ސާންތީގެ ހިތްވަރު: ވަރުގަދަ ޑިފެންސެއް އޮތުން!

އެސްޓީއޯ މާލޭ ލީގުގެ ފަހު ދެ މެޗަށް ނުކުންނައިރު ކްލަބް އީގަލްސް އަކީ މުބާރާތުގެ އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑް އޮތް ޓީމެވެ. އެ ޓީމު ކޮޅަށް މިހާތަނަށް ކުޅުނު 12 މެޗުން ވަދެފައިވަނީ އެންމެ ފަސް ގޯލެވެ. މިއީ އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.


ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އިން ކުޅުނީ އެ ޓީމުގެ ފަހަތަށް މިސްރުގެ ޑިފެންޑަރު މުހައްމަދު މަގްދީ އާއި ތަޖުރިބާކާރު ކުޅުންތެރިއާ އަހުމަދު ޒާދު ލައިގެންނެވެ. ޒާދު އަކީ ހަގީގަތުގައި މޮޅު މިޑްފީލްޑަރެކެވެ. އެކަމު ދިމާވާ ހާލަތްތަކުގައި އޭނާ އެންމެ ފަހަތަށް ވެސް ކުޅެ އެވެ. އޭނާ ފަަހަތަށް ކުޅެން ފެށީ މިދިޔަ ސީޒަނުގެ މެދުތެރެއިން ނޫމާން އިބްރާހިމް (ހެލްމެޓް) އަށް އަނިޔާވެ އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ.

މި ސީޒަނަށް ޓީމު ވަރުގަދަ ކުރިއިރު އީގަލްސް އިން ވަނީ މަގްދީގެ އިތުރުން މިސްރުގެ އިތުރު ޑިފެންޑަރެއް ކަމަށްވާ މަހްމޫދު ސައީދު ގެނެސްފަ އެވެ. އަނިޔާގެ ސަބަބުން ސީޒަންގެ ފުރަތަމަ ބުރުގައި އޭނާ ނުކުޅެ އެވެ. އޭނާގެ ނެތިސް ފަހަތަށް ކުޅެމުން ދިޔައީ މަގްދީ އާއި ޒާދު އެވެ. އެހެން ނަމަވެސް ލީގުގެ ދެ ވަނަ ބުރު ފެށިގެން މިހާތަނަށް ކުޅުނު ފަސް މެޗުގައި ފަހަތަށް ކުޅުނީ މަގްދީ އާއި މަހްމޫދެވެ. މި ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އަދި ގޯލެއް ނުވަދެ އެވެ.

"ހަގީގަތުގައި މަގްދީ އާއި މަހްމޫދު އަކީ ވަރަށް އެގްރެސިވް ދެ ކުޅުންތެރިން. ވަރަށް ކޮންބިނޭޝަން ވެސް ރަނގަޅު މި ދެ ކުޅުންތެރިން. ދެން މެޗަކަށް ފަހު މެޗެއް އެ ދެ ކުޅުންތެރިން އެކުގައި ކުޅޭ ވަރަކަށް އިތުރަށް ވަރުގަދަވަމުން ޓީމު ދާނީ. ދެން މި ދެ ކުޅުންތެރިންގެ އިތުރުން ދެ ފުލްބެކުން (މުޖުތާޒް އާއި ޝިފާއު) ވެސް ވަރަށް ރަނގަޅު. ދެން ހަގީގަތުގައި ޒާދު އޭނާގެ އަސްލު މަގާމު، މެދުތެރެއަށް ކޮށްޕާލެވުމުން. ޓީމު އިތުރަށް ސްޓޭބަލް ވެއްޖެ،" ލީގުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސާންތީ ބުންޏެވެ.

މާޒިޔާގެ އަސަދުﷲ (ވ) އީގަލްސްގެ މަހުމޫދު (ވ) ކައިރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފާއިތުވި ދެ ވަރަކަށް އަހަރަށް ބަލާއިރު އީގަލްސްގައި އެއް ފެންވަރަކަށް ކުޅެމުން އަންނަ އެއް ކުޅުންތެރިއަކީ ސްރީލަންކާގެ ގައުމީ ޓީމު ކީޕަރު ސުޖަން ޕެރޭރާ އެވެ. މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކީޕަރުގެ މަގާމު ސުޖަން ހޯދިއިރު، ކުޅުނު 21 މެޗުން އޭނާ ވަނީ 13 ކްލީންޝީޓް ހަދައިފަ އެވެ. މި ފަަހަރު ލީގުގެ މިހާތަނަށް 12 މެޗު އީގަލްސް އިން ކުޅުނުއިރު، ސުޖަން ވަނީ އަށް މެޗު ކޮޅަށް ލަނޑެއް ނުވަދެ ނިންމައިލައިފަ އެވެ.

އެންމެ ފަހުން އީގަލްސް ކުޅުނު ދެ މެޗުގެ ފަހު ވަގުތުގައި އިދިކޮޅު ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކޮށް އީގަލްސް ސަލާމަތްކޮށްދިނީ ސުޖަން އެވެ.

"ހަގީގަތުގައި މިއަދު ވެސް ތަފާތު މި ދެއްކީ ސުޖަން. ފަހު ވަގުތު ވަރަށް ނުރައްކާތެރި ހަމަލާއެއް މި މަތަކުރީ އޭނަ (ސުޖަން). އަޅުގަނޑުމެން ޓީވީން މި ބަލާ ޕްރިމިއާ ލީގުގެ ފެންވަރުގެ ސޭވްއެއް ސުޖަން މިއަދު އެކުރީ،" ލީގުގައި ޓީސީއާ އެއްވަރުވި މެޗަށް ފަހު ސާންތީ ބުންޏެވެ.

ނިއުއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކީޕަރު ސުޖަން ބޯޅަ ހިފަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގައި އީގަލްސް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ލިބޭ ފުރުސަތުތަކާ އަޅާކިޔާއިރު ރަނގަޅަށް ނިންމާނުލެވުމުގެ މައްސަލަ އެވެ. ލަނޑު ނުޖެހުމުގެ މައްސަލަ އަކީ ސާންތީގެ އެންމެ ބޮޑު ބޮލު ރިހުމެވެ. ލީގުގެ ގަދަ ހަތަރެއްގައި މި ވަގުތު އޮތް ހަތަރު ޓީމުގެ ތެރެއިން އެންމެ މަދުން ލަނޑު ޖެހި ޓީމަކީ ވެސް އީގަލްސް އެވެ.

އީގަލްސްގެ މި ފަހަކަށް އައިސް އެ ޓީމުގެ އެންމެ ކުރިއަށް ބޭނުން ކުރަމުން އަންނަނީ ޒުވާން ފޯވާޑް މުހައްމަދު ނާއިމް އެވެ. ސާންތީ ވަނީ ނާއިމް އަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

"ލީގުގެ އެންމެ ކުރީގައި އޮތް ނިއު ރޭޑިއަންޓާއި މާޒިޔާ ކޮޅަށް ނާއިމް ލަނޑު ޖަހައިފި. އަޅުގަނޑަކަށް ނުފެނޭ އޭނާ އަށް މާ ބޮޑު ޕްރެޝަރެއް. ހަގީގަތުގައި އޭނާ އަކީ ކެރޭ ހިތްވަރުގަދަ ކުޅުންތެރިއެއް." ސާންތީ ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި އެއް ޓީމަކީ އީގަލްސް އެވެ. ދެ ވަނަ ބުރުގެ ވަކިން ތާވަލެއް ހަދާނަމަ އެންމެ ކުރީގައި އުޅެނީ އީގަލްސް އާއި ވިކްޓަރީ އެވެ. ޖުމްލަ ނަތީޖާތަކަށް ބަލާއިރު އީގަލްސް މި ވަގުތު އޮތީ ކުޅުނު 12 މެޗުން 21 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. ކުރިއަށް ދެ މެޗު އެ ޓީމަށް އޮތްއިރު، ދެ މެޗުން ބަލިނުވެ ފަރުޖައްސާލައިފިނަމަ ގަދަ ހަތަރެއްގައި އެ ޓީމުގެ ޖާގަ ކަށަވަރުވާނެ އެވެ.