މައްކާ: އޭޕްރިލް 16، 2021: މައްކާގެ މިސްކިތެއްގައި މީހަކު، ރޯދަ މަހުގެ ފުރަތަމަ ހުކުރު ދުވަހުގެ ރޯދަ ވީއްލަނީ.-- ފޮޓޯ: އޭއެފްޕީ
11 ޖޫން 2021 - 12:31
އިސްލާމްދީނުގެ ޚާއްސަ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އެއްވެސް ކަމެއްގައި ވަކިއަތަކަށް ބުރަނުވެ ވަޒަން ހިފެހެއްޓުމެވެ. މިގޮތުން ވަޒަން ހިފަހައްޓައި ކަންކަމުގެ ތެރެއިން އެއް ކަމަކީ މާތް ﷲ އަށް އީމާންވެ އެކަލާނގެ އަށް އަޅުވެތިވާން ޖެހޭ އިރު އަނެއްކޮޅުން އިންސާނިއްޔަތު ގަބޫލުކޮށް އިންސާނިއްޔަތަށް ރިއާޔަތް ކުރުމެވެ. މީގެ މާނައަކީ ﷲ އަށް އީމާންވާ އިރު އެކަލާނގެ އަށް އަޅުވެތިވުމުގެ ގޮތުން ކުރާ ޚާއްސަ ކަންކަމަށް ވަގުތު ދިނުމާ އެކު އިންސާނާއާ ބެހޭގޮތުން ގަބޫލުކުރަން ޖެހޭ ކަންކަން ގަބޫލު ކުރުމާއި އިންސާނިއްޔަތަށްޓަކައި ކުރަން އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަންކަން ފުރިހަމަ ކުރަންވެސް ސަމާލުކަން ދިނުމެވެ.
މާތް ﷲ އަށް އީމާންވާން އިސްލާމް ދީން ގޮވާލަނީ އެކަލާނގެއަކީ މި ކައުނު ހައްދަވައި ކައުނުގައި ހިނގަމުންދާ ހުރިހާ ކަމެއް ތަދުބީރު ކުރައްވާ ކަލާނގެ ކަމަށްވާތީ އެވެ. (ފުރުޤާން 2). އެކަލާނގެ ޚަލްޤު ކުރެއްވުން ފުރިހަމަވެފައި ރިވެތިވެގެންވާތީ އެވެ. (އައްނަމްލު 88، އައްސަޖިދަ 7). އެކަލާނގެ އަކީ އެއްވެސް ބައިވެރިޔަކު އަދި އެކަލާނގެއާ އެއްފަދަ އެހެން ފަރާތެއް ވިއަސް ނުވާ އެއްކައުވަންތަ ކަލާނގެ ކަމަށްވާތީ އެވެ. (ސޫރަތުލް އިޚުލާޞް). މި ކައުނުގައިވާ ކޮންމެ އެއްޗެއް ވުޖޫދުވުމާއި އޭގައިވާ ފުރިހަމަކަމާއި ވަޒަންހިފެހެއްޓުން ފަދަ ކަންކަމުން، އެކަލާނގެ ވޮޑިގެންވާކަމާއި ކުޅަދުންވަންތަކަމާއި ހިކުމަތްވަންތަކަމަށް ދަލީލުކުރާތީ އެވެ. (އަލްޤަމަރު 49). ކައުނުގައިވާ އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް ބާތިލު ގޮތެއްގައި ނުވަތަ ކުޅިވަރެއް ކަމުގައި ހައްދަވާފައި ނުވާތީ އެވެ. (އަލްއަންބިޔާއު 16، އަލްމުއުމިނޫން 115). އެއިން ކޮންމެ އެއްޗެއްގައި ނުވަތަ ކަމެއްގައި މަތިވެރިވެގެންވާ ހިކުމަތްތަކެއް ލައްވަވާފައިވާތީ އެވެ. އިންސާނާއަށް މިކަން އެނގުނަސް އަދި ނޭނގުނަސް ބުއްދީގެ އަހުލުވެރިން ބަހަކީ "އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ މި ތަކެތި ހައްދަވާފައިވަނީ، ބާތިލު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާ އެވެ!" (އާލްޢިމްރާން 191)
މާތް ﷲ އީ ހުރިހާކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެއަށް ވަންހަނާވެގެންވާ ހަމަ އެއްކަމެއް ވެސް ނުވެ އެވެ. (އަލްޙަދީދު 3). އެކަލާނގެއީ ރަޙުމަތްވަންތަ އޯގާވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ ކޯފާއަށް ވުރެ ރަހުމަތް އިސްވެގެންވެ އެވެ. އެކަލާނގެ އަދުލުވަންތަކަމަށް ވުރެ ފަޟްލަވަންތަކަން އިސްވެގެންވެ އެވެ. އެކަލާނގެ ޢުޤޫބާތަށްވުރެ ޙިލްމުވަންތަކަން އިސްވެގެންވެ އެވެ. އެކަލާނގެއީ ފާފަ ފުއްސަވައި ތައުބާ ގަބޫލު ކުރައްވާ ރަސްކަލާނގެ އެވެ. (އައްޝޫރާ 25). އެކަލާނގެއީ އެންމެހާ ފުރިހަމަ ސިފަފުޅުތަކުން ސިފަލިބިވޮޑިގެންވާ އަދި އެންމެހާ އުނި ސިފަތަކުން ހުސްދުރުވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. ވީއިރު ކަލެއްގެ ގޮތުގައި އިންސާނާ ބަލައިގަންނަން ޖެހޭ އެހެން އެއްވެސް ފަރާތެއް ﷲ ފިޔަވައި ނުވެ އެވެ. އިންސާނާ އަޅުކަން ކުރަން ޖެހެނީ އަދި ވާގިއެދެން ޖެހެނީ ހަމައެކަނި އެފަރާތުންނެވެ. (ސޫރަތުލް ފާތިޙާ 5) މުސްލިމުން ކޮންމެ ދުވަހަކު އެންމެ މަދުވެގެން ސަތާރަ ފަހަރު މިކަމަށް އިއުތިރާފު ވެ އެވެ.
މާތް ﷲގެ އެއްކައުވަންތަކަން ގަބޫލު ކުރުމާ އެކު އެކަލާނގެއަށް އީމާންވެ ކިޔަމަންވާ ކޮންމެ މީހަކީ އަނެއްކޮޅުން ބަލާއިރު އިންސާނިއްޔަތު ގަބޫލުކޮށް އިންސާނިއްޔަތަށް ރިއާޔަތް ކުރަން ޖެހޭ މީހެކެވެ. މިގޮތުން އިންސާނާއަކީ އެންމެ ފުރިހަމަ ގޮތުގައި ﷲ ހައްދަވާފައިވާ މަޚްލޫޤެއްކަން ގަބޫލު ކުރަން ޖެހެ އެވެ. (އައްތީން 4).
މާތް ﷲގެ އެއްކައުވަންތަކަން ގަބޫލު ކުރުމާ އެކު އެކަލާނގެއަށް އީމާންވެ ކިޔަމަންވާ ކޮންމެ މީހަކީ އަނެއްކޮޅުން ބަލާއިރު އިންސާނިއްޔަތު ގަބޫލުކޮށް އިންސާނިއްޔަތަށް ރިއާޔަތް ކުރަން ޖެހޭ މީހެކެވެ. މިގޮތުން އިންސާނާއަކީ އެންމެ ފުރިހަމަ ގޮތުގައި ﷲ ހައްދަވާފައިވާ މަޚްލޫޤެއްކަން ގަބޫލު ކުރަން ޖެހެ އެވެ. (އައްތީން 4). އެހެން މަޚްލޫޤުންނަށް ވުރެ އިންސާނާ މާތް ކުރައްވާފައިވާކަން ގަބޫލު ކުރަން ޖެހެ އެވެ. (އަލްއިސްރާއު 70). އިންސާނާ ހައްދަވާފައި ވަނީ ﷲ އަށް އަޅުވެތިވުމަށްޓަކައި ކަން ގަބޫލު ކުރަން ޖެހެ އެވެ. (އައްޛާރިޔާތު 56). އަދި މި އަޅުވެތިކަމުގެ ދަށުން ބިމުގެ ޚަލީފާކަން އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އިންސާނާއާ ހަވާލު ކުރެވިފައިވާކަން ގަބޫލު ކުރަން ޖެހެ އެވެ. (އަލްބަޤަރާ 30). މި މުހިންމު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ބިމުގައިވާ އެންމެހާ ތަކެތި އިންސާނާއަށްޓަކައި ﷲ ކިޔަމަންތެރި ކުރައްވާފައިވާ ކަން ގަބޫލު ކުރަން ޖެހެ އެވެ. އަދި ސިއްރާއި ފާޅުގައި އެކަލާނގެ ނިއުމަތްތައް އިންސާނާއަށް ދެއްވާފައިވާކަން ގަބޫލު ކުރަން ޖެހެ އެވެ. (ލުޤުމާން 20). މިގޮތުން އިންސާނާ މި ބިމުގައި އަދާކުރަންޖެހޭ ދައުރު ބަޔާންކޮށްދިނުމަށްޓަކައި ރަސޫލުން ފޮނުއްވައި ފޮތްތައް ބާވާލެއްވި އެވެ. އަދި މިކަން ބަލައިގަތުމުގެ ގާބިލިއްޔަތުގެ ގޮތުގައި ވިސްނާ ފިކުރުކުރުމަށްޓަކައި ބުއްދިއާއި އިލްމު އުނގެނުމުގެ ވަސީލަތްތައް ފަހިކުރެއްވެވި އެވެ. އަދި އިންސާނާ ނުދަންނަ ކަންކަން އޭނާ އަށް ﷲ އުގަންނައިދެއްވި އެވެ. (އައްރަޙުމާން 1 - 4)
އިންސާނާގެ އެއް އަސްލަކީ ބިމުގެ މާއްދީ އުންސުރުތައް ކަމަށްވިއަސް އޭގައި ފުރާނަ އެޅުވިފައިވަނީ މާތް ﷲގެ ރޫޙުފުޅުން ފުމެލެއްވިގެން ކަމަށްވާތީ އާއި އިންސާނާ އަށް ﷲ ދެއްވާފައިވާ މާތްކަމަށްޓަކައި މި މަޚްލޫޤަށް ގަދަރު ކުރުމުގެ ގޮތުން މަލާއިކަތުން ސަޖިދަ ޖެއްސެވިއެވެ. (ޞާދު 71-72). އެކަމަކު އިބިލީސް ބޮޑާވެގަތެވެ. އަދި އިންސާނާގެ އަދުއްވެއް ކަމުގައިވާން ބޭނުންވި އެވެ. މި ފުރުސަތު އިބިލީހަށާއި އެސޮރުގެ އައުވާނުންނަށް ﷲ ދެއްވި އެވެ. އެއީ އިންސާނާ އިމްތިހާނު ކުރުމުގައި އިންސާނާގެ ތަބީއަތުގައިވާ ޝަހުވަތްތަކަށް ލެނބުމުގެ ބާރުގެ އިތުރުން ޝަހުވަތްތަކަށް ތަބާވުމަށް ވަސްވާސް ދޭ ފަރާތެއް ކަމުގައި އިބިލީހާއި އެހެން ޝައިޠާނުން ވެގެންދާނެތީ އެވެ. އިންސާނާގެ ކުރިމަތީ މި ހުރަސްތައް ނެތި ﷲ އަށް އިންސާނާ އަޅުވެތިވާ މިންވަރު އިމްތިހާނެއް ނުކުރެވޭނެ އެވެ. ނަމަވެސް ﷲ އަށް އީމާންވާ އަޅުންނަށް ޝައިޠާނާގެ ބާރެއް ނުފޯރުވޭނެކަން ﷲ ވަނީ ބަޔާން ކުރައްވައިފަ އެވެ. (އަލްޙިޖުރު 40، 42).
އިންސާނާގެ އެއް އަސްލަކީ ބިމުގެ މާއްދީ އުންސުރުތައް ކަމަށްވިއަސް އޭގައި ފުރާނަ އެޅުވިފައިވަނީ މާތް ﷲގެ ރޫޙުފުޅުން ފުމެލެއްވިގެން ކަމަށްވާތީ އާއި އިންސާނާ އަށް ﷲ ދެއްވާފައިވާ މާތްކަމަށްޓަކައި މި މަޚްލޫޤަށް ގަދަރު ކުރުމުގެ ގޮތުން މަލާއިކަތުން ސަޖިދަ ޖެއްސެވިއެވެ. (ޞާދު 71-72).
އިސްލާމްދީނުގައި އިންސާނާއާ މެދު މި ހަގީގަތްތައް ބަޔާންކުރާއިރު އެ ދީނުގެ ޝަރީޢަތާއި އަޚްލާޤީ ނިޒާމުގެ ތެރެއިން އިންސާނާގެ ފިތުރަތަށް ރިއާޔަތް ކުރެ އެވެ. އޭނާގެ ކަރާމާތްތެރިކަމާއި ހުރުމަތްތެރިކަން ދަމަހައްޓަން މަސައްކަތް ކުރެ އެވެ. މިގޮތުން އިންސާނީ ފިތުރަތަށް ބަލާއިރު އެ ފިތުރަތާ އިދިކޮޅަށް އެއްވެސް އަމުރެއް ނުވަތަ ނަހީއެއް އިސްލާމް ދީނުގައި ނުވެ އެވެ. މިސާލަކަށް އިންސާނާގެ ކިބައިގައިވާ ކެއިންބުއިމުގެ އެދުމަށް ބަލާއިރު އެ އެދުން ފުއްދުން މުޅިން މަނައެއް ނުކުރެ އެވެ. ޖިންސީ އެދުމަށްބަލާއިރު އެ އެދުން ފުއްދުން ވެސް މުޅިން ނުހުއްޓުވަ އެވެ. އެކަމަކު މިއިން ކޮންމެ އެދުމެއް ވެސް ވަކި ގޮތަކަށް ތަހުޒީބު ކުރެ އެވެ. އެހެންވެ ކެއުމުގެ ތެރެއިން ބައެއް ތަކެތި ހަރާމް ކުރެ އެވެ. ޝަރުއީ ކައިވެންޏަކުން ނޫން ގޮތަކަށް ޖިންސީ އުފާ ހޯދުން މަނާ ކުރެ އެވެ. ދުނިޔޭގެ ޒީނަތްތެރިކަމުން އުފާ ލިބިގަންނަ އިރު ވެސް އިސްރާފު ކުރުމާއި ކަންދެއްކުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ.
އިންސާނީ ކަރާމަތަށް ބަލާއިރު އިންސާނާ އަށް އިހާނަތްތެރިވާ ފަދަ އެއްވެސް މުއާމަލާތެއް ކުރުން އިސްލާމްދީން ހުއްދައެއް ނުކުރެ އެވެ. ހައިވާނުންނާ މުއާމަލާތު ކުރާ ފަދައިން އިންސާނުންނާ މެދު މުއާމަލާތު ކުރުމަކީ އިސްލާމްދީނުގައި ހަރާން ކަމެކެވެ. އެއްވެސް އިންސާނަކަށް އެހެން އިންސާނަކު އަޅުވެތިވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އިންސާނާ މަރުވުމަށް ފަހު ވެސް އޭނާ އަށް އިހާނެތިކޮށް ހިތައިގެން ނުވާނެ އެވެ. މި ކަންކަން މިހެން އޮތް ނަމަވެސް އިންސާނާ އޭނާ ހެއްދެވި ފަރާތަށް އުރެދިއްޖެ ނަމަ ނުވަތަ އެހެން އިންސާނެއްގެ ކަރާމާތަށް އަރައިގެންފި ނަމަ އޭނާއާ އަދި ދެން ތިބިމީހުން އިސްލާހުކޮށް ތަހުޒީބު ކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަކި އަދަބުތަކެއް ދޭން ޖެހެ އެވެ. މީގައި ބޭރުފުށުން ބަލާއިރު އިހާނެތިކޮށް ހިތުމެއް އޮތްކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް ހަގީގަތުގައި އެއީ މުޅި އިންސާނިއްޔަތުގެ ކަރާމަތް ދެމެހެއްޓުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އެއީ އިންސާނީ ކަރާމާތް ނަގާލުމެއް ނޫނެވެ.
އިންސާނީ ފިތުރަތާއި ކަރާމަތަށް ބަލާއިރު މިކަންކަން މިގޮތަށް އިސްލާމް ދީނުގައި އޮތުމުން، ﷲ އަށް އީމާންވާ އިރު އިންސާނީ ފިތުރަތާއި ކަރާމަތަށް ރިއާޔަތްކުރަން އެއްވެސް މުސްލިމަކު ހަނދާން ނައްތާލައިގެން ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމާން
11 June 2021
ރަނގަޅު ލިޔުމެއް
ހށނ
11 June 2021
އެދުމުގެ ކުރިމަތީ އިންސާނިއްޔަތާއި ކަރާމާތަކީ އެކައްޗަކަށްވެސް ނުވާނެ! އިންސާނީ ނަސްލުގެ ވާހަކަ ފެށިގެން މިއަދާޖެހެންދެން ބަލާއިރުވެސް މަގޭއާއިލާ މަގޭދަރިކޮޅު، މަގޭގައުމު، މަގޭއުސޫލު ނޫން ކަމެއް އިސްކުރެވިފަ ނެތް! ދުނިޔޭގެ ދިރުން ބައްޓަންވެފަ ވަނީވެސް އެގޮތުގަ.