ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ތިނަދޫ ބަލިކޮށް ނިއު އިން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި

ތިނަދޫގެ ސައެސޭޑޯ (ވ) ކައިރިން ނިއުގެ ދަގަނޑޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގދ. ތިނަދޫގެ މައްޗަށް 3-1 އިން ކުރި ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓުން ފަސް ޕޮއިންޓުގެ ލީޑެއް މިރޭ ނަގައިފި އެވެ.

ލީގުގައި ބާކީ ތިން މެޗު ނިއު އަށް އޮތްއިރު އެ ޓީމު ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ޓީސީ އޮތީ 10 މެޗުން 25 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ކުޅޭ މެޗުން ށ. މިލަންދޫ އަތުން ޓީސީ މޮޅުވެއްޖެނަމަ ނިއުގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ.

މި މެޗުން ބަލިވުމުން ގަދަ ހަތަރަކަށް ވަންނަން ތިނަދޫ އިން ކުރަމުން އަންނަ މަސައްކަތަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މިއަދު ހަވީރު ދ. ކުޑަހުވަދޫ ބަލިކޮށް ގްރީން ސްޓްރީޓްސް ހަތަރު ވަނައިގައި އޮތީ 11 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ތިނަދޫ އަށް 11 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

އެންމެ ފަހުން އއ. މާޅޮހާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުފެނުނު ލުބުނާނުގެ ޑިފެންޑަރު ހުސެއިން އެލްޑޯ ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ތިނަދޫ އަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އަށް ކާޑު ހަމަވުމުގެ ސަބަބުން މިރޭ ނުކުޅެވުނެވެ.

މެޗު ފަށައިގެން ނިއު އިން ދިޔައީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދެއްކި އެޓޭކިން ކުޅުން ތަކުރާރުކުރަމުންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި އޭރިއާ ބޭރުން ނިއުގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ތިނަދޫގެ ކީޕަރު ޒަބެނިކޯވް ރުސްލާން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނިޓްގައި ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ބޯޅަ ވެސް ކީޕަރު ރުސްލާން ވަނީ މަތަކޮށްފަ އެވެ.

އަދި އޭގެ ތިން މިނިޓް ފަހުން ނިއު އަށް ކުޅޭ ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ތިރިިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ނިއު އަށް މެޗުގެ ލީޑުނަގައިދިނީ 20 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު ކަންޑޭލާ އެވެ. ސެންޓޭ ނަގައިދިން ކޯނަރުން ތިނަދޫ ކުޅުންތެރިންނަށް ލިބުމުގެ ކުރިން ކަންޑޭލާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ކައުންޓަ އެޓޭކުގައި ތިނަދޫގެ ދެ ފަޅިން ކުޅޭ އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ރިސްވާން (ފުކޭ) އަށް ލިބޭ ބޯޅަތަކުގައި ނިއު އަށް ކޮންމެވެސް ވަރެއްގެ ނުރައްކާތަކެއް ކުރިމަތިވި އެވެ. އެހެން ނަމަވެސް އެ ފުރުސަތުތަކުން އެ ކުޅުންތެރިންނަށް ރަނގަޅު ހަމަލާއެއް ފޮނުވާނުލެވުނެވެ.

ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 33 ވަނަ މިނިޓްގައި އޭރިއާ ތެެރެއިން ރިޒޭ ދިން ބޯޅަ އަކުން އެ ޓީމުގެ އަލެކްސެންޑާ އަވީލާ ފޮނުވާލި ހަމަލާ ނިއުގެ ޑިފެންޑަރުން ގައިގައި ޖެހިފައި ވަނީ ބްލޮކްވެފަ އެވެ.

އޭގެ ފަހުން ނިއުގެ ލީޑުފުޅާކުރަން އޭރިއާ ތެރެއިން ސެންޓޭ ޖެހި ބޯޅަ ކީޕަރު ރުސްލާން ވަނީ މަތަކޮށްފަ އެވެ. ނިއު އަށް ލީޑުފުޅާކޮށްދިނީ މެޗުގެ 40 ވަނަ މިނިޓްގައި ދަގަނޑޭ އެވެ. އޭރިއާ ތެރެއިން ގަލާޑޯ ދިން ބޯޅަ ދަގަނޑޭ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނިޓްގައި ނިއުގެ އޭރިއާ ތެރެއިން ތިނަދޫ ކުޅުންތެރިން އެޓޭކެއް ހުފައްދަން އުޅުނު ބޯޅައެއް ނިއުގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި އަމާޒުވީ ދަނޑިއަށެވެ. އެ ބޯޅަ ދަނޑީގައި ޖެހިފައި ތިނަދޫގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ އަތަށް ނަަގައިފަ އެވެ.

މި ހާފުގައި ތިނަދޫ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 56 ވަަނަ މިނިޓްގައި ސެންޓޭ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ތިނަދޫ އަށް ފުރަތަަމަ ލަނޑު ޖަހައިދިނީ މެޗުގެ 65 ވަނަ މިނިޓްގައި އަވީލާ އެވެ. އަރިމަތިން ނިއުގެ އަހުމަދު އަބްދުﷲ (ލިލީ) ކައިރިން ނައްޓާލުމަށް ފަހު ރިޒޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރު އިމްރާނަށް އެއްވެސް ފުރުސަތެއް ނުދީ އަވީލާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ތިނަދޫ އިން ލަނޑާ އެކު މެޗުގެ ތެރެއަށް އެނބުރި އައިތާ ފަސް މިނިޓް ފަހުން ގަލާޑޯ ވަނީ ނިއު އަށް ތިން ވަަނަ ލަނޑެއް ޖަހައިފަ އެވެ. ގަލާޑޯ މި ލަނޑު ޖެހީ ކަންޑޭލާ ނަގައިދިން ކޯނަރަކުން ބޮލުންނެވެ.

ނިއުގެ ލަނޑާ އެކު އެ ޓީމުގެ ބެންޗުން އުފާފާޅުކުރިިއިރު، ޓީމުގެ މެނޭޖަރު އަހުމަދު ރަޝީދު ތިނަދޫގެ ބެންޗާ ދިމާއަށް ހުރެ އިޝާރާތް ކުރިގޮތަކުން އޭނާ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. މެޗުގެ ރެފްރީ އަހުމަދު އަމީޒުގެ މި ނިންމުމާ ދެކޮޅަށް ނިއުގެ އޮފިޝަލުން ވަނީ ހިތްހަަމަަ ނުޖެހުން ފާޅުކޮށްފަ އެވެ.

ތިނަދޫގެ އިމްރާން (ކ) ކައިރިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 86 ވަނަ މިނިޓްގައި ތިނަދޫ އަށް ލިބުނު ހިލޭ ޖެހުމަކުން އަންސަރު އިބްރާހިމް (އަންކޮ) ނަަގައިދިން ބޯޅަ އެ ޓީމުގެ އިވާން ސައެސޭޑޯ ބޮލުން ފޮނުވާލި ނަމަވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.

ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުން ބަލިވި ނަމަވެސް ކުޅުންތެރިން ކުރި ހިތްވަރާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ނިއު ރޭޑިއަންޓު ލީގުގެ ރޭހުގައި އޮތްއިރު ތިނަދޫގެ އޭރިއާއެއް ނޫން ލީގުގެ ރޭހަކީ. އެކަމަކު އެ މީހުން ވަރަށް ހިތްވަރު ކޮށްގެން ރަނގަޅަށް ކުޅުނު. މީގެ ނިއު ރޭޑިއަންޓް އެމީހުންގެ ގޮތުގައި ރަނގަޅު މެޗެއް ކުޅެލައިފި. މަރުހަބާ ކިޔަން ލީގުގައި ނިއު ރޭޑިއަންޓަށް. މެޗަށް ބަލާއިރު ތިނަދޫގައި މިތިބަ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެފި. ރަނގަޅު އެޓޭކްތަކެއް ތިނަދޫ އިން އުފެއްދި،" އޭނާ ބުންޏެވެ.

ގަދަ ހަތަރެއްގެ ރޭހުގައި ތިނަދޫ އަށް އަދިވެސް ޕްރެޝަރެއް ނެތް ކަމަށާއި ކުރިއަށް އޮތް ގްރީން ސްޓްރީޓްސް މެޗުން ބަލިނުވެ ފަރުޖައްސާލުން މުހިއްމުކަން ސުޒޭން ފާހަގަކުރި އެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ފުރަތަމަ ބުރުގައި ތިނަދޫއާ ދެކޮޅަށް ކުޅުނު އިރަށް ވުރެން މި މެޗު އުނދަގޫ ކަމަށެވެ.

"ފުރަތަމަ ބުރުގައި ކުޅުނު މެޗަށް ވުރެން ތަފާތުކޮށް މި މެޗުގައި ތިނަދޫ އިން ކުޅުނީ. ވަރަށް ކުރިއަރައިފި އެމީހުން. ވަރަށް އުފަލުން މިހުރީ ކުޅުންތެރިން ފުރަތަމަ ހާފުގައި ދެއްކި ކުޅުން ފެނިފައި. މި މެޗުގައި މި ފެނިގެންދިޔައީ އަހަރެން ހަވާލުވި ފަހުން މި ޓީމު އެންމެ ރަނގަޅަށް ކުޅުނު ފުރަތަމަ ހާފު. ދެ ވަނަ ހާފުގައި އަހަރެމެން އެންމެ ރަނގަޅަށް ނުދިޔަ،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ މި ދަނޑިވަޅުގައި އެއްވެސް ޓީމަކަށް އެޑްވާންޓޭޖެއް ނެތް ކަމަށާއި ޓީސީ މެޗަކުން ބަލިވާނެ ކަމަށް އުއްމީދުކޮށްގެން ނުހުރެވޭނެ ކަމަށެވެ. އަދި ލީގު ޗެމްޕިއަން ކަނޑައެޅޭނީ ނިއު އާއި ޓީސީ ކުޅޭ މެޗުން ކަމަށް ވެސް ބުންޏެވެ.

7 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 4%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރގަސަން

31 October 2017

މިފަހަރު ތިނަދޫން މިއޮތީ ޅައެތި އަޅާފަ. މޮޅު ކޯޗު ބޭރުކޮށްލާފަ އަނގައެއް ގެނެވުނީމަ ވީގޮތްތާ.

The name is already taken The name is available. Register?

ޓޮޓީ

31 October 2017

ނިއުއިން މިހާރު ތި ދައްކާ ކުޅުމަކީ ވަރަށް ވެސް ރީތި ފާސިން ގޭމެއް. ކުޅުންތެރިން އެދައްކާ ކުޅުމާ ލަނޑް ޖަހާފަ އެނަގާ ފޯރިން ޓީމްގެ ރޫހު ވަރަށް ރަގަޅަށް ދައްކުވައިދޭ. ލަނޑު ޖަހާ ކޮންމެ ފަހަރަކާ އެޓޭކު ކުރާއިރުވެސް ބެންޗުގަ އެތިބޭ ކުޅުންތެރިން އެނަގާ ފޯރިޔަކީ މި ލީގު ހޯދަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާކަމުގެ އަލި ގަދަ ހެއްކެތް. ވަރަށް ވެސް އުފާވޭ އެ މަންޒަރުތައް ފެނިފަ.

The name is already taken The name is available. Register?

އާރީ

31 October 2017

ނިއު އަކީ ރާއްޖޭ ފުޓްބޯޅާގެ ރަސްގެފާނު. އެކަން ސާބިތު އެކޮށްދެނި

The name is already taken The name is available. Register?

ކާމްޑައުން

31 October 2017

އަޝްފާގު ލައިގެން އެކަމަކު

The name is already taken The name is available. Register?

ހޯރަ

31 October 2017

ޖުމްލަކޮށް ރެފްރީންގެ މިސްޓޭކްސް ގިނަ މެޗެއް، ނިއުގެ ލަނޑާ އެކު އެޓީމުގެ ބެންޗުން ޓީމުގެ މެނޭޖަރު އަހުމަދު ރަޝީދު ތިނަދޫގެ ބެންޗާ ދިމާއަށް އިޝާރާތް ކުރިގޮތަކުން އޭނާ ބެންޗުން ފޮނުވާލިއިރު ތިނަދޫގެ ލަނޑާއެކު އެޓީމުގެ އޮފިޝަލަކު ނިއުގެ ބެންޗަށް އިޝާރާތްކޮށް ވައްތަރުޖެއްސިއިރު އޭނައާމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ. ބެންޗާވީފަޅީގަ ރޮނގު ބަލަހައްޓަންހުރި އޮފިޝަލަށް އޭނާކުރިމަތީގަ ދަނޑުގަ ހިނގި އެއްވެސް ކަމެއް ފެނުނުހެބް ހިޔެއްނުވޭ. އޭނާބަލަހައްޓަމުންދިޔަ ރޮނގުން ތިންހަތަރު ފަހަރު ބޯޅަ ބޭރުވި އިރުވެސް ދިދަ އުފުލާލަން ނޭގިފަހުރީ، މިގޮތުން އެއްފަހަރަކު ތިނަދޫ ކުޅުންތެރިއެއްގެ އަތުން ބޯޅަ ބޭރުވީމަ އެކުޅުންތެރިޔާ އަމިއްލައަށް ބޯޅަ އަތައްނެގީމަ ރެފްރީ އަމީޒު ނިއުއަށް ހިލޭޖެހުމެއްދިނީ ލައިންސްމަން އެބޯޅަ ބޭރުވިކަމަށް ދިދަ ނުނަގާތީ، އެކަމަކު އެބޯޅަ ބޭރުވިކަން ދަނޑުމަތީގަ ތިބި ދެޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުން އަދި ދަނޑަށްވަދެތިބި އެންމެނަށްވެސް އެބޯޅަ ބޭރުވިކަން އެނގޭ

The name is already taken The name is available. Register?

ރަދީފް

31 October 2017

މަރުހަބާ ނިއު. ސުޒޭނު މޮޅު ވާހަކަ ބޭނުމެއް ނުވޭ ، އަންނަ ސީޒަނުގަ މާޅޮސް ޓީމާއި ހަވާލްވާން ދޭބަލަ. ވ.ވެދުން

The name is already taken The name is available. Register?

ވިސްނާލީމާ

31 October 2017

އަލްހަމްދު ލިﷲ ޝުކުރު! މާތް ﷲ އަށް ހަމްދާއި ޝުކުރުކުރަން! ތިނަދޫޓީމުގެ މައްޗަށް ނިއުރޭޑިއަންޓުން ހޯދި ކާމިޔާބީއަށް، ކުޅުންތެރިންނަށާ މެނޭޖްމަންޓަށް މަރްހަބާ ކިޔަން! ބޭނުންވަނީ ނިއުރޭޑިއަންޓުން ހުރިހާ މެޗެއްގާވެސް އެކުވެރިކަމާ ހިތްވަރާއެކު މަސައްކަތްކޮށް އިދިކޮޅުޓީމު ބަލިކޮށްލުން! އިރާދަކުރެއްވިއްތޔާ ކުރިޔަށޤ ހުރި މއޗްތަކުންވެސް ނިއުރޭޑިއަންޓަށް ކާމިޔާބު މިންވަރުކުރައްވާނެ! އިންޝާﷲ! -އިބްރާހީމް-

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454