15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގެ ފައިނަލް ގައި އިސްކަންދަރު ސްކޫލްގެ އިލާން، ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
15 މާޗް 2023 - 12:04
ޔޫތު ފުޓްބޯޅަ މުބާރާތްތަކުގައި ގޯލު ޖެހުމުގެ ހުނަރު ދައްކާލަމުން އަންނަ ރާއްޖޭގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން، 14، އަށް ޔޫއޭއީ ގެ އަލް އައިން އެފްސީ ގެ ޔޫތު ޓީމުން ޓްރަޔަލް އެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި އެކަން ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.
The young striker Ilan travels to UAE today on an invitation by Al Ain FC to take part in the “International Challenge Cup”.
— Bassam Adeel Jaleel (@bassam_jaleeI) March 15, 2023
The tournament will serve as a trial for the youngster and the club will be monitoring his performance with the aim to sign him.
All the best Ilan 🙏🏽 pic.twitter.com/TURKbyVRvq
އަލް އައިން އިން އިލާން އަށް ހުށަހެޅީ އިންޓަނޭޝަނަލް ޗެލެންޖް ކަޕް ގައި އެ ކްލަބް ގެ ޔޫތު ޓީމަށް ކުޅުމުގެ ފުރުސަތެވެ. އަދި މި ފުރުސަތުގައި އޭނާގެ ކުޅުން އެ ކުލަބުން ވަރަށް ގާތުން މޮނީޓާ ކުރުމަށް ފަހު ކުޅުން ރަނގަޅު ނަމަ އޭނާ އަށް ޔޫތު ޓީމުން ކޮންޓްރެކްޓެއް ވެސް ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) ގައި ކުޅެން ފަށައި، ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޔޫތު ޓީމަށް ވެސް ކުޅެ، މިހާރު ވެލެންސިއާގެ އެކަޑަމީ ގައި ކުޅޭ އިލާން އަންނަނީ ލިބޭ ފުރުސަތުތަކުގައި ރާއްޖޭން ބޭރުން ވެސް ތަމްރީނުތައް ހަދައި ހުނަރު ތަރައްގީ ކުރަމުންނެވެ.
ރާއްޖޭގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައިވާ އިލާން ވަނީ މިދިޔަ އަހަރު ބޭއްވި 14 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ލީގާއި މިދިޔަ އާދިއްތަ ދުވަހު ނިމުނު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އޭނާގެ ގޯލު ޖެހުމުގެ ހުނަރު ވަރަށް ފުރުހަމައަށް ދައްކާލައިފަ އެވެ. ދެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ އިލާން އެވެ.
އިލާން: ހަ މެޗުން 38 ގޯލް، 10 ހެޓްރިކް https://t.co/1iAtEFXSoO
— Mihaaru (@Mihaarunews) March 13, 2023
ޔޫތު ލީގުގައި ވެލެންސިއާގެ ޓީމާ އެކު އޭނާ ވަނީ ކުޅުނު އަށް މެޗުން 35 ގޯލު ޖަހައިފަ އެވެ. އަދި އިންޓަ ސްކޫލް މުބާރާތުގައި އިސްކަންދަރު ސްކޫލް ޓީމަށް އޭނާ ވަނީ ކުޅެދިން ހަ މެޗުން 38 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއާ އެކު ގައުމީ ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުން އިލާން ކުޅުނު 14 މެޗުން މިވަނީ މުޅި އެކު 73 ގޯލު ޖަހައިފަ އެވެ.
މިދިޔަ އަހަރުގެ ޔޫތު ލީގުގައި އިލާންގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ގޯލު ޖެހުމުގެ ހުނަރުގެ ސަބަބުން ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ، މިދިޔަ ޑިސެމްބަރު މަހު ރާއްޖޭން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުތަކަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސްތަކުގައި އިލާން ބައިވެރި ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާކްނައިޓް
16 March 2023
އިލާން އަށް ކާމިޔާބީއަށް އެދެން
ސީޒަން ޖެކުހަން
15 March 2023
އިލާނޫ ދެގޭ ހެދިހޮތަށްނުހަދާތި. ފުރުސަތުގެ ބޭނުންހިފާ. ނޫނީ ފަހުން ހިތާމަކުރުން ވަރަށް އެކަށީގެންވޭ.