ޕޮލިސް ކްލަބާއި މިސްކިތްމަގު އިއްޔެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ޑިސެމްބަރ 2017 - 11:01
ދެ ވަނަ ބުރުގައި ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ އަންހެން ބައިގެ ޗެމްޕިއަންކަމާ ގާތަށް ޏ. ފުވައްމުލަކަށް ނިސްބަތްވާ މިސްކިތްމަގު އެކުވެރިންގެ ގުޅުމުން ޖެހިލައިފި އެވެ.
ޖުމްލަ ތިން ޓީމު ވާދަކުރާ އަންހެން ބައިގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މިސްކިތްމަގު ވަނީ މޮޅުވެފަ އެވެ. އެ ޓީމަށް ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވިއަންއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗެވެ. ލީގު ހޯދަން މިސްކިތްމަގަށް އެ މެޗުން ބޭނުމީ ޕޮއިންޓެކެވެ. އަންހެން ބައިގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޕޮލިސް ނުކުންނާނީ މޯލްޑިވިއަންއާ ދެކޮޅަށެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕޮލިހާ ދެކޮޅަށް ކުޅެ މިސްކިތްމަގުން ސެޓުތައް ގެންދިޔައީ 28-26، 25-20 އަދި 27-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތްމަގަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ ފާތިމަތު ޖޫޒަން ޒަރީރު އެެވެ.
މުބާރާތުގެ ފިރިހެން ބައިގައި ރޭ ކުޅުނު މެޗުން ވާދަވެރި ކުޅުމަކަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އަތުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ވަނީ މޮޅުވެފަ އެވެ. މި އަހަރު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި މޯލްޑިވިއަނުން ރޭގެ މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
މޯލްޑިވިއަން ފުރަތަމަ ސެޓު 27-25 އިން ގެންގޮސްފައިވަނިކޮށް ސިފައިން ވަނީ ކުޅުން ރަނގަޅުކޮށް 18-25، 22-25 އިން ދެން ކުޅުނު ދެ ސެޓު ކާމިޔާބު ކޮށްފަ އެވެ. މޯލްޑިވިއަން މޮޅުވީ ފަހު ދެ ސެޓު ގެންގޮސްގެންނެވެ. އެ ޓީމުން އެ ދެ ސެޓް ގެންދިޔައީ 25-20 އަދި 15-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އެވެ. މުޅި މެޗަށް ބަލާއިރު އޭނާ ވަނީ ހުރިހާ ސެޓެއްގައި ވެސް އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ފިރިހެން ބައިގައި މިރޭ ކުޅޭ މެޗުގައި ޕޮލިސް ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy