ކުޅިވަރު

ދަގަނޑޭ ރަނގަޅު ފޯމެއްގައި، ޓީމަށް އިތުރު ހިތްވަރެއް

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި މިހާތަނަށް ރާއްޖޭން ކުޅުނު ދެ މެޗު ވެސް ކުޅުނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނެތި އެވެ. އަންނަ މަހު ތިން ވަނަ ދުވަހުގައި ކޮލިފައިން އެންމެ ބޮޑު މެޗުގައި އޭޝިއާ ފުޓްބޯޅައިގައި ވަރުގަދަ ޓީމެއް ކަމަށްވާ އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ދަގަނޑޭ ހިމެނުމަކީ މި ވަގުތު އޭނާ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ޓީމަށް ލިބޭނެ ހިތްވަރެކެވެ.

މިދިޔަ އަހަރުން ފެށިގެން އެކި އަނިޔާގެ ސަބަބުން ދަގަނޑޭގެ ކުޅުމަށް ވަނީ އަސަރުކޮށްފަ އެވެ. މިދިޔަ ސީޒަންގެ މެދުުތެރެއިން މާޒިޔާ އަށް ބަދަލުވުމަށް ފަހު އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނުމަށް އެހީތެރިވިއިރު، ސީޒަންގެ ފަހު މެޗުތަކުގައި އަނިޔާގެ ސަބަބުން ބައެއް މެޗުތަކުގައި ނުކުޅެ އެވެ.

މި ސީޒަން ފެށިއިރު ވެސް އޭނާ ހުރީ އަނިޔާގަ އެވެ. ގައުމީ ޓީމުގެ މެޗުތަކުގައި އޭނާ އަށް ނުކުޅެވުނީ ވެސް އަނިޔާއިން ރިކަވާ ނުވާތީ އެވެ. އެހެން ނަމަވެސް މިދިޔަ މެއި މަހު ނިއު އަށް ސޮއިކުރުމަށް ފަހު ދަގަނޑޭގެ ކަކުލަށް ލިބިފައިވާ އަނިޔާކަށް ފަރުވާ ހޯދުމަށް ސްރީ ލަންކާގައި ކުރި އާތޮސްކޮޕިކް ސާޖަރީ (ކަށި ކޮއްޕައިގެން ކުރާ ސާޖަރީ) އަށް ފަހު މިހާރު ވަނީ އެއްކޮށް ރިކަވާވެފަ އެވެ.

އަނިޔާއިން ރަނގަޅުވެ ދަގަނޑޭ ކުޅެން ނުކުތީ ދިވެހި ޕްރިމިއާ ލީގުގަ އެވެ. ލީގުގައި ފުރަތަމަ ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ވަނީ މެޗަކަށް ފަހު މެޗެއް ދަގަނޑޭގެ ކުޅުން އަންނަނީ ރަނގަޅުވަމުން ކަމަށެވެ. ދަގަނޑޭ ވަނީ މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުން ހަތަރު ލަނޑު ޖަހައިފަ އެވެ. މެޗަކަށް ފަހު މެޗެއް ބަލާއިރު އޭނާގެ ކުޅުން ވެސް އައީ ރަނގަޅުވަމުންނެވެ.

ދަގަނޑޭގެ މުހިއްމުކަން ޓީމަށް ބޮޑު: ކޯޗު

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕުގެ ފޭވަރިޓު ގޮތުގައި އޮތް އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑަށް ދަގަނޑޭ ނެގީ ފިޓްނަސް ޓެސްޓްތަކެއް ހެދުމަށް ފަހު އެވެ. ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ފަލަސްތީން އަތުން މާލޭގައި 2-0 އިން ބަލިވިއިރު ރަށުން ބޭރުގައި ބޫޓާން އަތުން މޮޅުވީ 2-0 އިންނެވެ.

ދަގަނޑޭ އިއްޔެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮލިފައިން ގްރޫޕް ސްޓޭޖާ ބެހޭގޮތުން މީގެ ކުރިން ގައުމީ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނީ އެންމެ އުނދަގޫވާނީ އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށާއި އޭރަށް ޓީމު ރަނގަޅަށް ތައްޔާރުވެ އޮތުން މުހިއްމު ކަމަށެވެ. އަދި ކޮލިފައިންގައި ބޫޓާން އަތުން މޮޅުވި މެޗަށް ފުރުމުގެ ކުރިން ކޯޗު ވަނީ ދަގަނޑޭ އެނބުރި އައުން މުހިއްމު ކަމަށް ބުނެފަ އެވެ.

"މި ޓީމަށް ލީޑަރުން ބޭނުންވޭ. އޭގެން އެކަކަކީ އަޝްފާގު (ދަގަނޑޭ). އޭނާ ނެތި ދެ ވަނަ މެޗެއް މި ކުޅެން ޖެހެނީ. އަހަރެންގެ އުއްމީދަކީ އަނިޔާއިން ރަނގަޅުވެ ވީހާވެސް އަވަހަކަށް އޭނާ ޓީމާ ގުޅުން. އެއީ ހާސިލްކުރަން މި އުޅޭ ޓާގެޓަށް ވާސިލްވުމުގައި އޭނާގެ ދައުރު ބޮޑު،" ސްޓެވާޓް ބުންޏެވެ.

ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމަށް ކުޅުނު ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ލާއޮސް އަތުން 4-0 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ވެސް ދަގަނޑޭ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ މެޗަށް ފަހު ވެސް ގައުމީ ކޯޗު ސްޓެވާޓް ބުނީ ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ދަގަނޑޭގެ ހިތްވަރު މުހިއްމު ކަމަށެވެ.

"އެ ފެންވަރުގެ ކުޅުންތެރިއަކު ދެން ނާންނާނެ"

ފަހަކަށް އައިސް ދަގަނޑޭގެ ކުޅުމަށް ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަނިޔާގެ ސަބަބުން ފޯމު ގެއްލި އެންމެ ރަނގަޅު ކުޅުން ނުދެއްކޭ ފަހަރު ވެސް އާދެ އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކޯޗަކު "މިހާރަ"ށް ބުނީ ދުނިޔޭގެ އެންމެ ޓޮޕް ލެވެލްގެ ކުޅުންތެރިއަކު ވެސް ފޯމު ގެއްލިދާނެ ކަމަށާއި ރާއްޖެ ކަހަލަ ވަސީލަތް މަދު ގައުމެއްގައި ދަގަނޑޭގެ ކަހަލަ ކުޅުންތެރިއަކު ހުރުމަކީ ވެސް ނަސީބެއް ކަމަށެވެ.

"ދަގަނޑޭ ކަހަލަ ކުޅުންތެރިއަކު ރާއްޖޭގެ ފުޓްބޯޅަ އަށް ވަރަށް މުހިއްމު. އޭނާގެ އުމުރުން މިހާރު 31. އޭގެ މާނަ އަކީ ބައިނަލްއަގްވާމީ ކެރިއަރުގެ އެންމެ ފަހު ސްޓޭޖުގައޭ އޭނަ އެހުރީ. އެކަމަކު އެ ހާލަތުގައި ވެސް އޭނާ ދައްކަމުން އަންނަ ތަފާތު އެބަފެނޭ. ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އޭނާގެ އެހީތެރިކަން އެބަ ލިބެންޖެހޭ. އެ ގޮތަށް ވިސްނާއިރު ވެސް ކެރިއަރުގެ ފަހު ކޮޅުގައި އޭނާ ގައުމީ ޓީމަށް ކުޅުން މުހިއްމު. ދެން އޭނާގެ ގޭމް ޓައިމް މެނޭޖުކުރުމަކީ ހުންނަ ކޯޗެއްގެ ކަމެއް،" އޭނާ ބުންޏެވެ.

ދަގަނޑޭ (ކ) އާއި ޓީމުގެ މިޑްފީލްޑަރު އުމެއިރު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަހަކަށް އައިސް ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ދަގަނޑޭ އަންނަނީ ބަދަލުކުރަމުންނެވެ. އެއީ އެހެން ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ދަގަނޑޭގެ ފިޓްނަސް ދަމަހެއްޓުމުގެ އިތުރުން އޭނާ ނެތް ދުވަހަކަށް ވެސް ތައްޔާރުވުމަށެވެ.

ދަގަނޑޭ އަކީ މި ވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމުތަކަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ފަސް ވަނަ އަށް އެންމެ ގިނައިން ގައުމީ ޓީމަށް ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. އޭނާ އަކީ ރާއްޖޭގައި މަގުބޫލު ބްރޭންޑަކަށް ވަނީ ވެފަ އެވެ. ދަގަނޑޭ އަލުން ގައުމީ ޓީމަށް އައުން ވެގެންދިޔައީ އޭނާގެ ސަޕޯޓަރުންނަށް ވެސް ލިބުނު ހިތްހަމަ ޖެހުމަކަށެވެ.

"އަހަރެން ދެކޭ ގޮތުގައި ދަގަނޑޭ ވަރުގެ ކުޅުންތެރިއަކު އަދިވެސް ނެތް. އެހެންވެ އޭނާ ރިޓަޔަކުރުމުގެ ކުރިން އޭނާގެ ފެންވަރާ ގާތަށް ކުޅުންތެރިއަކަށް ދެވޭނީ ވެސް އޭނާގެ އެހީތެރިކަމާ އެކު. ދަގަނޑޭ ޓީމަަށް އައުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ދަގަނޑޭގެ ސަޕޯޓަރެއް ފޭސްބުކުގައި އޭނާގެ ޝުއޫރު ފާޅުކޮށްފައިވެ އެވެ.

ގައުމީ ކޯޗު ސްޓެވާޓް ޓީމާ ހަވާލުވިއިރު އެންމެ ބޮޑު ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ 2019 ވަނަ އަހަރު ޔޫއޭއީގައި އޮތް އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. ކޮލިފައިން ކޮންމެ ގްރޫޕަކުން ދެ ޓީމަކަށް އޭޝިއަން ކަޕްގެ ޖާގަލިބޭއިރު، ރާއްޖެ އޮތް ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ދެ މެޗުން ހަ ޕޮއިންޓާ އެކު އޮތީ ފަލަސްތީނެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮމާން އޮތްއިރު އެ ޓީމަށް ލިބިފައިވަނީ ތިން ވަނައިގައި އޮތް ރާއްޖެއާ އެއްވަރަށް ތިންނެވެ. އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ބޫޓާން އެވެ.

ދުނިޔޭގެ ރޭންކިންގެ 120 ވަނައިގައި އޮތް އޮމާނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު ކޮލިފައިންގައި އޮމާން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ 14-0 އިން ބޫޓާން ބަލިކޮށްފަ އެވެ.

ފުރަތަމަ ދެ މެޗުގައި ރާއްޖޭގެ ފަރާތުން އެންމެ މޮޅު ކުޅުން ނުފެނުނު ނަމަވެސް ދަގަނޑޭ މިހާރު ހުރި ފޯމާ އެކު އޭނާ ޓީމާ ގުޅުމަކީ ލިބޭނެ ހިތްވަރެއްކަން ޔަގީނެވެ.

5 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 2%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާނު

27 August 2017

ދަގޭ އިމްރާން ހަދަން އުޅުން އެކަޑަމީކޮބާ

The name is already taken The name is available. Register?

ފުޓްބޯލް ފޭން

26 August 2017

އަލީ އަޝްފާޤަކީ ހުނަރުވެރި ކުޅުންތެރިއެއް. އަޝްފާގުގެ ފަރާތުން މިހާރުގެ ޒުވާން ކުޅުންތެރިންކޮޅެއް ދަރިވަރުވުން މުހިންމު ކަމަށް ބެލެވޭ ދިވެހި ފުޓްބޯޅައިގެ މުސްތަޤްބަލަށް ވިސްނާއިރު.

The name is already taken The name is available. Register?

ޢަހުމަދު

26 August 2017

ބޫޓާން އަތުން ރާއްޖެ މޮޅުވީ 2-0 އިން

The name is already taken The name is available. Register?

ލަބީދް އެންޑް ކަބީރް

26 August 2017

ދަގޭ ކެރިއަރު އަދި ނިންމާލާކަށް ނުވޭ.

The name is already taken The name is available. Register?

ދަގޭ

26 August 2017

އޯކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454