އިސްލާމްދީނުގެ ޚާއްސަ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އެއްވެސް ކަމެއްގައި ވަކިއަތަކަށް ބުރަނުވެ ވަޒަން ހިފެހެއްޓުމެވެ. މިގޮތުން ވަޒަން ހިފަހައްޓާ ކަންކަމުގެ ތެރެއިން އެއް ކަމަކީ މާތް ﷲ އަށް އީމާންވެ އެކަލާނގެ އަށް އަޅުވެތިވާން ޖެހޭ އިރު އަނެއްކޮޅުން އިންސާނިއްޔަތު ގަބޫލުކޮށް އިންސާނިއްޔަތަށް ރިއާޔަތް ކުރުމެވެ. މީގެ މާނައަކީ ﷲ އަށް އީމާންވާ އިރު އެކަލާނގެ އަށް އަޅުވެތިވުމުގެ ގޮތުން ކުރާ ޚާއްސަ ކަންކަމަށް ވަގުތު ދިނުމާ އެކު އިންސާނާއާ ބެހޭގޮތުން ގަބޫލުކުރަން ޖެހޭ ކަންކަން ގަބޫލު ކުރުމާއި އިންސާނިއްޔަތަށްޓަކައި ކުރަން އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަންކަން ފުރިހަމަ ކުރަންވެސް ސަމާލުކަން ދިނުމެވެ.

މިގޮތުން މާތް ﷲ އަށް އީމާންވާން އިސްލާމް ދީން ގޮވާލަނީ ކީއްވެގެންކަމާއި އެކަން ގަބޫލުކުރަން ޖެހެނީ ކީއްވެގެންކަމާއި މި އީމާންކަމާ އެކު އިންސާނިއްޔަތަށް ރިއާޔަތް ކުރުމުގެ ގޮތުން އިސްލާމްދީނުގައި އިންސާނާގެ ފިތުރަތަށާއި އިންސާނީ ކަރާމަތަށް ދޭ ސަމާލުކަމާ ބެހޭ ގޮތުން ކުރީގެ ލިޔުމެއްގައި އަލިއަޅުވާލާފައިވާނެ އެވެ. މިއަދުގެ ލިޔުމުގައި މި ބަލައިލަނީ ﷲ އަށް އީމާންވުމާ އެކު އިންސާނިއްޔަތަށް ރިއާޔަތް ކުރުމުގެ ގޮތުން އިސްލާމް ދީނުގައި އިންސާނާގެ ހުރުމަތްތެރިކަން ދެމެހެއްޓުމާއި އޭނާގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އިސްލާމްދީން ދޭ ސަމާލުކަމާ ބެހޭ ގޮތުންނެވެ.

މިގޮތުން އިންސާނާގެ ހުރުމަތްތެރިކަމަށް ބަލާއިރު އޭނާގެ ނަފްސާއި އޭނާގެ މުދަލާއި އޭނާގެ އަބުރަކީ އިސްލާމްދީނުގައި އެއަށް ހުރުމަތްތެރިކަން ދީފައިވާ ކަންކަމެވެ. މަރަށް މަރު ހިފުމުގެ ގޮތުން ނުވަތަ ބިމުގައި ފަސާދަ އުފެއްދުމުން ނޫން ގޮތެއްގައި އެންމެ ފުރާނައެއްވެސް ދުއްވާލުމަކީ މުޅި އިންސާނީ ނަސްލު ދުއްވާލުމާ އެއްފަދަ ކަމެއް ކަމުގައި އިސްލާމްދީން ބަލަ އެވެ. (އަލްމާއިދާ 32). ކީރިތިރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި ﷲ ގެ ހަޒްރަތުގައި މުޅިދުނިޔެ ނެތިފަނާވުން ވެސް އެއީ ހައްގަކާ ނުލައި މުސްލިމަކު ގަތުލުވުމަށް ވުރެ ދަރަޖައިގެ ގޮތުން ދަށް ކަމެކެވެ. (އައްނަސާއީ). އަދި އަމާންކަން ދީފައިވާ މީހަކު (އެބަހީ އަމާންކަން ދީފައިވާ ޣައިރު މުސްލިމަކު) ގަތުލު ކޮށްފި މީހަކަށް ވެސް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ ކަން އެކަލޭގެފާނު ބަޔާން ކުރައްވަ އެވެ. (ބުޚާރީ އާއި ތިރުމިޛީ އާއި އިބްނު މާޖާ). ފުރާނައެއް ދުއްވާލުމުގެ އިތުރުން ހަށިގަނޑަށް އެއްވެސް ކަހަލަ އަނިޔާއެއް ދިނުމަކީވެސް އިސްލާމްދީނުގައި ޙަރާމް ކުރެވިފައިވާ އަދި އެކަމަށްޓަކައި އުގޫބާތް ކަނޑައެޅިފައިވާ ކަމެކެވެ.

އިންސާނާގެ ހުރުމަތްތެރިކަމަށް ބަލާއިރު އޭނާގެ ނަފްސާއި އޭނާގެ މުދަލާއި އޭނާގެ އަބުރަކީ އިސްލާމްދީނުގައި އެއަށް ހުރުމަތްތެރިކަން ދީފައިވާ ކަންކަމެވެ. މަރަށް މަރު ހިފުމުގެ ގޮތުން ނުވަތަ ބިމުގައި ފަސާދަ އުފެއްދުމުން ނޫން ގޮތެއްގައި އެންމެ ފުރާނައެއްވެސް ދުއްވާލުމަކީ މުޅި އިންސާނީ ނަސްލު ދުއްވާލުމާ އެއްފަދަ ކަމެއް ކަމުގައި އިސްލާމްދީން ބަލަ އެވެ. (އަލްމާއިދާ 32). ކީރިތިރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި ﷲ ގެ ހަޒްރަތުގައި މުޅިދުނިޔެ ނެތިފަނާވުން ވެސް އެއީ ހައްގަކާ ނުލައި މުސްލިމަކު ގަތުލުވުމަށް ވުރެ ދަރަޖައިގެ ގޮތުން ދަށް ކަމެކެވެ. (އައްނަސާއީ). އަދި އަމާންކަން ދީފައިވާ މީހަކު (އެބަހީ އަމާންކަން ދީފައިވާ ޣައިރު މުސްލިމަކު) ގަތުލު ކޮށްފި މީހަކަށް ވެސް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ ކަން އެކަލޭގެފާނު ބަޔާން ކުރައްވަ އެވެ. (ބުޚާރީ އާއި ތިރުމިޛީ އާއި އިބްނު މާޖާ).

އިންސާނާގެ އަބުރުގެ ހުރުމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ޤަޛްފު ކުރުން ޙަރާމް ކުރައްވައި އެކަމަށް އުގޫބާތް ކަނޑައެޅިފައި ވެ އެވެ. (އައްނޫރު 4). އަދި އެއީ ދުނިޔެ އާއި އާޚިރަތުގައި ﷲ ގެ ލައުނަތް ލިބިގެންވާ އަޒާބު ހުރި ކަމެކެވެ. (އައްނޫރު 23) މީގެ އިތުރުން އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ހަޑިހުތުރުބަހުން މުހާތަބު ކުރުމާއި ނުރުހޭ ފަދަ ލަގަބުތައް ބޭނުން ކުރުމަކީ ފާސިގުވުމުގެ ތެރެއިން ހިމެނޭ ކަންތައްތަކެއްކަން ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުން އެނގެ އެވެ. ޖެހިގެން އޮތް އާޔަތުން، ނެތި ނުބައިމޮށުމުގެ ހުރި ނުބައިކަން އެނގެ އެވެ. އިންސާނާގެ މުދަލުގެ ހުރުމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ފޭރުމާއި ޓެކުމާއި ވައްކަމާއި މަކަރުހެދުމާއި ރިޝްވަތާއި ރިބާއާއި ޖުވާފަދަ އެތައް ކަމެއް އިސްލާމްދީނުގައި ޙަރާމް ކުރެ އެވެ. އެއްވެސް މުދަލެއް އޭގެ ވެރިމީހާގެ ރުހުމަކާ ނުލައި އެހެންމީހަކަށް ހުއްދަނުވާނެކަން ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަ އެވެ. މިހުރިހާ ކަމަކަށްވުރެ އިންސާނަކު އެހެން އިންސާނަކަށް އަނިޔާވެރިވުމުގެ ނުބައިކަން ބޮޑެވެ.

އިންސާނަކަށް ވީތީވެ ކުލައަކަށް ދަރިފަސްކޮޅަކަށް ހަސަބަކަށް ނަސަބަކަށް ނުވަތަ ވާހަކަ ދައްކާ ބަހަކަށް އަދި ނިސްބަތްވާ ގައުމަކަށް ނުވަތަ ފަންތިއަކަށް ބެލުމަކާ ނުލައި އަދުލުވެރިވާން ޖެހެ އެވެ. އެބަޔަކާ މެދު ރުޅިވެރިކަމެއް އޮންނަ މީހުންނާ މެދުވެސް އަދުލުވެރިވާން އިސްލާމްދީން ގޮވާލަ އެވެ. (އަލްމާއިދަތު 8). ޙައްޖަތުލް ވަދާޢުގެ ޚުތުބާގައި ކީރިތިރަސޫލާ ﷺ ވަނީ އިންސާނިއްޔަވަންތަކަން ދެމެހެއްޓުމާއި ނަސްލީ އިމްތިޔާޒާއި ތައައްސުބުވުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވާން ގޮވާލައްވައިފަ އެވެ. އިސްލާމީ ރިސާލަތު އައި އިރު ކުލަޔާއި ދަރިފަސްކޮޅާއި ނަސަބާއި ހަސަބާއި އިގުތިސާދާއި ބަހާއި އިޖުތިމާއީ ފަންތި ފަދަ ކަންކަމުގައި ތަފާތުކުރުންތައް ދުނިޔޭގައި އާންމުވެފައި ވި އެވެ. އޭގެ ސަބަބުން އަދުލު އިންސާފު ގެއްލި އަނިޔާވެރިކަން ފެތުރިފައި ވި އެވެ. އެހެންވެ މިހުރިހާ ތަފާތުތަކާ އިސްލާމްދީން ދެކޮޅު ހެދި އެވެ. އަދި އިސްލާމީ އަޅުކަމުގެ ނިޒާމާއި އަޚްލާޤީ ނިޒާމުގެ ތެރެއިން މި ތަފާތުތައް ނައްތާލަން މަގުފަހި ކުރުވި އެވެ. އަދި އެކަކު އަނެކަކާ ތަފާތުވާ ހަމައެކަނި ކަމަކީ ތަޤުވާވެރިވުން ކަމުގައި ހަމަޖެއްސެވި އެވެ. މި ތަފާތަކީ އޭގެ ސަބަބުން ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް އިންސާފުން ބޭރުވުމެއް އޮންނާނެ ތަފާތު ކުރުމެއް ނޫނެވެ.

މާތް ﷲ އިންސާނާ މާތް ކުރެއްވި ހިނދު އޭނާ އަށް ދެއްވި ހާއްސަ ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ މިނިވަންކަމާއި އިޚުތިޔާރެވެ. މިގޮތުން އެންމެ ބޮޑު މިނިވަންކަމެއް ދީފައިވަނީ އެ މަގުސަދަކަށްޓަކައި މާތް ﷲ އިންސާނުން އުފެއްދެވި މަގުސަދު ކަމަށްވާ އެކަލާނގެ އަށް އަޅުވެތި ވުމުގަ އެވެ. ﷲ އެދިވޮޑިގަންނަވަނީ އަދި އެކަލާނގެ އަންގަވަނީ ހުރިހާ އިންސާނުން ވެސް އެކަލާނގެއަށް އީމާންވެ އަޅުވެތިވުމަށެވެ. އެކަމަކު އެކަން ބޭނުން ނުވާ ނަމަ އެއްވެސް ޣައިރު މުސްލިމަކު ގަދަކަމުން އިސްލާމްދީނަށް ވެއްދުމެއް ނޯވެ އެވެ. (އަލްބަޤަރާ 256).

މާތް ﷲ އިންސާނާ މާތް ކުރެއްވި ހިނދު އޭނާ އަށް ދެއްވި ހާއްސަ ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ މިނިވަންކަމާއި އިޚުތިޔާރެވެ. މިގޮތުން އެންމެ ބޮޑު މިނިވަންކަމެއް ދީފައިވަނީ އެ މަގުސަދަކަށްޓަކައި މާތް ﷲ އިންސާނުން އުފެއްދެވި މަގުސަދު ކަމަށްވާ އެކަލާނގެ އަށް އަޅުވެތި ވުމުގަ އެވެ. ﷲ އެދިވޮޑިގަންނަވަނީ އަދި އެކަލާނގެ އަންގަވަނީ ހުރިހާ އިންސާނުން ވެސް އެކަލާނގެއަށް އީމާންވެ އަޅުވެތިވުމަށެވެ. އެކަމަކު އެކަން ބޭނުން ނުވާ ނަމަ އެއްވެސް ޣައިރު މުސްލިމަކު ގަދަކަމުން އިސްލާމްދީނަށް ވެއްދުމެއް ނޯވެ އެވެ. (އަލްބަޤަރާ 256). އަދި މާތް ﷲ ގެ މަގުން މީހުން އެއްކިބާ ކުރުމަށް މަސައްކަތް ނުކުރާނަމަ އޭނާގެ ހަމައެކަނި އެ އިޚުތިޔާރަށްޓަކައި ދުނިޔެމަތީގައި އުގޫބާތެއް ވެސް ކަނޑައެޅިފައެއް ނުވެ އެވެ. އޭނާއަށް އޮތީ އާޚިރަތުގައި އޮންނަ ގަދަފަދަވެގެންވާ އަޒާބާއި ގެއްލެނިވުމެވެ. (އާލްޢިމްރާން 58). މުސްލިމަކު މުރުތައްދުވުމުން މަރުގެ އުގޫބާތްދޭން ޖެހޭ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެ އެވެ. ނަމަވެސް ހުރިހާ ދަލީލުތަކުގެ އަލީގައި ވާހަކަދައްކަވާފައިވާ އިލްމުވެރިން ވިދާޅުވަނީ މަރުގެ އުގޫބާތަކީ މުރުތައްދުވުމާ އެކު ދީނަށް ޚިޔާނާތްތެރިވާ މީހުންނަށް އޮންނަ އުގޫބާތެއް ކަމަށެވެ. މިގޮތުން މުރުތައްދުވީ މީހާ، އެހެން މުސްލިމުން އިސްލާމްދީނާ ދުރުކުރަން އެހީތެރިވެދޭ ފަދަ އަމަލެއް ކޮށްފި ނަމަ އެ އުގޫބާތް ހައްގުވާނެ ކަމަށެވެ. ނަމަވެސް މީގެ މާނައަކީ މުރުތައްދުވުމުގެ މިނިވަންކަން މުސްލިމުންނަށް އޮތުމެއް ނޫނެވެ. މުރުތައްދުވުމަކީ އެންމެބޮޑު ފާފަ އެވެ. ދުނިޔެމަތީ ކުޅަ އެންމެހާ ހެޔޮ އަމަލުތައް ބާތިލުވެ އާޚިރަތުގައި ނަރަކައިގެ އަޒާބުގައި ދެމިހުންނަން ޖެހޭ ކަމެކެވެ. އެހެންކަމުން މުރުތައްދުވާ މީހާ އަށް ތައުބާވާން ނަސޭހަތްދޭން ޖެހެ އެވެ. (އަލްބަޤަރާ 56).

އިންސާނިއްޔަތަށް ރިއާޔަތް ކުރަން އިސްލާމްދީން އަހަންމިއްޔަތުކަން ދީފައިވާ އަނެއް ކަމަކީ އިންސާނީ ހައްގުތަކެވެ. މިގޮތުން ދިރިހުރުމުގެ ހައްގާއި، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމުގެ ހައްގާއި، މުދާ މިލްކު ކުރުމުގެ ހައްގާއި، ބަސްބުނެ ހިޔާލު ފާޅުކުރުމުގެ ހައްގާއި، ދިރިއުޅެން ބޭނުން ތަނެއް އިޚުތިޔާރު ކުރުމުގެ ހައްގާއި، ތައުލީމު އުނގެނުމުގެ ހައްގާއި، ޖަމާއަތް ހެދުމުގެ ހައްގާއި، މިނިވަންކަން ދެމެހެއްޓުމުގެ ހައްގާއި، އަދުލުއިންސާފުން މެނުވީ ކުށްވެރިނުވުމުގެ ހައްގު ފަދަ ހައްގުތައް އިސްލާމްދީން ކަށަވަރު ކޮށްދެ އެވެ. ނަމަވެސް ޢަޤީދާއެއްގެ ގޮތުގައި އިސްލާމްދީން ބަލައިގަންނަ މީހަކަށް މި ހައްގުތައް ދިނުމުގައި ވަކި ގައިދުތަކެއް ވެ އެވެ. އެއީ މާތް ﷲ ގެ ހައްގުތަކާއި އެހެން އިންސާނުންގެ ހައްގުތަކަށް އަރައިނުގަތުމުގެ އިތުރުން ޚުދު ތިމާގެ އަމިއްލަ ނަފްސަށް ވެސް އަނިޔާވެރި ނުވުމަށްޓަކައި ކޮންމެހެން ލާޒިމުވާ ގައިދު ތަކެކެވެ. ފުރިހަމަ މުސްލިމަކު ނަމަ ހިތުން ރުހުމުން މި ގައިދުތައް ބަލައިގަންނާނެ އެވެ. އަދި މިއީ ހައްގެއް ނިގުޅައިގަތުން ކަމަކަށް ނުދެކޭނެ އެވެ.

އިންސާނިއްޔަތަށް ރިއާޔަތް ކުރަން އިސްލާމްދީން އަހަންމިއްޔަތުކަން ދީފައިވާ އަނެއް ކަމަކީ އިންސާނީ ހައްގުތަކެވެ. މިގޮތުން ދިރިހުރުމުގެ ހައްގާއި، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމުގެ ހައްގާއި، މުދާ މިލްކު ކުރުމުގެ ހައްގާއި، ބަސްބުނެ ހިޔާލު ފާޅުކުރުމުގެ ހައްގާއި، ދިރިއުޅެން ބޭނުން ތަނެއް އިޚުތިޔާރު ކުރުމުގެ ހައްގާއި، ތައުލީމު އުނގެނުމުގެ ހައްގާއި، ޖަމާއަތް ހެދުމުގެ ހައްގާއި، މިނިވަންކަން ދެމެހެއްޓުމުގެ ހައްގާއި، އަދުލުއިންސާފުން މެނުވީ ކުށްވެރިނުވުމުގެ ހައްގު ފަދަ ހައްގުތައް އިސްލާމްދީން ކަށަވަރު ކޮށްދެ އެވެ.

މި އިޝާރާތް ކުރެވުނު ކަންކަމާއި ކުރީގެ ލިޔުމުގައި ފާހަގަ ކުރި ކަންކަމުން އެނގި ހާމަވަނީ އިންސާނިއްޔަތަށް ރިއާޔަތް ކުރުމަށް އިސްލާމްދީން ބާރުއަޅާ މިންވަރެވެ. ވީމާ މާތް ﷲ އަށް އީމާންވެ އެކަލާނގެއަށް އަޅުވެތިވާ މީހަކު ނަމަ އިސްލާމްދީނުގެ އިރުޝާދުތަކާ އެއްގޮތަށް އިންސާނިއްޔަތު ގަބޫލުކޮށް އިންސާނިއްޔަތަށް ރިއާޔަތް ކުރަން ވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހެ އެވެ. އިސްލާމްދީނުގެ ޚާއްސަ ސިފައެއް ކަމަށްވާ ވަޒަން ހިފެހެއްޓުމުގެ ސިފަ މުސްލިމުންގެ އަމަލުތަކުން ފެންނާނީ އޭރުންނެވެ.