ނިއުއާ އެއްވަރުކޮށް ވިކްޓަރީ އަށް ފުރަތަމަ ޕޮއިންޓް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ އާއި ރޭޑިއަންޓް ލަނޑެއް ނުޖެހި އެއްވަރުވެ، ވިކްޓަރީ ލީގުގެ ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.


ވިކްޓަރީ ލީގުގެ އަށް ވަނައިގައި އޮތީ ފަސް މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އެއްވަރުވުމުން ލީގުގެ ފަސް ވަނަ އަށް އަރަން ލިބުނު ފުރުސަތު ނިއު އަށް ވަނީ ގެއްލިފަ އެވެ. ނިއު ހަ ވަނައިގައި އޮތީ ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީ އަށް ކުރި ލިބޭތީ އެވެ. ދެ ޓީމަށް ވެސް ފަސް މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.

ފުރަތަމަ ހާފް ފެށިގެން ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ނިއުގެ އިއްޒަތު އަބްދުލް ބާރީ އަށެވެ. މެޗުގެ 18 ވަނަ މިނިޓްގައި ވިކްޓަރީ އޭރިއާ ތެރެއިން އިއްޒަތު އަށް ލިބުނު ބޯޅަ އޭނާ ލަސްކޮށްލުމުން ވިކްޓަރީގެ ކީޕަރު ހަސަން ތޮލާލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ވިކްޓަރީގެ މުހައްމަދު ތަސްމީން (ތައްތި) ވަނީ އެ ޓީމަށް ލީޑު ނަަގައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. ނިއުގެ އަހުމަދު ސުހޭލް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ތައްތި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އޭގެ ހަތަރު މިނިޓް ފަހުން ވިކްޓަރީގެ އަލީ ހަމްދާނަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ.

ހާފް ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ވިކްޓަރީ އޭރިއާ ބޭރުން ލިބުނު ބޯޅަ ދެ ކުޅުންތެރިން ކައިިރިން ނައްޓާލުމަށް ފަހު ހޮކޭ ފޮނުވާލި ބޯޅަ ވިކްޓަރީ ކީޕަރު ތޮލާލު ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އެރުމުން އެ ޓީމުގެ އެޓޭކް ރަނގަޅުވި އެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. ހަމްޕު ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ އަރިމަތިން ދިޔައީ ބޭރުންނެވެ.

ދެވަނަ ހާފްގައި ނިއުގެ ބަދަލު ކުޅުންތެރިއާ ފަރުހާދު އިސްމާއިލް އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނިޓްގައި ހަމްޕު ނަގައިދިން ހުރަހަކުން ގޯލު ކުރިމަތީގައި ހުހަށް ހުރި ފަރުހާދަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

އިތުރު ވަގުތުގެ ފަހު މިނިޓްގައި ވިކްޓަރީން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ވިކްޓަރީގެ ބިދޭސީ ޑިފެންޑަރު އެންތޯނީ ފިލިޕޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ. އެ ރޭ ކުޅޭ މެޗުގައި ވެލެންސިއާ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.