ކުޅިވަރު / އެފްއޭ ކަޕް

އެފްއޭ ކަޕް ތިން ވަނަ މަގާމު މާޒިޔާ ހޯދައިފި

މާޒިޔާގެ ސަހާއު (ކ) ގްރީން ސްޓްރީޓްސްގެ ޝާފީ ކައިރިން ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: މާޒިޔާ

06 ޑިސެމްބަރ 2017 - 19:21

ގްރީން ސްޓްރީޓްސްގެ މައްޗަށް 2-0 އިން ކުރިހޯދައި، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމު މާޒިޔާ އިން މިއަދު ހޯދައިފި އެވެ.

މީގެ ކުރިން މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި މާޒިޔާ މިދިޔަ އަހަރު ވަނީ ކުއާޓާ ފައިނަލުން ޔުނައިޓެޑް ވިކްޓަރީ އަތުން ކަޓައިފަ އެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން މާޒިޔާ ބަލިވީ ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށެވެ.

މި ފަހަރުގެ އެފްއޭ ކަޕް ޗެމްޕިއަންކަން ނުހޯދުމުން މާޒިޔާ އަށް ވަނީ ފަސް އަހަރަށް ފަހު ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލިފަ އެވެ.

މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި މާޒިޔާ އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ގްރީން ސްޓްރީޓްސް އޭރިއާ ތެރެއިން އިސްމާއިލް އީސާ (މެސީ) އާއި ސަމޫހު އަލީ (ސަމުއްޓެ) ފޮނުވާލި ދެ ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އަހުމަދު ފައިރޫޒް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 24 ވަނަ މިނިޓްގައި މުހައްމަދު އިރުފާން (އިރޭ) ހުސްކޮށްލާފައި މަތިން ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެެރެއަށް ވަދެ އީސަ ފޮނުވާލި ބޯޅަ ދިޔައީ ކުޅުންތެރިއަކު ގަައިގައި ޖެހިފައި ބޭރަށެވެ.

މާޒިޔާ އަށް ލީޑުނަގައިދިނީ މެޗުގެ 30 ވަނަ މިނިޓްގައި ޒުވާން ކުޅުންތެރިއާ އަހުމަދު ޝަމީމް އެވެ. މޫސާ ޔާމިން ނަގައިދިން ކޯނަރަކުން އޭރިއާ ތެރެއިން ޝަމީމް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ އޭނާ މާޒިޔާ ފުރަތަމަ އެގާރައިގައި ކުޅުނު ދެ ވަނަ މެޗެވެ.

އޭގެ ތިން މިނިޓް ފަހުން އޭރިއާ ތެރެއިން ޝަމީމް އޭރިއާ ތެރެއިން ފޮނުވާލި ބާރު ޝޮޓް ކީޕަރު ފައިރޫޒް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ލީޑުފުޅާކޮށްދިނީ އަލީ ސަމްދޫހު މުހައްމަދު (އައްޔަ) އެވެ. ގާސިމް ސައްމާމު (ސައްމެ) ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އައްޔަ ފޮނުވާލި ބޯޅަ ތިރިތިރިން ގޮސް ވަނީ ގޯލުގެ ދުރު ކަނަށެވެ.

އެފްއޭ ކަޕްގައި ގްރީން ސްޓްރީޓްސް އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މާޒިޔާ

ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސްގެ ކުރިއަށްކުޅޭ އާދަމް އިޝާމް (ސަން) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އަދި އަހުމަދު ނިޒާމް (ނިޒާމްބެ) ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފަށައިގެން ވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ މާޒިޔާ އިންނެވެ. މި ގޮތުން މެޗުގެ 51 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ޝަމީމް ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އޭގެ ފަހުން މެޗުގެ 64 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އޭރިއާ ތެރެއިން ޔާމްބެ ހުރަސްކޮށްލި ބޯޅަ ހުސްކޮށްހުރެ ގޯލަސް ފޮނުވާލަން ލިބުނު ބޯޅަ އަހުމަދު އިމާޒް (އާއްކޮ) އަތުން ވަނީ ގެއްލިފަ އެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލަނޑެއް ކާމިޔާބު ކޮށްދޭން އެ ޓީމަށް މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުﷲ ޔާމީން އަށް ހުސް ފުރުސަތެއް ލިބުނެވެ. އަރިމަތިން ޓޫކިލޯ ހުސްކޮށްލާފައި ނަަގައިދިން ބޯޅަ ކުޑައޭރިއާ ތެރޭގައި ހުރެފައި ޔާމީން ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހަން މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޒުވާން ކުޅުންތެރިއާ މުހައްމަދު ސަހާއު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗާ އެކު ގްރީން ސްޓްރީޓްސް އަށް ވަނީ ސީޒަން ނިމިފަ އެވެ. މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ގްރީން ސްޓްރީޓްސް އިން ވަނީ ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. އެހެން ނަމަވެސް ދިވެހި ޕްރިމިއާ ލީގު އެ ޓީމު ނިންމާލީ ފަސް ވަނައިގަ އޮވެ އެވެ. އެހެން ކަމުން އެ ޓީމަށް ޕްރެޒިޑެންޓްސް ކަޕްގެ ފުރުސަތު ގެއްލުނީ އެވެ. ޕްރިމިއާ ލީގަށް ފަހު އެ ޓީމު ކޯޗު ކަމުން ސޮބާ ވަކިވުމުން އެފްއޭ ކަޕް ދެ މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނީ އަލީ ހަސަން އެވެ.

މާޒިޔާ އަށް ދެން އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ނުކުންނާނީ ޕްރިމިއާ ލީގުގެ ހަތަރު ވަަނަ އަށް ދިޔަ ގދ. ތިނަދޫއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454