ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާއާ އެކު އިންމަ އަށް ފުރަތަމަ މޮޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްގެ މައްޗަށް 3-0 އިން ކުރި ހޯދައި އިސްމާއިލް މަހަފޫޒް (އިންމަ) އާ އެކު މާޒިޔާ އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.


މި މެޗުން މޮޅުވެ މާޒިޔާ ލީގުގެ ތިން ވަނައިގައި އޮތީ 13 މެޗުން 27 ޕޮއިންޓާ އެކު އެވެ. ނިއު ވަނީ މިއަދު ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-2 އިން ކުރިހޯދައި ބާކީ އެއް މެޗު އޮއްވައި ލީގު ކަށަވަރުކޮށްފަ އެވެ. ނިއު އެއް ވަނައިގައި އޮތީ 13 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓިސީ ދެ ވަނައިގައި އޮތީ 13 މެޗުން 29 ޕޮއިންޓާ އެކު އެވެ.

މި މެޗުން ބަލިވުމުން ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމަށް ގްރީން ސްޓްރީޓްްސް އަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ. އެ ޓީމު ލީގުގެ ހަތަރު ވަނައިގައި މި ވަގުތު އޮތީ ލީގުގެ ފަސް ވަނައިގައި އޮތް ގދ. ތިނަދޫ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ގްރީން އަށް 13 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިނަދޫ އޮތީ 12 މެޗުން 15 ޕޮއިންޓެވެ. މާދަމާ ހަވީރު އއ. މާޅޮހާ ދެކޮޅަށް ކުޅޭ މެޗުން ތިނަދޫ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ލީގުގެ ހަތަރަކަށް އެރޭނެ އެވެ.

މި މެޗަށް ނުކުތްއިރު ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުން ވަނީ ށ.މިލަންދޫއާ 3-3 އިން އެއްވަރުވެފަ އެވެ. އަދި ގްރީން ސްޓްރީޓްސް ވަނީ ގދ. ތިނަދޫ އަތުން 7-0 އިން ބަލިވެފަ އެވެ.

ގްރީން ސްޓްރީޓްސް އިން ބިދޭސީ ހަތަރު ކުޅުންތެރިން ކަމަށްވާ ކޮވަލްޗަކް ޕެޓްރޯ، ވިލިއަމް މެކޯ، ސޮބޮލް އިލިއާ، ވިލއަން މެކޯ އަދި ކީޕަރު ޖުން ކޮޗީ ބޭނުމެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި ގްރީން ސްޓްރީޓްސް އިން ވަނީ އެ ކުޅުންތެރިން ފޮނުވާލަން ނިންމައިފަ އެވެ. އަދި އަނިޔާގައި ހުރި މާޒިޔާގެ މުހައްމަދު އުމެއިރު ވެސް ނުކުޅެ އެވެ.

މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން މާޒިޔާ އިން މަސައްކަތްކުރި އެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރި އެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނިޓްގައި މާޒިޔާގެ އަސްހަދު އަލީ (އަޑޭ) ހުސްކޮށްލާފައި އަހުމަދު އިމާޒް (އާއްކޮ) އަށް އޭރިއާ ތެރެއިން ދިން ބޯޅަ އޭނާ އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނެވެ. އަދި މޫސާ ޔާމީން (ޔާމްބެ) ނަގައިދިން ބޯޅަ ގޯލު ކުރިމަތިން ހުރަސްވެގެންދިޔައި ޖަހާނެ ކުޅުންތެރިއަކު އެ ހިސާބުގައި ނެތެވެ.

މެޗުގެ 28 ވަނަ މިނިޓްގައި މާޒިޔާ އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ. އެ ބޯޅަ ފޮނުވާލުމުގެ ފުރުސަތު އެޓީމަށް ކުޅޭ މުހުތާރު ނަސީރު (ޓޫކިލޯ) އަށް ވެސް ލިބުނެވެ.

މިރޭގެ މެޗުގެ ތެރެއިން އިންމަ (ވ) އެ ޓީމުގެ އަޑޭ އަށް ބުނެދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އަށް ލީޑުނަގައިދިނުމަށް މެޗުގެ 34 ވަނަ މިނިޓްގައި ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އަހުމަދު ފައިރޫޒް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާ އަށް ލީޑުނަގައިދިނީ އެ ޓީމަށް ކުޅޭ ބޮސްނިއާގެ ޑިފެންޑަރު މިހަލޮވިޗް ބޮޔާން އެވެ. ލިބުނު ހިލޭ ޖެހުމަކުން ޔާމްބެ ނަގައިދިން ބޯޅަ ބޮޔާން ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފް ގްރީން ސްޓްރީޓްސް އިން ފެށީ ބަދަލަކާ އެކު އެވެ. އަނިޔާ ވުމުގެ ސަބަބުން މުހައްމަދު ނައްޒާމްގެ ބަދަލުގައި އަހުމަދު ނިޒާމް (ނިޒާމްބެ) ކުޅެން އަރުވައިގެންނެވެ.

މި ހާފުގައި ގްރީން ސްޓްރީޓްސް އިން ރަނގަޅަށް ކުޅެން މަސައްކަތްކޮށް މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވެނީސް މާޒިޔާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. ލިބުނު ޕެނަލްޓީ އަކުން މެޗުގެ 53 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އިސްމާއިލް އީސާ (މެސީ) އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން މާޒިޔާގެ ކްރޮއޭޝިއާ ފޯވާޑް ކެރިޗް އަންދްރޭ އަށް ކީޕަރު ފައިރޫޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ލަނޑާ އެކު މާޒިޔާ އިން މެޗުގެ ކޮންޓްރޯލް ނެގި އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ އަޑޭ އެވެ. އޭރިއާ ބޭރުން މުހައްމަދު އިރުފާން (އިރޭ) ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރަކު ގައިގައި ޖެހިފައި ލިބުނީ އޭރިއާ ތެރެއިން އަޑޭ އަށެވެ. އޭނާ ވަނީ ކީޕަރު ފައިރޫޒަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

އޭގެ ފަހުން އޭރިއާ ތެރެއިން ކެރިޗަށް ލިބުނު ފުރުސަތު އޭނާ އަތުން ވަނީ ބޭކާރުވެފަ އެވެ.

މިއަދަކީ އިންމަގެ 46 ވަނަ އުފަން ދުވަހެވެ. މާޒިޔާ އަށް ތިން އަހަރު ފަހުން އައިސް ފުރަތަމަ މޮޅު އުފަން ދުވަހުގައި ލިބުނުއިރު، މެޗަށް ފަހު އިންމަ ބުނީ ބޭނުންވި ކުރިއެރުން ކޮންމެވެސް ވަރަކަށް ފެނުނު ކަމަށެވެ.

"ފުރަތަމަ މޮޅު މިއީ. އިރާދަކުރެއްވިއްޖިއްޔާ އަޅުގަނޑުމެން މީތި ކޮންޓިނިއު ކުރާނަން. ދެން ކުރީ މެޗަށް ބަލާއިރު ކުޅުންތެރިންގެ ސީރިއަސް ވުމާއި ހިތްވަރާއި ޓީމުވަންތަކަން އެބަ އާދޭ. އަޅުގަނޑުމެން ފަހުން އެރުވި ޔަންގް ޕްލޭޔަރުން ވެސް ވަރަށް ރަނގަޅަށް މި މެޗުގައި ކުޅެފި. މުޅި ގޭމަށް ބަލާއިރު ހިތްހަމަ ޖެހޭ. އެކަމަކު ބައެއް ކަންތައްތައް އެބަޖެހޭ އަދިވެސް ރަނގަޅުކުރަން،" އިންމަ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ އެ ޓީމުން އޮތީ މިހާރު ސީޒަން ނިންމާލައިފައި ކަމަށެވެ.

"ވަރަށް ބައިވަރު ސަބަބުތަކާ ހުރެ އަޅުގަނޑުމެންނަށް އަރައިނުގަނެވިގެން ގޮސްގެން ސީޒަން ނިންމާލާފައޭ އޮތީ މުޅި ޓީމުން. ގާތްގަނޑަކަށް ސީޒަންގެ އެންމެ ފަހު ދެ ވަނަ މެޗަށް މިދިޔައީ. އެފްއޭ ކަޕް ދެން ގައުމީ މުބާރާތް ކުޅޭނެ ކަމެއް ނޭނގޭ އަދިވެސް އަޅުގަނޑަށް ދެންނެވޭނީ ވަރަށް ބައިވަރު ސަބަބުތަކާ ހުރެއޭ ނަތީޖާ މިހާ ދަށްކޮށްދާނީ. މި ވަގުތު އަޅުގަނޑަށް ވަރަށް ދަތިވާނެ މި ހުރިހާ ވާހަކައެއް ދައްކަން،" ސޮބާ ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު ހަ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސް މޮޅުވީ އެންމެ މެޗަކުންނެވެ. ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޅޮސް ބައްދަލުކުރާނީ ތިނަދޫއާ އެވެ. މެޗު ފަށާނީ 15:50 ގަ އެވެ.