އިރާން ކުޅުންތެރިޔަކު ފޮނުވާލާ ޝޮޓެއް ބްލޮކް ކުރަން ނޭޕާލް ދެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ޖެނުއަރީ 2017 - 19:53
ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން ސީދާ ތިން ސެޓުން އީރާން މޮޅުވެއްޖެ އެވެ.
އިއްޔެ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ އަތުން ނޭޕާލް މޮޅުވީ ތިން ސެޓުންނެވެ. މިއަދުގެ މެޗަށް ނުކުތްއިރު މި މެޗުން މޮޅުވެގެން ނޭޕާލަށް ދެން އޮތް ކޮލިފައިން ބުރުގެ ޖާގަ ޔަގީންކުރުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ތަފާތު މޮޅަށް ކުޅުނު އީރާން ވަނީ ހުރިހާ ގޮތަކުން ނޭޕާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
އީރާނުން ސެޓުތައް ގެންދިޔައީ 25-12، 25-12 އަދި 25-12 އިންނެވެ. ކޮލިފައިންގެ ފަހު މެޗުގައި މާދަމާ ރާއްޖެ އާއި އީރާން ކުޅޭއިރު، އެ މެޗުން އިރާން ސީދާ ތިން ސެޓުން ބަލިނުވެއްޖެނަމަ އެ ޓީމަށް ދެން އޮތް ބުރުގެ ޖާގަ ލިބޭނެ އެވެ.
ނޭޕާލްގެ އުޝާ ފޮނުވާލާ ޝޮޓް އިރާންގެ ޝެއިޙީ ބްލޮކް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮލިފައިންގައި ވާދަކުރާ ތިން ޓީމުގެ ތެރެއިން އެންމެ ފެންވަރ ރަނގަޅުވާނެ ކަމަށް ކުރިން ވެސް ބެލެވުނީ އީރާން އެވެ. އެއީ އެ ޓީމަކީ އޭޝިއާ ލެވެލަށް ބަލާއިރު ވާދަވެރި ގިނަ މެޗުތަކެއް ކުޅެފައިވާ ޓީމަކަށްވާތީ އެވެ. މިއަދުގެ މެޗުގައި ވެސް އެ ތަފާތު ފެނުނެވެ. އީރާން ޓީމުގެ ޑިފެންސާއި އެޓޭކް ފެނުނީ ވެސް ވަރުގަދަ ކޮށެވެ.
އީރާން ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނަކީ ސަފާރީ ޝެކޫފާއި ކެޕްޓަން ޒައިނަބް ގީވޭ އެވެ. އީރާން ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ޖުމްލަ ގޮތެއްގައި މިއަދު ރަނގަޅަށް ކުޅުނެވެ.
ނޭޕާލް ޓީމުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕްރަތީބާ މާލީ މިއަދުގެ މެޗުގައި ވެސް ރަނގަޅަށް ކުޅުނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އޭނާ އެވެ. އެހެން ނަމަވެސް އީރާންގެ ފަރާތުން ފެނުނު ބާރު ޝޮޓްތަކާއި އެ ޓީމުގެ ބްލޮކްތައް ރަނގަޅުވުމުން ނޭޕާލަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މުބާރާތުގައި ކުޅޭ ފަހު މެޗުގައި މާދަމާ ރާއްޖެ އާއި އީރާން ބައްދަލުކުރާ މެޗު ފަށާނީ ހަވީރު 5 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy