ވައޯލާ ޑޭވިސް.
22 ޖުލައި 2021 - 07:24
ހޮލީވުޑްގެ މަޝްހޫރު ބަތަލާ ވައޯލާ ޑޭވިޒްގެ ބަޔޮގްރަފީ އަންނަ އަހަރު ނެރެން ނިންމައިފި އެވެ.
އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ 55 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނާގެ ބަޔޮގްރަފީ ވާނީ ހަޔާތުގެ ވާހަކަ ތެދު ބަހުން ވަރަށް ސާދާކޮށް ކިޔައިދޭނެ އެއްޗަކަށެވެ. އެގޮތުން ރޯޑް އައިލެންޑްގައި ހަމަނުޖެހުން ބޮޑު އާއިލާއާ އެކު ވަރަށް ފަގީރު ދިިރިއުޅުމަކަށް ފަހު، ހޮލީވުޑްގެ ނުފޫޒު ގަދަ ތަރިއަކަށް އޭނާވެގެން ދިޔަ ގޮތް ފޮތުގައި ކިޔައިދޭނެ އެވެ.
މިހާރު ހޮލީވުޑްގައި ތިބި ކަޅު ނަސްލުގެ ބަތަލާއިންގެ ތެރެއިން އެންމެ ހުނަވެރި އަދި އަދި އެންމެ ކާމިޔާބު ވައޯލާގެ ބަޔޮގްރަފީ "ފައިންޑިން މީ" އަންނަ އަހަރުގެ އެޕްރީލް 19 ގައި ނެރެން ނިންމާފައި ވަނީ ޕަބްލިޝިން ހައުސް ހާޕާވަންގެ ތައްގަނޑުގަ އެވެ.
"އަހަރެން ގަބޫލުކުރަނީ އަހަރެންގެ ކަހަލަ މީހުންގެ ވާހަކަ ކިޔައިދިނުމަކީ ވަރަށް ބޭނުންތެރި މުހިއްމު ކަމެކޭ. އެކަމަކު މިއީ ވަރަށް ހިތްވަރު ހުރެގެން ކުރެވޭނެ ކަމެއް،" ވައޯލާ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ހިތްވަނީ އަހަރެންގެ ބައޮގްރަފި އަކީ ބަޔަކަށް އިތުބަރެއް ލިބޭނެ އަދި ކުރިއަށް ދާން ބޭނުންވާ މީހަކަށް އިންސްޕިރޭޝަނަކަށްވާ ކަހަލަ ކަންތައްތަކެއް އެނގިގެން ދާނެ އެއްޗަކަށް ވާނެ ކަމަށް."
އޭނާ ބުނި ގޮތުގައި "ފައިންޑިން މީ" އަކީ ހިތުގެ އަޑިން އިހުލާސްތެރިކަމާ އެކު ގެނެސްދޭ އެއްޗެކެވެ. އެހެންވެ އޭގެ ރަހަ ހެޔޮވަރުކުރަން ތެދު ނޫން އެއްވެސް ވާހަކައެއް ހިމަނާފައި ނުހުންނާނެ ކަމަށް ބުންޏެވެ.
ވައޯލާ އަކީ އަކީ 2016 ގެ ފިލްމު "ފެންސެސް" އިން މޮޅު ސަޕޯޓިން ބަތަލާގެ އޮސްކާ ހޯދި ފަންނާނެކެވެ. އޭގެ އިތުރުން ވެސް އެހެން ތިން ފިލްމަކުން އޭނާ އޮސްކާ އަށް ނޮމިނޭޓްވެފައިވެ އެވެ. "ފެންސެސް" އިން އޮސްކާގެ އިތުރުން ގޯލްޑެން ގްލޯބް އެވޯޑް ވެސް ލިބިފައިވެ އެވެ.
އަންހެން ދަރިޔަކު ހުރި ވައޯލާ ކީ މިހާތަނަށް ގިނަ އަދަދެއްގެ ފިލްމުތަކާއި ސިލްސިލާތަކުގެ އިތުރުން ތިއޭޓަގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ އޮސްކާގެ މޮޅު ބަތަލާ އަށް ނޮމިނޭޓް ވެސް ވި މިދިޔަ އަހަރުގެ "މަ ރެއިނީޒް ބްލެކް ބޮޓަމް" އެވެ. ވައޯލާ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ސުއިސައިޑް ސްކޮޑް" ހިމެނެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy