މާޒިޔާގެ ޝަމީމް (ވ) މުއިވެޔޮގެ އަލީ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
29 ނޮވެމްބަރ 2017 - 18:31
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މިއަދު ހަވީރު މުއިވެޔޮ ފްރެންޑްސް އަތުން 3-0 އިން ހޯދި މޮޅާ އެކު މުބާރާތުގެ ސެމީ ފައިނަލުގައި ޓީސީއާ ދެކޮޅަށް ކުޅޭނެ ޓީމަކަށް މާޒިޔާ ވެއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް އޭއެފްސީ ކަޕުގެ ފުރަތަމަ ޖާގަ ނިއު ރޭޑިއަންޓުން ވަނީ ހޯދައިފަ އެވެ. ދެ ވަނަ ޖާގަ ލިބޭނީ އެފްއޭ ކަޕް ކާމިޔާބުކުރާ ޓީމަކަށެވެ. މިހާރު އޮތް ގޮތުން އެ ތައްޓަށް ނިއުގެ އިތުރުން އެންމެ ވާދަކުރާ ދެ ޓީމަކީ ޓީސީ އާއި މާޒިޔާ އެވެ.
މިދިޔަ އަހަރުގެ ރަނަރަޕް ޓީސީ އާއި މާޒިޔާ ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.
މިިދިޔަ އަހަރުގެ އެފްއޭ ކަޕުން މާޒިޔާ ކެޓީ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން ބަލިވެގެންނެވެ.
މިއަދުގެ މެޗަށް މާޒިޔާ އިން ނުކުތީ ގިނަ ބަދަލުތަކާ އެކު އެވެ. މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި މުހައްމަދު އިރުފާން (އިރޭ) އަދި އިސްމާއިލް އީސާ (މެސީ) ހުރީ ސަސްޕެންޝަނުގަ އެވެ. މިއަދުގެ މެޗުގައި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ޝަމީމް އާއި މުހައްމަދު ސަހާއު އަށް ފުރަތަމަ ފަހަރަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ދިނެވެ.
މެޗުގެ ދެ ވަނަ މިނިޓްގައި މުއިވެޔޮ އޭރިއާ ތެރެއިން ޝަމީމް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން އަސްހަދު އަލީ (އަޑޭ) ދިން ބޯޅަ ޖަހަން އެރި ސަހާއުގެ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.
މާޒިޔާ އަށް ލީޑުނަގައިދިނީ 11 ވަނަ މިނިޓްގައި އަހުމަދު އިމާޒް (އާއްކޮ) އެވެ. އޭރިއާ ތެރެއިން އަޑޭ ހުސްކޮށްލާފައި ދިން ބޯޅަ އޭނާ ގޯލުގެ ތެރެއަށް ފޮނުވާލީ ތިރިތިރިންނެވެ.
މާޒިޔާގެ ދެ ވަނަ ލަނޑު އަޑޭ ޖެހީ 22 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން އަޑޭ ވެސް ލަނޑު ވައްދާލީ ތިރިތިރިން ފޮނުވާލި ބޯޅައެއްގަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ސަމޫހު އަލީ (ސަމުއްޓެ) އެވެ. އަރިމަތިން މޫސާ ޔާމީން (ޔާމްބެ) ނަގައިދިން ހުރަސް މުއިވެޔޮ ކީޕަރު މުހައްމަދު ޝާހަށް ލިބުމުގެ ކުރިން ސަމުއްޓެ އެ ބޯޅަ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓް ތެރޭ މާޒިޔާ އިން ހަތަރު ވަނަ ލަނޑު ނުޖެހި ދިޔައީ ހަމަ ކިރިޔާ އެވެ. އޭރިޔާ ތެރެއިން ޝަމީމް ފޮނުވާލި ބޯޅަ ގޯލުގެ ކުރިމަތިން ހުރަސްވެގެން ދިޔައިރު، ސަހާއު އާއި ސަމްދޫހު މުހައްމަދު ވެސް ގޯލަށް ބޯޅަ ފޮނުވާލި އެވެ. އެކަމަކު ކީޕަރު ޝާހު ވަނީ އެ ހަމަލާތައް މަތަކޮށްފަ އެވެ.
ޓީމަށް ބަދަލުތައް ގެނެސްގެން މާޒިޔާ އިން އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ 3-0 ގައި އޮވެގެންނެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ޒުވާން ކުޅުންތެރިން ލައިގެން ނުކުތް މަގުސަދު ހާސިލްވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަތަކުގެ ސަބަބުން ޒުވާން ކުޅުންތެރިންތަކެއް ލައިގެން މި ކުޅުނީ. އެ ކުޅުންތެރިންގެ ބައިވެރިވުމާ އެކު މިއަދުގެ މެޗުން މޮޅެއް ލިބުމުން އެއީ ހިތްހަމަޖެހުމެއް،" އިންމަ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނުގަތި
29 November 2017
ޓީސީބަލިކުރެވިދާނެ އެކަމަކުު ކިންގު ބަލިކުރެ ވޭނެ ކަމެއްނޭގޭ?
އާރީ
29 November 2017
ތި ކުޅޭ ކުޅުމުންނެއް ޓީސީ ބެންޗު ޓީމް އަތުންވެސް ނޭގެ މޮޅުވާނެ ކަމެއް.
ހޯރަ
29 November 2017
މެޗު ކުޅުނުއިރު އެއްމެގިނައިން މީހުންވަންނަ ގޭޓް( އިރުމަތީ ގޭޓް) ހުރީ ތަޅު ލާފަ. މީ ދިވެހި ފުޓްބޯޅައަށް އައި ކުރި އެރުމަކީ. މީ ނަމަކަށް ކުޅޭ އެއްޗެއްތަ ސަފޯޓަރުން ނުވައްދާ ކުޅެށް