27 އޮކްޓޯބަރ 2021 - 06:28
އަންނަ ހުކުރު ދުވަހު އާ އަލްބަމް "އީކްއަލް" ރިލީޒްކުރަން ނިިންމައި އޭގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ ތެރޭގައި އުޅެނިކޮށް އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން، ޕްރޮމޯޝަނަލް ހަރަކާތްތައް ގޭގައި ކުރަން ޖެހިއްޖެ އެވެ.
އޭނާގެ އިންސްޓަގްރާމްގައި އާދީއްތަ ދުވަހު ބުނީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ހުރީ ގޭގައި އައިސޮލޭޓްވެގެން ކަމަށެވެ. އެހެންވެ ދެން އަލްބަމްގެ ޕްރޮމޯޝަނާ ގުޅުން ހުރި ހުރިހާ ކަމެއް މި ދަނޑިވަޅުގައި ކުރިއަށް ދާނީ ގޭގައި ހުރެގެން ވާޗުއަލްކޮށް ކަމަށް ބުންޏެވެ.
ކޮވިޑް ޖެހިގެން ފަރުވާ ހޯދަން ޖެހުނު ނަމަވެސް 30 އަހަރުގެ ލަވަކިޔުންތެރިޔާ މިހާތަނަށް ކޮވިޑްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު ބަލިން ރައްކާތެރިކަން ހޯދަން ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ ޖުލައި މަހުގެ ތެރޭގައި ޖޭމްސް ކޯޑެންގެ "ދަ ލޭޓް ޝޯ ވިތު ޖޭމްސް ކޯޑެން" ގައި ޝީރަން ދައްކާފައިވެ އެވެ.
ދެހާސް ނަވާރައިގައި ޗެރީ ސީބޯންއާ ކައިވެނިކުރި ލަވަކިޔުންތެރިޔާ އަކީ އަންހެން ކުއްޖެއްގެ ބައްޕައެއް ވެސް މެ އެވެ.
ހުކުރު ދުވަހު ނެރެން ނިންމާފައިވާ ޝިރަންގެ "އީކްއަލް" އަކީ އޭނާގެ ހަތަރު ވަނަ އަލްބަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy