މާޒިޔާ އިން ސެކުލޮސްކީ ދޫކޮށްލައިފި

މާޒިޔާގެ ކޯޗުކަމުން މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ވަކިކޮށްފި އެވެ.


މާޒިޔާގެ ތާރީހުގައި އެ ޓީމާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗު ސެކުލޮސްކީ ވަކިކޮށްފައިވަނީ ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ ދަށްވެ، ލީގު ހޯދުމުގެ ފުރުސަތު ހަނިވެފައި ވަނިކޮށެވެ. ސެކުލޮސްކީ މިއަދު މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާއިރު، އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު އެވެ.

އެނގިފައިވާ ގޮތުގައި ސެކުލޮސްކީއާ އެކު މާޒިޔާ އިން ހަދާފައިވާ އެއްބަސްވުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި ސެކުލޮސްކީއާ މަޝްވަރާ ކުރުމަށް ފަހު މާޒިޔާ އިން ވަނީ އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކޮށް އޭނާ ދޫކޮށްލަން ނިންމައިފަ އެވެ.

މާޒިޔާ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ. ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނިއު އަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ އަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ.

ސެކުލޮސްކީ ވަނީ މާޒިޔާ އަށް މި ފަހަރުގެ ޗެރިޓީ ޝީލްޑާއި އެސްޓީއޯ މާލޭ ލީގު ކާމިޔާބު ކޮށްދީފަ އެވެ. ސީޒަން ފެށިގެން ތަފާތު ދައްކަމުން އައި މާޒިޔާ އަށް މައްސަލަ ދިމާވީ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުން ފެށިގެންނެވެ. އޭގެ ފަހުން އެ ޓީމަށް ކުރިން ދެއްކި ކުޅުން ތަކުރާރުކުރަން ވަނީ އުނދަގޫވެފަ އެވެ.

ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ކަކުލަށް އަނިޔާވެ ސީޒަން ނިމުމާ އެކު ސެކުލޮސްކީ އަށް ވަނީ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. އަދި ގިނަ މެޗުތަކުގައި އެ ޓީމު ފަހަކަށް އައިސް ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ.

ކުރިން މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާއި ޔަންގޮން ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ވަނީ އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. މާޒިޔާ އަށް އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުގެ ޖާގައެއް ގެއްލުނީ ފަހު މެޗުގައި ރަށުން ބޭރުގައި ބެންގަލޫރު އަތުން ބަލިވުމުންނެވެ.

ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ކުޅުނު 31 މެޗުގެ ތެރެއިން 19 މެޗުން ވަނީ މޮޅުވެފަ އެވެ. ހަތް މެޗުން ބަލިވިއިރު، ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގައި ދެން އެންމެ އަވަހަށް މާޒިޔާ ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ހަވީރު ނުކުންނާނީ މާޅޮހާ ދެކޮޅަށެވެ.