ބުޅަލުގެ "މިއައު" ތަރުޖަމާކުރެވޭ އެޕެއް

މިއީ ބުޅާ ގެންގުޅޭ މީހުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ. ޑިވެލޮޕަރަކު މި ގެނެސްދިނީ ބުޅަލުގެ "މިއައު" ތަރުޖަމާކުރެވޭ މޮބައިލް އެޕެކެވެ. "މިއައު ޓޯކް" ގެ ނަން ދީފައިވާ އެޕް އުފެއްދީ އެމެޒޯންގެ ވޮއިސް އެސިސްޓަންޓް އެލެކްސާ ވެސް ޑިވެލޮޕްކުރުމުގައި ވެސް ހިއްސާވި އެކްވެލަން ކުންފުނީގެ ޓެކްނިކަލް ޕްރޮގްރާމް މެނޭޖަރު ޒޭވިއާ ސަންޗޭޒެވެ.


އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑްކުރެވޭ މި އެޕަކީ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ގެ އެހީގައި ބުޅަލުގެ އަޑު ރެކޯޑްކޮށް އެ ތަރުޖަމާކޮށްދޭ އެޕެކެވެ. އެގޮތަށް ރެކޯޑް ކުރާ އަޑުތައް ޑޭޓާބޭސްއެއްގައި ރައްކާ ވެސް ކޮށްދޭނެ އެވެ. މިހާރު 13 ވަރަކަށް އިބާރާތަށް އެޕް "މިއައު" ތަރުޖަމާކޮށް ދޭނެ އެވެ. އޭގެ ތެރޭގައި "ފީޑް މީ" އާއި "ލީވް މީ އެލޯން" އަދި "އައި އޭމް އެންގްރީ" ފަދަ ޖުމްލަތައް ހިމެނެ އެވެ.

ބުޅަލަކީ ވަރަށް ގިނަ ބަޔަކު އޮޅުކޮށްގެން ދަރިން ގެންގުޅޭހާ ލޯބިން ގެންގުޅޭ ޖަނަވާރަކަށްތީ ބުޅަލުގެ "މިއައު" މޮބައިލް އެޕެއް މެދުވެރިކޮށް ތަރުޖަމާކުރެވުން ވެގެންދާނީ ބުޅަލުގެ އިހުސާސްތައް ފަސޭހަ ދަނެގެނެވޭނެ ކަމަކަށެވެ. މިއާ އެކު ބުޅާ ގެންގުޅެން ވެސް އިތުރު ފަސޭހަކަމެއް ލިބިގެން ދާނެ އެވެ.

ޒޭވިއާ ވިދާޅުވި ގޮތުގައި އެކި ބުޅަލުގެ އަޑު ތަފާތުވާނެތީ އެ އެޕް ފަރުމާކޮށްފައި ވަނީ ކޮންމެ ބުޅަލެއް ލައްވާ "މިއައު" ގެ މާނަ ވެސް ފަސޭހައިން އެނގޭ ގޮތަށެވެ. އެގޮތުން ލައްވާ އަޑުގެ ޓޯނާއި ސްޕީޑް ހުންނަ ގޮތް ދަނެގަނެ، އެ ވަގުތަކު ބުޅާ ލައްވާ "މިއައު" ގެ މާނަ އަކީ ކޮބައިތޯ ބުނެދޭނެ އެވެ.

"އެންމެ ބޮޑު އަމާޒަކީ ސްމާޓް-ކޮލާއެއް އުފެއްދުން. އޭރުން އަދި މާ ފަސޭހަ ވާނެ ބުޅަލުގެ ބަހުރުވަ ތަރުޖަމާކުރަން،" ޒޭވިއާ ވިދާޅުވި އެވެ. "އެ ޑިވައިސް އަކީ ބުޅަލުގެ ކަރުގައި އަޅާލެވޭނެ އެއްޗެއް. އަދި އެ އިންނާނީ ބުޅާ ގެންގުޅޭ މީހާގެ ސްމާޓް ޑިވައިސްއަކާ ގުޅިފައި. އޭރުން ވަގުތުން ވަގުތަށް ތަރުޖަމާ ލިބުން ފަސޭހަ ވާނެ."

އޭނާ ވިދާޅުވި ގޮތުގައި "މިއައު ޓޯކް" އިތުރަށް ތަރައްގީކުރުން އަދި ކުރިއަށް އޮތީ އެވެ. އެހެންވެ މި ވަގުތު އެޕުން އެކި ކަހަލަ މައްސަލަތައް ފާހަގަކުރެވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ. ނަމަވެސް އެޕް ގިނައިން ބޭނުން ކުރި ވަރަކަށް އޭގެ ފަސޭހަކަން ފާހަގަވާނެ އެވެ.

"މިއައު ޓޯކް" އަށް ޕްލޭ ސްޓޯރުގައި ދީފައިވާ ރިވިއުތަކަށް ބަލާ އިރު، ގިނަ ބަޔަކު 4.3 ގެ ރޭޓިންއެއް ދީފައިވެ އެވެ.