ޚިޔާލު / ދީން

އިގްތިސާދީ މައިދާނުގައި ވެސް އަދުލުވެރިކަން ދަމަހައްޓަންޖެހޭ

ކޮރޯނާވައިރަހާ ގުޅިގެން ލޮކްޑައުންކޮށްފައިވާ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގެ ފިހާރައަކުން އެއްޗެހި ގަނެގެން ދެމަފިރިއަކު ދަނީ. --ފޮޓޯ:އޭއެފްޕީ

އިގުތިސާދީ މަންފާތައް އެކި ފަރާތްތަކަށް ބައިއެޅިގެން ދިއުމުގައި މުސްލިމުން ތަބާވާން ޖެހޭ އަޚްލާޤީ ވަރަށް މުހިންމު އެއް ސިފަ އަކީ އެފަދަ މުއާމަލާތުތަކުގައި އަދުލުވެރި ވުމެވެ. އެހެނީ އިގުތިސާދީ އަދާލަތުގެ ބޭނުންތެރިކަމާއި މިކަން ގާއިމު ކުރުމަށްޓަކައި ﷲ ބާވާލެއްވި ފޮތާއި އިންސާފުގެ ތިލަފަތުގެ މުހިންމުކަމުގެ މައްޗަށް ޤުރްއާނާއި ސުންނަތުގައި ބާރުއަޅާފައިވާތީ އެވެ. މީގެ އިތުރުން މިކަމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި އެކަންކަން ކުރާނެ ގޮތް ވެސް ދީނުގައި ބަޔާންވެފައިވާތީ އެވެ. މިގޮތުން މި ލިޔުމުގައި މި ބަލާލަނީ އޭގެ ތެރެއިން އެއް ކަމެއް ކަމުގައިވާ އިގުތިސާދީ ފުރުސަތުތައް އަދުލުވެރި ގޮތުގައި ލިބިދިނުމުގެ މައްޗަށެވެ.

އިގުތިސާދީ ފުރުސަތުތަކުގެ އަދުލުވެރިކަމާ މެދު ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ދެނެގަންނަން ޖެހޭ ވަރަށް މުހިންމު ހަގީގަތެއް އެބައޮތެވެ. އެއީ ރިޒުގު ލިބުމުގައި އެންމެން އެއްވަރު ނުވާނެ ކަމެވެ. ހަގީގަތުގައި މި އެއްވަރު ނުވުމަކީ އިސްލާމީ ނަޒަރުން ބަލާއިރު އިގުތިސާދީ އަދާލަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެހެނީ އެއްފަދަ ދެފަރާތެއް ސަބަބެއް ނެތި ފަރަގު ކުރުން ބޭއިންސާފެއް ކަމުގައިވާ ފަދައިން އެއްފަދަ ނޫން ދެފަރާތެއް ސަބަބެއް ނެތި ހަމަހަމަ ކުރުމަކީ ވެސް ބޭއިންސާފެއް ކަމުގައި ވާނެތީ އެވެ. އެހެންކަމުން މިސާލަކަށް ވަޒީފާ ދޭ އިރު ވެސް އިލްމާއި ހުނަރާއި ތަޖުރިބާގައި ތަފާތު ހުންނަ ނަމަ ވަޒީފާގައި ވެސް އަދި މުސާރައިގައި ވެސް ތަފާތު ނުވާ ނަމަ ބޭއިންސާފު ވާނެ އެވެ.

ރިޒުގު ލިބުމުގައި އެކި މީހުން ތަފާތުވުން ބިނާވެފައި ވަނީ ހަމައެކަނި އިންސާނާ މި ދުނިޔެމަތީގައި ކުރާ ކަންކަމުގެ މައްޗަށް އެކަންޏެއް ނޫނެވެ. މީގެ އިތުރުން ގުދުރަތީ ގޮތުން އިންސާނާ އަށް ލިބިފައިވާ ބައެއް ކަންކަމާއި އެހެން މީހުންގެ ފަރާތުން ކުރިމަތިވާ ކަންކަން ވެސް ހިމެނެ އެވެ. އަދި މިތިން ބާވަތުގެ ސަބަބުތައް ވެސް އިންސާނާ އަށް މެދުވެރިވަނީ ﷲ އެކަންކަމަށް އިރާދަ ކުރައްވާތީ އެވެ. އެހެންކަމުން އިންސާނުން ވެސް މި ތަފާތުތަކަށް ރިއާޔަތް ކުރަން ޖެހޭނެ އެވެ. ކީރިތި ޤުރުއާނުގައި ﷲ އަންގަވަނީ ދަންނަ މީހުންނާއި ނުދަންނަ މީހުން އެއްވަރު ނުވާނެ ކަމަށެވެ. (އައްޒުމަރު 9). ހަމަ އެފަދައިން (ޖިހާދު ނުކުރެވޭ ފަދަ އުޒުރުވެރިން ފިޔަވައި) މުއުމިނުންގެ ތެރެއިން ހަނގުރާމަ އަށް ނުގޮސް ތިބޭ މީހުންނާއި އެބައެއްގެ މުދާތަކާއި ނަފްސުތަކުން ޖިހާދު ކުރާ މީހުންނާ ވެސް އެއްވަރު ނުވާނެ ކަމަށެވެ. (އައްނިސާއު 95). އަދި އީމާންވީ މީހުންނާއި އިލްމު ލިބެވިގެންވާ މީހުން (އެނޫން މީހުންނަށް ވުރެ) ﷲ މަތިވެރި ކުރައްވާ ކަމަށެވެ. (އަލްމުޖާދަލާ 11). ހަމަ އެފަދައިން މަސައްކަތް ކުރާ މިންވަރަކުން ކޮންމެ މީހަކަށްވެސް ވަކި ދަރަޖައެއް ލިބިގެންވާނެ ކަންވެސް ބަޔާން ކުރައްވަ އެވެ. (އަލްއަންޢާމް 132).

ކީރިތި ޤުރުއާނުގައި ﷲ އަންގަވަނީ ދަންނަ މީހުންނާއި ނުދަންނަ މީހުން އެއްވަރު ނުވާނެ ކަމަށެވެ. (އައްޒުމަރު 9). ހަމަ އެފަދައިން (ޖިހާދު ނުކުރެވޭ ފަދަ އުޒުރުވެރިން ފިޔަވައި) މުއުމިނުންގެ ތެރެއިން ހަނގުރާމަ އަށް ނުގޮސް ތިބޭ މީހުންނާއި އެބައެއްގެ މުދާތަކާއި ނަފްސުތަކުން ޖިހާދު ކުރާ މީހުންނާ ވެސް އެއްވަރު ނުވާނެ ކަމަށެވެ. (އައްނިސާއު 95). އަދި އީމާންވީ މީހުންނާއި އިލްމު ލިބެވިގެންވާ މީހުން (އެނޫން މީހުންނަށް ވުރެ) ﷲ މަތިވެރި ކުރައްވާ ކަމަށެވެ. (އަލްމުޖާދަލާ 11). ހަމަ އެފަދައިން މަސައްކަތް ކުރާ މިންވަރަކުން ކޮންމެ މީހަކަށްވެސް ވަކި ދަރަޖައެއް ލިބިގެންވާނެ ކަންވެސް ބަޔާން ކުރައްވަ އެވެ. (އަލްއަންޢާމް 132).

މިފަދަ ތަފާތުތައް އޮންނަ ހާލަތްތަކުގައި މީސްތަކުންގެ މެދުގައި އަދުލުވެރި ވެވޭނީ ރިޒުގު ލިބުމުގައި އެކިމީހުން ތަފާތު ވެގެން ކަމަށް ވާތީ ރިޒުގު ލިބުމުގައި ﷲ އިންސާނުންގެ މެދުގައި ތަފާތު ކުރައް ވައެވެ. މިކަން ސީދާ ސަރީހަ އިބާރާތުން އައްނަޙްލު ސޫރަތުގެ 71 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ. ހަމަ އެފަދައިން، ދުނިޔޭގެ ދިރިއުޅުމުގައި މީސްތަކުންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބައްސަވަނީ ﷲ ކަމާއި، މީސްތަކުންގެ ތެރެއިން ބައެއް މީހުން، އަނެއް ބައިމީހުންގެ މައްޗަށް ދަރަޖަ ތަކަކަށް އުފުއްލަވާ ކަމާއި، އޭގެ ބޭނުމަކީ އެއްބަޔަކު އަނެއް ބައެއްގެ ހިދުމަތްތެރިކަން ހިފުން ކަން ވެސް ބަޔާން ކުރައްވާފައި ވެ އެވެ. (އައްޒުޚްރުފް 32). މި އާޔަތުން އެނގޭ ގޮތުގައި ﷲ އެއްވެސް އިންސާނަކު ރިޒުގުން މަހްރޫމެއް ނުކުރައްވަ އެވެ. ނަމަވެސް ޢިލްމާއި ޢަމަލާއި އަދި އެނޫންވެސް ސަބަބުތަކާ ހުރެ އެއް ބަޔަކަށް ގިނައިން ދެއްވައި އަނެއް ބަޔަކަށް މަދުން ދެއްވަ އެވެ. އެއީ އެކަކު އަނެކަކަށް ޚިދުމަތް ދީގެން އިންތިޒާމީ ގޮތެއްގައި ދިރިއުޅުން ގެންދިއުމަށްޓަކަ އެވެ.

އިގުތިސާދީ މަންފާ އިން ބައި އެޅުމުގައި މި އިޝާރާތް ކުރެވުނު ފަދަ ސަބަބުތަކަށްޓަކައި އެކި މީހުން ތަފާތުވާން ޖެހުނަސް މިފަދަ ނޫން ސަބަބަކާ ހުރެ ތަފާތެއް ގެނައުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. މިގޮތުން ވަކި އާއިލާއަކަށް ނުވަތަ ވަކި ގަބީލާއަކަށް ނިސްބަތް ވާތީ ހާއްސަ އިމްތިޔާޒެއް ލިބިގެން ތަފާތު ގެނައުމަކީ ބޭއިންސާފެކެވެ. ހަމަ އެފަދައިން މީސްތަކުންގެ މުދާ ބާތިލު ގޮތުގައި ކައިގެން ނުވަތަ ﷲ ހަރާމް ކުރައްވާފައިވާ މަގުތަކުން (މިސާލަކަށް ރަލާއި ޖުވާއާއި ރިޝްވަތާއި ހިޔާނަތާއި ފޭރުމާއި ވައްކަން ފަދަ މަގުތަކުން) ފައިސާ ހޯދައިގެން ގެނެވޭ ތަފާތަކީ ވެސް ބޭއިންސާފެކެވެ. އެހެންވެ އިސްލާމް ދީން ހުއްދަ ކުރަނީ އިލްމާއި ގަދައަޅައި ކުރާ މަސައްކަތާއި މަސައްކަތުގައި އިހުސާންތެރި ވުމުގެ ސަބަބުން އެކަކު އަނެކަކާ ތަފާތު ކުރުމެވެ.

ވީމާ އިގުތިސާދީ ފުރުސަތުތައް ލިބުމުގައި އިންސާފުން ބޭރުނުވެ އަދުލުވެރި ގޮތުގައި އެ ފުރުސަތުތައް އެންމެންނަށް ވެސް ލިބެން ޖެހޭނެ އެވެ. މިގޮތުން ދިރިއުޅުމުގެ ހައްގާއި މުދާ މިލްކު ކުރުމުގެ ހައްގާއި ތައުލީމު ހޯދުމުގެ ހައްގާއި މަސައްކަތް ކުރުމުގެ ހައްގާއި ބޭސްފަރުވާ ކުރުމުގެ ހައްގާއި ދަތުރުފަތުރު ކުރުމުގެ ހައްގާއި ދިރިއުޅުމުގައި ފުދޭ މިންވަރަށް ލިބުމުގެ ހައްގާއި އަމަންއަމާން ކަމުގެ ހައްގު ފަދަ އިންސާނީ އަސާސީ ހުރިހާ ހައްގެއްވެސް ހަމަ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ގޮތުގައި ލިބެންވާނެ އެވެ. މިއިން އެއްވެސް ހައްގަކުން އެއްވެސް އިންސާނަކު މަހްރޫމް ކުރެވޭނީ ނުވަތަ އުނި ކުރެވޭނީ އެހެން މީހެއްގެ ނުވަތަ ބައެއްގެ ހައްގަށް އަރައިގަންނަ ހިސާބުން އެކަންޏެވެ. އެނޫން ހާލަތެއްގައި ހައްގަކުން މަހްރޫމުކޮށް ނުވަތަ އުނިކޮށް ހެދުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. މިސާލަކަށް ތޫނުފިލި ކަމާއި ގާބިލިއްޔަތުގެ ގޮތުން ދަށްވުމުގެ ސަބަބުން ނުވަތަ ގަދައަޅައި މަސައްކަތް ނުކުރުމުގެ ސަބަބުން ޢިލްމީ ގޮތުން ދަށު ދަރަޖައިގެ ދަރިވަރަކު އެއީ ވަކި މީހެއްގެ ދަރިއަކަށް ވާތީ ދައުލަތުގެ ހަރަދުގައި މަތީ ތައުލީމު ހާސިލު ކުރުމަށް ފުރުސަތު ދީފައި އެނޫން މީހުންގެ ދަރިން ތޫނުފިލި ކަމާއި ގާބިލު ކަމުގައި ބުރަ މަސައްކަތް ކުރުމުގައި ކިތަންމެ މަތީ ދަރަޖައެއްގައި ވިއަސް އެ ފުރުސަތު ނުދިނުން ވެގެން ދާނީ ކަނޑައެޅިގެން ބޭއިންސާފު ކަމަކަށެވެ.

ހަމަ އެފަދައިން މީސްތަކުންގެ މުދާ ބާތިލު ގޮތުގައި ކައިގެން ނުވަތަ ﷲ ހަރާމް ކުރައްވާފައިވާ މަގުތަކުން (މިސާލަކަށް ރަލާއި ޖުވާއާއި ރިޝްވަތާއި ހިޔާނަތާއި ފޭރުމާއި ވައްކަން ފަދަ މަގުތަކުން) ފައިސާ ހޯދައިގެން ގެނެވޭ ތަފާތަކީ ވެސް ބޭއިންސާފެކެވެ.

ދައުލަތުގެ ފަރާތުން ބޭސްފަރުވާ ކުރުން ފަދަ ކަމެއްގައި ވަކި މީހަކަށް ވާތީ (ބޭރު ގައުމުތަކަށް ފޮނުވައިދީގެން ވިއަސް) އެންމެ މޮޅެތި ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ދީފައި ހަމަ އެފަދަ ބަލި އެހެން މީހަކަށް އާދައިގެ ސިއްހީ މަރުކަޒަކުން ނޫނީ ބޭސްފަރުވާ ނުކުރެވޭ ގޮތް ހެދުމަކީ ވެސް ބޭއިންސާފެކެވެ. ނުވަތަ ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ބިންތަކުގެ ބޭނުން ދިރިއުޅުމަށް ވިއަސް ނުވަތަ އިގުތިސާދީ މަސައްކަތެއް ކުރުމަށް ވިއަސް ހިފުމުގައި ވަކި މީހަކަށް ނުވަތަ ވަކި އާއިލާ އަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާ މީހަކަށް ނުވަތަ ރިޝްވަތު ދޭ މީހަކަށް އެ ލިބޭނެ ގޮތް ހަދައިދީފައި ހަމަ އެފަދަ ބިމެއް ބޭނުންވާ، ޝަރުތުގެ ގޮތުން އަނެކާއާ އެއްވަރު ނުވަތަ އެއަށްވުރެ ނިކަމެތި ހާލުގައިވާ މީހަކަށް އެ ލިބޭނެ ގޮތް ނުވުމަކީ ވެސް ބޭއިންސާފެކެވެ. މިފަދަ މިސާލު ތައް ބައިވަރެވެ.

އެހެންކަމުން މުސްލިމުންނަށް ލާޒިމު ވެގެންވަނީ އިގުތިސާދީ މަންފާތައް މީސްތަކުންނަށް ލިބުމުގައި އިންސާފުން ފުރުސަތުތައް ދިނުމެވެ. އަދުލުވެރި ވުމަކީ މުހިންމު ސިފައެއް ކަމުގައިވާ އިރު އަދި މީސްތަކުންގެ މެދުގައި އަދާލަތު ގާއިމު ކުރުމަށްޓަކައި ފޮތާއި އިންސާފުގެ ތިލަފަތް ﷲ ބާވާލައްވާފައި ވާއިރު އެއިން ފިލާވަޅުތައް ލިބިގަނެ އަދުލުވެރިވާން ޖެހެ އެވެ. އިބްނު ޢަބްދުލް ޙަކަމް ލިޔުއްވާފައި ވެ އެވެ. ޢުމަރު ބުނު ޢަބްދުލްއަޒީޒުގެ ފިރިހެން ދަރިކަލަކު ދެވަނަ ކައިވެނިފުޅެއް ބައްލަވައިގަތުމަށްޓަކައި ބައިތުލްމާލުން ފައިސާ ނެންގެވުމަށް އެދިވަޑައިގަތުމުން ޢުމަރުގެފާނު ކޯފާ އިސްކުރައްވައި ވިދާޅުވި އެވެ. "މުހާޖިރިއްޔަ ބޭކަލުންގެ ބޭބޭފުޅުން ޢިއްފަތްތެރިކަން ރައްކާތެރި ކުރައްވަން އެންމެ ކައިވެނިފުޅެއް ބައްލަވައިނުގެންނެވި އުޅުއްވާއިރު ތިބާ ދެވަނަ ކައިވެނިފުޅެއް ބައްލަވައިގަންނަވަން މުސްލިމުންގެ ބައިތުލްމާލުން އެހީ ހޯއްދަވަން އެދިވަޑައިގަންނަވަނީ ހެއްޔެވެ؟ ތިފަދައިން އެދިވަޑައިގަންނަވާ ކަމަށްވާނަމަ ތިމަންކަލޭގެފާނު ތިބާ ދެނެވަޑައިނުގަންނަވަމެވެ". ހަމައެފަދައިން އެކަލޭގެފާނުގެ ދަރިކަނބަލަކު ކަންފަތްޕުޅުގައި ތުރު ކުރެއްވުމަށްޓަކައި މުތެއް ފޮނުއްވައި އޭގެ ޖޯޑު ހަމަ ކުރެއްވުމަށް އެފަދަ އެހެން މުތެއް (ބައިތުލް މާލުން) ދެއްވުމަށް އެދި ވަޑައިގަތުމުން ކޯފާ އިސްކުރައްވައި އެކަމަނާ އަށް ދެ އަނގުރު ގަނޑު ފޮނުއްވައި ވިދާޅުވި އެވެ. "މި ދޭތި ކަމަނާގެ ކަންފަތްޕުޅުގައި ތުރު ކުރެއްވޭނެ ކަމަށް ވާނަމަ އެފަދަ މުތެއް ފޮނުއްވައިދެއްވާ ހުށީމެވެ!"

ޢުމަރު ބުނު ޢަބްދުލްއަޒީޒުގެ ފިރިހެން ދަރިކަލަކު ދެވަނަ ކައިވެނިފުޅެއް ބައްލަވައިގަތުމަށްޓަކައި ބައިތުލްމާލުން ފައިސާ ނެންގެވުމަށް އެދިވަޑައިގަތުމުން ޢުމަރުގެފާނު ކޯފާ އިސްކުރައްވައި ވިދާޅުވި އެވެ. "މުހާޖިރިއްޔަ ބޭކަލުންގެ ބޭބޭފުޅުން ޢިއްފަތްތެރިކަން ރައްކާތެރި ކުރައްވަން އެންމެ ކައިވެނިފުޅެއް ބައްލަވައިނުގެންނެވި އުޅުއްވާއިރު ތިބާ ދެވަނަ ކައިވެނިފުޅެއް ބައްލަވައިގަންނަވަން މުސްލިމުންގެ ބައިތުލްމާލުން އެހީ ހޯއްދަވަން އެދިވަޑައިގަންނަވަނީ ހެއްޔެވެ؟ ތިފަދައިން އެދިވަޑައިގަންނަވާ ކަމަށްވާނަމަ ތިމަންކަލޭގެފާނު ތިބާ ދެނެވަޑައިނުގަންނަވަމެވެ".

މިފަދަ އެހެން ހާދިސާ އަކީ ހަމަ ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ތިމާގެ ބޭފުޅެއް ކަމުގައިވާ ޢަންބަސާ ބުނު ސަޢީދު އެހީ އަކަށް އެދި ވަޑައިގަތުމުން ކަން ކުރެއްވި ގޮތެވެ. ހަލާލު ތަކެތިން ފުއްދެވުމަށާއި ހަރާމް ތަކެތި ނުހޯއްދެވުމަށް ނަސޭހަތްތެރިވެ ވަޑައިގަތުމަށް ފަހު ޢަންބަސާ (ހަގީގަތުގައި ވެސް) އެހީފުޅަކަށް ބޭނުން ޖެހިވަޑައިގެންފައި ވޭތޯ ނުވަތަ ދަރަންޏެއް އަދާކުރައްވަން ޖެހިވަޑައިގެންފައި ވޭތޯ ސުވާލު ކުރެއްވެވި އެވެ. އެފަދަ ހާލެއް ނެތްކަން އެނގިވަޑައިގަތުމުން ވިދާޅުވީ "ތިބާ އެއަށް ބޭނުން ޖެހިވަޑައިގެންފައި ނުވާ ހާލު، ﷲގެ މުދަލުގައި ތިމަންކަލޭގެފާނު ނުހައްގު ގޮތުގައި އަތްޕުޅުލައްވައި، މުސްލިމުންގެ ފަގީރުންތައް އެއްކިބާ ކުރައްވައި، ތިބާއަށް ދެއްވުމަށް އެދިވަޑައި ގަންނަވަނީ ހެއްޔެވެ؟! ތިބާ ދަރަނިވެރިވެ ވަޑައިގެންފައިވާ ނަމަ އެ ދަރަނި އަދާ ކޮށްދެއްވާ ހުށީމެވެ. ނުވަތަ ހަގީގަތުގައި ވެސް އެހީއަކަށް ބޭނުން ޖެހިވަޑައިގެންފައިވާ ނަމަ އެކަން ފުއްދަވައި ދެއްވާ ހުށީމެވެ."

މިފަދަ މިސާލުތަކުން މުސްލިމުން އިބުރަތް ލިބިގަނެ އިގުތިސާދީ އަދާލަތު ގާއިމު ކުރުމަށްޓަކައި އިންސާފުވެރި ގޮތުގައި ފުރުސަތުތައް ދޭން ހާއްސަ ގޮތެއްގައި ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބޭ މީހުން އަދި އާންމު ގޮތެއްގައި ހަމަ ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454