ދަގަނޑޭ އާއި ކީޕަރު ހުސެން ހިމަނައިގެން ސްކޮޑު ފައިނަލްކޮށްފި

އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުފެނުނު ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި މާޒިޔާގެ ޒުވާން ކީޕަރު ހުސެއިން ޝަރީފް ހިމަނައިގެން މި މަހު 14 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ރަށުންބޭރުގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ ގައުމީ ޓީމުގެ ސްކޮޑު ފައިނަލްކޮށްފި އެވެ.


މިދިޔަ މަހު 10 ވަނަ ދުވަހު އޮމާން އަތުން 3-1 އިން ބަލިވި މެޗުގައި ދަގަނޑޭ ނުފެނުނީ އަނިޔާވުމުންނެވެ. އަނިޔާ އިން ރަނގަޅުވެ ދަގަނޑޭ އަންނަނީ ނިއު ރޭޑިއަންޓަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ދަގަނޑޭ ވަނީ ސީޒަނުގެ މިހާތަނަށް ނިއު އަށް 12 ގޯލް ޖަހައިފަ އެވެ.

އުމުރުން 19 އަހަރުގެ ކީޕަރު ހުސެން މާޒިޔާ ޓީމަށް އަދި މެޗެއް ކުޅެފައިނުވި ނަމަވެސް މިދިޔަ ސީޒަނުގެ ޔޫތު ޗެމްޕިއަންޝިޕުގައި އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. މީގެ ކުރިން އޭނާ ސީނިއާ ޓީމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ފައިނަލް ސްކޮޑަށް ނާރަ އެވެ. މާޒިޔާގައި ފާއިތުވި ދެ ސީޒަނުގައި ވެސް ހުރީ ބިދޭސީ ކީޕަރުން ކަމަށްވުމުން ހުސެން އަށް އަދި އެ ޓީމުން ރަނގަޅު ފުރުސަތެއް ނުލިބެ އެވެ.

މި ފަހަރުގެ ސްކޮޑުން ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ އަލުން ޖާގަ ހޯދައިފަ އެވެ. ފޭދޫ އިއްބެ މީގެ ކުރިން ގައުމީ ޓީމަށް ނެގީ މި އަހަރު ކުރީކޮޅުގައި ފަލަސްތީނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ސްކޮޑަށެވެ. އޭގެ ފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި އޮމާނާ ދެކޮޅަށް ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި ވެސް އޭނާ ނުހިމެނެ އެވެ.

މި ފަހަރުގެ ސްކޮޑުން ވެސް ށ. މިލަންދޫ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބ. އޭދަފުށީގެ ކުޅުންތެރިއާ އިޝާން އިބްރާހިމް (ސައްޓު) ނުހިމެނެ އެވެ. އަދި އެންމެ ފަހުން ސްކޮޑުގައި ހިމެނުމަށް ފަހު އަމިއްލަ ސަބަބަކާ ހުރެ ޓީމާ ދުރަށް ދިޔަ މާޒިޔާގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ވެސް ނެތެވެ. ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ވަނީ އޭނާގެ ކޯޗުކަމުގައި އީސަ އަށް ދެން ފުރުސަތެއް ނުދޭނެ ކަމަށް ބުނެފަ އެވެ.

އިއްޔެ ބޭއްވި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ފަހަރު މުޅިން އަލަށް ގައުމީ ޓީމުން ޖާގަހޯދި ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) ވަނީ މި ފަހަރު ވެސް ޓީމު ހިމެނިފަ އެވެ. އަދި އޮމާނާ ދެކޮޅަށް ކުޅުނު މެޗު ފެށެން ކުޑަތަންވެފައި އޮއްވައި ޓީމާ ގުޅުނު ނިއުގެ ތިން ވަނަ ކީޕަރު އަބްދުﷲ ޒިޔަޒަން ވެސް ވަނީ ޓީމުން ޖާގަ ހޯދައިފަ އެވެ.

ގައުމީ ސްކޮޑު:

މާޒިޔާ: އަމްދާން އަލީ (އެންޑީ)، މުހައްމަދު އިރުފާން، އަޝްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝަރީފް.

ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަކްރަމް އަބްދުލްގަނީ، ރިލްވާން ވަހީދު (ރިލޭ)، އަދި އަލީ އަޝްފާގު (ދަގަނޑޭ)، އަބްދުﷲ ޒިޔަޒަން

ޓީސީ ސްޕޯޓްސް ކްލަބް: ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ). އަހުމަދު ޒާދު، މުހައްމަދު އައްޒާމް، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)

ގދ. ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒްވާން (ރިޒޭ).

ކްލަބް ގްރީން ސްޓްރީޓްސް: އިބްރާހިމް ރިޒުހާން، ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު ސާއިފް

ފަލަސްތީނު މެޗަށް ގައުމީ ޓީމު ވަނީ އިއްޔެ ހަވީރު ޕްރެކްޓިސް ފަށައިފަ އެވެ. ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ރާއްޖެ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ރާއްޖެ އަށް ދެން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.