ސުޒާން އާއި އެކްޓަރު އަރުޖުން ރާމްޕާލް ރައްޓެހިވެގެން އުޅުނުކަމުގެ އަޑުތަކެއް ވެސް ކުރިން އެރި
އަރްސަލާން އަދި ސުޒާން.
14 މާޗް 2021 - 07:59
ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާން އާ ބައިވެރިޔަކު ހޯދާފައިވާ ކަމަށާއި އޭނާ މިހާރު ހުރީ ވަރަށް ސީރިއަސް ގުޅުމެއްގެ ތެރޭގައި އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުޒާންގެ އާ ބައިވެރިޔަކީ ޓީވީ އެކްޓަރު އަލީ ގޯނީގެ ބޭބެ އަރްސަލާން ގޯނީ އެވެ. އަލީ ދާދި ފަހުން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގެ ގަދަ 5 އަށް ދިޔަ ބައިވެރިންގެ ތެރެއިން އެކެކެވެ.
ސުޒާނާއި އިތުރު ރައްޓެހިންތަކާ އެކު ނަގާގައިވާ ފޮޓޯއެއް ވެސް ދާދި ފަހުން އަރުސަލާން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯގައި ފެންނަނީ ސުޒާން، އަރުސަލާންގެ ފަހަތުން ކޮނޑުގައި މަތީގައި ބައްދާލައިގެން ހުރި ތަނެވެ. އަދި އަރުސަލާން ހިމެނޭ ފޮޓޯއެއް ސުޒާން ވެސް ޕޯސްޓްކޮށްފައިވެ އެވެ.
ސުޒާންއާ ގާތް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އޭނާ އާއި އަރުސަލާން ދިމާވީ މީގެ ހައެއްކަ މަސް ކުރިން ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ރައްޓެހިންތަކެއްގެ ފަރާތުން ކަމަށާއި ދެ މީހުންގެ މެދުގައި ވަރަށް ހާއްސަ ގުޅުމެއް މިހާރު އެބަ އޮތް ކަމަށެވެ. އަރުސާލަނަކީ ވެސް އެކްޓަރެކެވެ. އޭނާ އާއި ޕްރޮޑިއުސަރު އެކްތާއާ ވެސް ވަރަށް އެކުވެރި އެވެ. އަރުސަލާންގެ ކޮއްކޮ އަލީ އެކްތާގެ ބައެއް ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވާ އިރު އަރްސަލާން ވެސް އެކްތާ ވެބް ސީރީޒް "މޭ ހީރޯ ބޯލް ރަހާ ހޫ" އަށް ސޮއިކޮށްފައިވެ އެވެ. އަރުސަލާން އަކީ 2017 ގައި ރިލީޒްކުރި ފިލްމު "ޖިއާ އޯރް ޖިއާ" ގެ ބަތަލެވެ.
ސުޒާންގެ ގާތް މީހުން ބުނެފައިވާ ގޮތުގައި އޭނާ އާއި އަރުސަލާން އަންނަނީ ގުޅުން ކުރިއަށް ގެންދެވޭތޯ މަޑުމަޑުން މިހާރު މަސައްކަތްކުރަމުންނެވެ. އަދި ދެ މީހުންގެ ގުޅުން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންނެވެ.
ސުޒާން އާއު ރިތިކްގެ ކައިވެނި ރޫޅައިލީ 2014 ގަ އެވެ. އެ ކައިވެންޏަށް ލިބިފައި ވަނީ ދެ ފިރިހެން ކުދިންނެވެ. އެއީ ރިދާން ރޯޝަން، 12، އާއި ރިހާން ރޯޝަން، 14، އެވެ.
ކައިވެނި ރޫޅުނު ނަމަވެސް ކުދިންގެ ކަންކަމުގައި ސުޒާނާއި ރިތިކާ ދެމެދު އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެެ. ކައިވެނި ރޫޅުނުތާ ކުރީކޮޅު ސުޒާން އާއި އެކްޓަރު އަރުޖުން ރާމްޕަލާ ދެމެދު ވެސް ގުޅުމެއް އޮތް ކަމުގެ އަޑުތަކެއް އެރި އެވެ. އެކަމަކު އެ މީހުން އެކަން ދޮގުކޮށްފައިވާ އިރު ދެ އަންހެން ކުދިން ލިބިފައި ވަނިކޮށް އަރުޖުންގެ ކައިވެނި 2019 ގައި ރޫޅި އޭނާގެ މިހާރުގެ ބައިވެރިޔަކީ ދެކުނު އެފްރިކާ އަށް ނިސްބަތްވާ މޮޑެލް ގެބްރިއަލް ޑިމިޓްރިއޭޑްސް އެވެ. އެ ދެ މީހުންނަށް ދަރިއަކު ވެސް ލިބިފައިވެ އެވެ.
ރޫޅިދާނެ ކަމަށް ކުރިން އެއްވެސް ބަޔަކު ހީނުކުރާ ރިތިކާއި ސުޒާންގެ ކައިވެނި ރޫޅުނު ސީދާ ސަބަބެއް މިހާތަނަލަށް ސާފެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން ސަބަބަކީ ރިތިކް ސިއްރު ލޯބީގެ ގުޅުންތަކެއް ބޭއްވިކަން ފަޅާއެރުމެވެ. އެގޮތުން އޭނާ 2010 ގައި ކުޅުނު ފިލްމު "ކައިޓްސް" ގެ މެކްސިކޯގެ ބަތަލާ ބާބަރާ މޯރީއާ ވަރަށް ސީރިއަސްކޮށް ލޯބީގެ ގުޅުމެއް ބޭއްވިކަމުގެ އަޑުތަކެއް އެރި އެވެ. ފަހުން ރިތިކް ބަތަލާ ކަންގަނާ ރަނާވަތާ ވެސް ރައްޓެހިވި އެވެ.
އެކަމަކު އެކަމަށް ރިތިކް މިހާތަނަށް އެއްބަސްވެފައި ނުވާ އިރު، ކަންގަނާ ވަނީ އެ ގުޅުމުގެ ވާހަކަ ވަރަށް ތަފުސީލުކޮށް އެކި ފަހަރު މަތިން މީޑިއާތަކަށް ތިލަކޮށްފަ އެވެ. އޭގެ ސަބަބުން އެ ދެ މީހުންގެ ޕްރޮފެޝަނަލް ގުޅުމުގައި ވެސް ވަނީ ސިއްކަ ޖެހިފަ އެވެ.
އިންޓީރިއާ ޑިޒައިނިން އާއި ފެޝަން ޑިޒައިނިުން ދާއިރާ އިން ކިޔަވާފައިވާ ސުޒާން، 48، އަކީ ކުރީގެ އެކްޓަރު ސަންޖޭ ޚާންގެ ދަރިއެކެވެ. އެކްޓަރު ޒައިދު ޚާނަކީ ސުޒާންގެ ކޮއްކޮ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy