރު) ކަމަށާއި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި ހިލޭ ބިސްކޯދާއި އިތުރު އެހެން އެލަވަންސްތައް ވެސް ލިބޭނެ ކަމަށެވެ. ހަފުތާ އަކު މަސައްކަތްކުރަން ޖެހޭނީ 40 ގަޑިއިރު އެވެ. ފުލް ޓައިމް ވަޒީފާއެއްގެ ގޮތުގައި އިއުލާންކޮށްފައިވާ އެ މަގާމު އަދާކުރާ މީހަކަށް އަހަރަކު 35 ދުވަސް ޗުއްޓީއަށް ވެސް ލިބޭނެ އެވެ.
އޭނާގެ މައިގަނޑު މަސައްކަތަކަށް ވާނީ އާ ރަހަތަކުގެ ބިސްކޯދު ނެރެން ޕްލޭންކޮށް، އޭގެ ޓެސްޓްތައް ބަދިގެ ތެރޭގައި ފަށާ ހިސާބުން ގޮސް ބާޒާރަށް ނެރެން ޕެކްކުރުމާ ހަމައަށް ބިސްކޯދުގެ ރަހަތައް ޓެސްޓްކޮށް، އެއްވެސް މައްސަލައެއް އުޅޭ ނަމަ އެކަން ފާހަގަކޮށްދިނުމެވެ.
"ބޯޑާ ބިސްކިޓްސް" އިން މަގާމަށް މީހަކު ހޯދަން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ "މާސްޓާ ބިސްކެޓިއާ" ގެ ޝަރުތަކީ އެ މީހެއްގެ ރަހައިގެ ހިއްސު ވަރުގަދަ އަދި ބޭކިންގެ ޓެކްނިކަލް ކަންކަން އެނގޭ މީހަކަށްވުމާއި ބޭކިންގެ ތަޖުރިބާ ވެސް ހުރި މީހަކަށްވުން ކަމަށެވެ.
"ބޯޑާ ބިސްކިޓްސް" ގެ މެނެޖިން ޑިރެކްޓަރު ޕޯލް ޕާކިންސް ވިދާޅުވީ މިއީ ތަފާތު ވަޒީފާއެއް އަދާކުރަން ޝައުގުވެރިވާ މީހަކަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.
"ކޮންމެ ދުވަހަކު އަހަރެމެންގެ ރަހަ މީރު ބިސްކޯދުތައް ކާލައިގެން ރަނގަޅު މުސާރައެއް ހޯދަންވީ." އޭނާ ވިދާޅުވި އެވެ. "މިއީ މީހަކަށް ވަރަށް މަދުން ނޫނީ ނުލިބޭނެ ކަހަލަ ވަޒީފާއެއް."
"ބޯޑާ ކިސްކިޓްސް" ގެ ވެބްސައިޓުން މިހާރު މަގާމަށް ކުރިމަތިލެވޭނެ އެވެ. މަގާމަށް މީހަކު ނަގާނީ ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ މީހަކަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް