މޮޅު ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން (ކ-ވ): އުމެއިރު، އިރުފާން، އަސަދުﷲ، ސެންޓޭ، ރިޒޭ އަދި އައްމަޑޭ.
01 އޯގަސްޓް 2017 - 13:14
"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އާއި ޒުވާން ކުޅުންތެރިއާ އަށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.
މި އަހަރުގެ ފުޓްބޯޅަ މޫސުމުގެ ފުރަތަމަ މުބާރާތް ކަމަށް މާލޭ ލީގުގެ ދެ ވަނަ ބުރުން، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ވާދަކުރަނީ މާޒިޔާގެ މުހައްމަދު އުމެއިރާއި އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އިރުފާނާއި ކްލަބް ގްރީންސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އާއި ކްލަބް އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އަދި ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އެވެ. އާއްމު އުސޫލުގެ ދަށުން ގަދަ ފަހެއް ހޮވި ނަމަވެސް މި ފަހަރު ހަ ކުޅުންތެރިން ހިމެނުނީ ދެ ކުޅުންތެރިއެއްގެ މާކްސް އެއްވަރުވުމުންނެވެ.
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ފުރަތަމަ ބުރުން ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު އިބްރާހިމް ރިޒުހާނާއި މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި އީގަލްސްގެ ޑިފެންޑަރު ހުސެއިން ސިފާއު އާއި އިބްރާހިމް އައިސަމް އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ.
މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.
މި އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.
އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަވެސް މާޒިޔާ
03 August 2017
ޢަޅެ އަސަދުﷲ އެކަނިތަ މި ލިސެޓް ގައި އެވަނީ.
މެޗްބަލާމީހާ
02 August 2017
އަސްލު އަސަކޮ އަކީ މަސައްކަތު ރޭޓް ވަރަން ރަގަޅު ކުޅުން ތެރިއެން މޮންމެ މެޗެއްގައި ގޯލްނުޖެހިދާނެ މެޗްފެށިގެން ނިމެންދެއްވެސް ވަރަން މަސައްކަތްކުރާ ކުޅުންތެރިއެއް
ހުންގާނުދޫނި
02 August 2017
މާޒިއާ އިން ދެވަނަބުރުގަ ޖުމްލަ 7މެޗް ކުޅުނުއިރު ތިބުނާ އަސްކޮ ކުޅުނީ ކިތައް މެޗްގަބާ؟ އަދި މޮޅުކުޅުންތެރިޔާއަށް ނޮމިނޭޓްވާ ފެންވަރަށް އޭނާއަށް ޕާފޯމްކުރެވުނީ އޭގެތެރެއިން ކޮންމެޗެއްގަބާ؟ ކުޅުންތެރިއާ އަށް ވަކި ނަމެއްކިޔާތީ އެވޯޑަށް ނޮމިނޭޓް ވާކަށް ނުޖެހޭ. އެސްޓީއޯ މާލޭލީގް ދެވަނަބުރުން މޮޅުކުޅުންތެރިޔާއަށް ނޮމިނޭޓްވާ ފެންވަރަކަށް އަސަދުﷲ އަކަށް ނުކުޅެވޭ. މެޗްތިބަލަނީ އެކޮޅުކޮޅުން
ރާއްޖެތެރޭ މީހާް
01 August 2017
މިނިވަން ޗެމްޕިއަންޝިޕް ޒޯން މުބާރާތުގެ މޮޅު ކުޅުންތެރިންނަށް އެއްޗެއް ނެތް ދޯ!!!
އާނދޯ
02 August 2017
އަޅާނުލާ، އާދައެއްނު!!!
ހުންގާނު
01 August 2017
މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ތިއްބެވި ބޭކަލުން ދިވެހި ފުޓްބޯޅަ ބައްލަވަނީ އެކޮޅުކޮޅުންތޯ؟ ނޫނީ މިއެވޯޑަށް ވާދަކުރަނީ މެޗްތަކުގަ ޕާފޯމެންސް އެންމެ ދަށްކުޅުންތެރިންތޯ؟ އެހެންޏާފަހެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުން މޮޅުކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާންކުރި އިރު އަސަދުﷲ މިލިސްޓްގަ ހިމެނެންޖެހޭ އެއްވެސް ސަބަބެއްނެތްވިއްޔަ، މާޒިއާ އިން ދެވަނަބުރުގަ ޖުމްލަ 7މެޗް ކުޅުނުއިރު އަސަދުﷲ ކުޅުނީ ކިތައް މެޗްގަބާ؟ އަދި މޮޅުކުޅުންތެރިޔާއަށް ނޮމިނޭޓްވާ ފެންވަރަށް އޭނާއަށް ޕާފޯމްކުރެވުނީ އޭގެތެރެއިން ކޮންމެޗެއްގަބާ؟
އޭނަ
01 August 2017
ތޭރަވާ ނާރައޭ ހަބަރު ރަގަޅަން ކިޔާފަ ކޮމެއްޓް ކޮންބަލަ! މަވެސް ވަރަން ދެރަވޭ!
ތޭރަވާ
01 August 2017
ނިއުގެ ހަމްޕު ނޭރިތަ އެއްވެސް އެއްޗަކަށް؟
ސާދަވާ
01 August 2017
ނިއުއިން އަރަންޏާ އަރަންވީ ޓެޑް
ޤާދިރު
02 August 2017
ތި ޓެޑްގެ ސަބަބުން މުޅި ޓީމު ހަލާކުކޮށްލައިފި.. ބޮޑު ބޭކާރު ޚަރަދުތަކެއް ކުރެވެނީ.. ދިގު މުއްދަތަކަށް ޓީމު ބައްޓަން ކުރާށޭ ކިޔައިފައި 5 އަހަރުގެ ކޮންޓެކްޓުގައި ހުރި ބަންޕްޗް "އިހާނެތި ގޮތަކަށް" ބޭރުކޮށްލުމަށް ފަހު ކުޅުންތެރިން ގެނެސްފައިވަނީ 6 މަހުގެ ކޮންޓެކްޓަށް.. ސާފީ ބަކާ ފަދަ ކުޅުންތެރިން ތިއްބައި އަޚުލާޤީ ގޮތުން ދަށް ކުޅުންތެރިން ގެނައި..
ކަސަމް
01 August 2017
ދެވަނަ ބުރުގަވެސް އަސަދުﷲ އަށް އެކަށީގެންވާ ކުޅުމެއް ދެއްކިފަވާ ކަަމަށް ގަބޫލެއްނުކުރެވޭ
ކަސާވާ
01 August 2017
ކޮންމެހެން ވެސް ތިބެން ޖެހޭ ވަކި ބައެށް ތިބޭނެ އެ ހެޔޮ ބޯޅައެއްގަ ނުޖެހިޔަސް
ކަސަމް
01 August 2017
މާބޮޑު ހުނަރެއް ހުރި ކުޅުންތެރިއެއް ނޫން. ޖާނުން ވަރުގަދަ ވެފަ އުމުރުން ވީހާދުވަހަކު ކުޅެންޏާ ކޮއްމެސް ވަރެއް ވާނެއެއްނުދޯ.