21 ނޮވެމްބަރ 2020 - 09:04
އާންމުންގެ މެދުގައި މަގުބޫލު ބިސްކޯދު ބްރޭންޑް އޯރިއޯގެ ގްލޫޓެން-ފްރީ ބިސްކޯދު އަންނަ އަހަރު ނެރެން ނިންމައިފި އެވެ.
މިކަން ހިއްސާކުރަމުން އޯރިއޯ ނެރޭ ކުންފުނި މޮންޓެލޭޒް އިންޓަނެޝަނަލް އިން ބުނީ ގްލޫޓެން-ފްރީ ބިސްކޯދިުނެރޭނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި ގްލޫޓެން-ފްރީ އޯރިއޯ ބިސްކޯދުގެ ދެ ވާޝަނެއް ނެރޭނެ އެވެ. އެއީ ޓްރެޑިޝަނަލް އަދި ޑަބަލް ސްޓަފް ކުކީޒް ވާޝަނެވެ.
މި ދެ ވާޝަނަށް ގްލޫޓެން އިންޓޮލަރެންސް ގްރޫޕް އޮފް ނޯތު އެމެރިކާ އިން ވަނީ އެޕްރޫލް ވެސް ދީފަ އެވެ. އެހެންވެ ބިސްކޯދު ޕެކެޓްގައި ބޭރުގައި އެއީ ގްލޫޓެން-ފްރީ ބިސްކޯދުކަން އެނގޭ ގޮތަށް ލޭބަލް ވެސް ކޮށްފައި އިންނާނެ އެވެ.
"އަލަށް ނެރޭ ދެ ވާޝަނުގެ ބޭނުމަކީ ސްނެކެއްގެ ގޮތުގައި ބޭނުންކޮށްލެވޭނެ ސިއްހަތަށް ވެސް ރަނގަޅު އިތުރު ރަހަތަކެއް ގެނެސްދިނުން،" މޮންޑެލޭޒްގެ ތަރުޖަމާނު ވިދާޅުވި އެވެ.
Milk’s Favorite Cookie, now in a Gluten Free version. Coming January 2021. pic.twitter.com/2wbBB5MpwQ
— OREO Cookie (@Oreo) November 16, 2020
މޮންޑެލޭޒުން ބުނީ ގްލޫޓެން-ފްރީ އޯރިއޯ ބިސްކޯދު ނެރުނު ނަމަވެސް ކުރިއެކޭ އެއްގޮތަށް ހަމަ އޮރިޖިނަލް ވާޝަން ވެސް ނެރޭނެ ކަމަށެވެ.
އޯރިއޯގެ އާ ދެ ވާޝަނެއް ނެރެން ނިންމިކަން އިއުލާންކުރުމުން އޯރިއޯގެ ބައެއް ފޭނުން އެކަމަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ. ބައެއް މީހުން ބުނީ މިއީ 2021 ފެށޭ އިރު ލިބޭނެ އެންމެ ބޮޑު އެއް އުފަލަށް ވާނެ ކަމަށެވެ.
އެމެރިކާގެ މޮންޑެލޭޒުން އޯރިއޯ ބިސްކޯދު އެންމެ ފުރަތަމަ ނެރުނީ 1912 އެވެ. އެ ބިސްކޯދުގެ ދިގު ތާރީހުން ގަރުނަކަށް ވުރެ ގިނަ ދުވަސް މާޒީވެގެން ދިޔަ އިރު، އޯރިއޯ ބިސްކޯދަކީ މަގުބޫލު ކަމަށް އެއްވެސް ފަނޑުކަމެއް ނާންނަ އުފެއްދުމެކެވެ. އަދި މިއީ ވަކިން ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ބިސްކޯދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާއިޒް
21 November 2020
ގުލޫޓެން ފުރީ އަކީ ކޯޗެއް؟
1828
21 November 2020
އެކަމަކުވެސް ނިއުޓްރޯ ބިސްކޯދުވަރެއް ނޫން.