ފަހު ވަގުތު ތިނަދޫ ބަލިކޮށް މާޒިޔާ ފައިނަލާ ގާތަށް

ފަހު ވަގުތު ޔަސްފާދު ހަބީބް (މުލަކޭ) ޖެހި ލަނޑާ އެކު ފަހަތުން އަރައި 3-2 އިން ގދ. ތިނަދޫ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުން މާޒިޔާ ޖާގަ ހޯދައިފި އެވެ.


އަންނަ އަންގާރަ ދުވަހުގެރޭ ތިން ވަނަ ސެމީގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ގައުމީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ މިއަދު ހަވީރު ޓީސީ އަތުން ޕެނަލްޓީ ޖަހައިގެން 5-3 އިން މޮޅުވި ނިއު ރޭޑިއަންޓެވެ.

ތިން ވަނަ ސެމީން ޖާގަ ލިބުމާ އެކު މާޒިޔާ އަށް މިވަނީ ސީޒަން ސަލާމަތްކުރަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕުގައި ނާކާމިޔާބުވެ އެ ޓީމަށް ވަނީ އޭއެފްސީ ކަޕުން ވެސް ފުރުސަތު ގެއްލިފަ އެވެ.

މިރޭގެ މެޗުގައި ލީޑު ނެގީ މާޒިޔާ އިންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މި ގޯލް ޖެހީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. އޭރިއާ ތެރެއިން މުލަކޭ ޖެހި ބޯޅަ އަޑުބަރޭ ގޯލަށް ވައްދާލީ ގޯލް ރޮނގުމަތިން ކަހަލަ ގޮތަކަށް ޖަހަ އެވެ.

އޭގެ ކުރިން އަޑުބަރޭ އޭރިއާ ތެރެއިން ފޮނުވާލި ޝޮޓެއް ތިނަދޫގެ ގޯލްކީޕަރު ރުސްލާން މަތަކޮށްފައިވާއިރު ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ގޮސްފަ އެވެ. އަދި ތިނަދޫގެ އިމްރާން ނަޝީދު (އިންމަ) ފޮނުވާލި ނުރައްކާތެރި ހަމަލައެއް މާޒިޔާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް މަތަކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ތިނަދޫން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަންސަރު އިބްރާހިމް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލަށް ވައްދާލީ މާޒިޔާގެ ކުރީގެ ޑިފެންޑަރު އަހުމަދު ޒުބައިރު (ޒުއްބަ) އެވެ. އޭގެ މިނެޓެއް ފަހުން މާޒިޔާގެ އިސްމާއިލް އީސާ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ވަނީ ގޯލް ދަނޑި ކައިރިން ބޭރުވެފަ އެވެ.

ތިނަދޫން ލީޑު ނެގީ 65 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަވީލާ ޖެހި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން އަޑުބަރޭގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އަހުމަދު އަމީޒް ދިން ޕެނަލްޓީއެކެވެ.

ތިނަދޫން ލީޑު ނެގުމާ އެކު މާޒިޔާ ކުރިއަށް ޖެހުނެވެ. އަދި ހަމަލާތައް ވަރުގަދަކުރި އެވެ. އެ ޓީމު ސަލާމަތްވީ 85 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިއާ މުހައްމަދު ޝަޚާއު ޖެހި ގޯލުންނެވެ. މެޗު އެއްވަރުވާނެ ކަމަށް ގިނަ ބަޔަކު ނިންމައިގެން ތިއްބާ މާޒިޔާގެ މުލަކޭ ވަނީ އިތުރު ވަގުތުގެ ތެރޭގައި ބާރު ޝޮޓެެއް ގޯލަށް ވައްދާލައި މާޒިޔާ މޮޅުކޮށްދީފަ އެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މޮޅުވީ ކުޅުންތެރިންގެ ހިތްވަރުން ކަމަށާއި ހާއްސަކޮށް ފަހު ވަގުތު ކުރި ހިތްވަރު ފާހަގަކުރާ ކަމަށެވެ. އޭނާ ބުނީ ނޮކްއައުޓް މެޗެއްގައި ޕްރެޝަރު އޮންނާނެ ކަމަށާއި އެގޮތުން މި މެޗުގައި ވެސް ޕްރެޝަރާ ކުރިމަތިވި ކަމަށެވެ.

"އަބަދުވެސް ފާހަގަކުރެވެނީ މި ޓީމުގެ ކޮންމެ ކުޅުންތެރިއެއް ވެސް ވަރަށް ހިތްވަރުލާކަން. އެކަން މިއަދު ވެސް ފެނިގެން މިދިޔައީ. ސެމީ ފައިނަލާ ކުރިމަތިލާއިރު ވެސް އަޅުގަނޑު މިހިރީ ޔަގީންކަމާ އެކު. ކުޅުންތެރިން ވެސް ތިބީ އެ ކޮންފިޑެންސާ އެކު،" ލީގުގެ ފަހުކޮޅު ޓީމާ ހަވާލުވި އިންމަ ބުންޏެވެ.

ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނީ މާޒިޔާ އިން ދެއްކި ކުޅުމާއި ކުރި ހިތްވަރަށް މަރުހަބާ ކިޔާ ކަމަށާއި ހަމައެގޮތަށް ތިނަދޫގެ ކުޅުންތެރިންގެ ހިތްވަރަށް ވެސް ތައުރީފް ހައްގު ކަމަށެވެ. އޭނާ ބުނީ ޓީމުގައި ތިބީ އެންމެ 11 ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.

އިތުރު ވަގުތު ގޯލް ވަނީ މާ އަވަހަށް މެޗު ނިންމާލައިގެން ތިބުމުންތޯ އެހުމުން ސުޒޭން ބުނީ އިތުރު ވަގުތަކީ ގޯލް ޖަހާ ވަގުތެއް ކަމަށާއި އިތުރު ވަގުތު ގޯލް ޖަހައިގެން ތަށި ވެސް ނަގާފައި އެބަހުރި ކަމަށެވެ. އެހެންވެ އެ ގަޑިއަކީ އިދިކޮޅު ޓީމުން އަބަދުވެސް ގޯލް ޖަހަން މަސައްކަތްކުރާނެ ގަޑިއެއް ކަމަށާއި އެކަމަށް އެ ޓީމަކުން ޖެހޭނީ ސަމާލުވާން ކަމަށް އޭނާ ބުންޏެވެ.