މިހާރު އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް އެފްއޭ ކަޕުން ވާދަކުރާ ކުޅުންތެރިން (ކ-ވ) ދާދު، ފޭދޫ އިއްބެ، ސެންޓޭ، ދަގަނޑޭ އަދި އޮއްޕޮ. --ފޮޓޯ: ނިޝާން އަލީ
13 ޑިސެމްބަރ 2017 - 10:37
"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް އެފްއޭ ކަޕުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.
މި އަހަރުގެ ފުޓްބޯޅަ މޫސުމުގެ ތިން ވަނަ މުބާރާތް ކަމަށްވާ އެފްއޭ ކަޕުން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އެ ޓީމުގެ ނާއިޒް ހަސަން (ދާދު) އެވެ.
ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއު އެވެ. އެ ޓީމުގެ އޮއްޕޮ ގަދަ ފަހެއްގައި ހިމެނުނީ ދުވަސްތަކަށް ފަހު އެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ރަންބޫޓް ހާސިލްކޮށްފައިވާ އޮއްޕޮ އަންނަނީ މެދުކެނޑުމަކަށް ފަހު މި އަހަރު ރާއްޖޭގައި ކުޅެ ނިއުގައި ތަފާތު ދައްކަމުންނެވެ.
މިހާރު އެވޯޑްސްގެ އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް އެފްއޭ ކަޕުން ވާދަކުރާ ތިން ކުޅުންތެރިން (ކ-ވ) ޝަމީމް، ދާދު އަދި ސަމުއްޓެ. --ފޮޓޯ: ނިޝާން އަލީ
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް އެފްއޭ ކަޕުން ވާދަކުރަނީ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ޓީސީގެ ނާއިޒް ހަސަން (ދާދު) އަދި މާޒިޔާގެ އަހުމަދު ޝަމީމެވެ.
މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.
މި އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.
އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޓު
14 December 2017
ފޭދޫ އިއްބެ ރަށަށް ރީތި ނަން ހޯދަ ދީފި...އައިބީ ފޭދޫގެ އަގު ވައްޓާލައިފި....
ޑިޑި
14 December 2017
ސާބަހޭ ބައްސާމް ސާބަހޭ ފޭދޫ އިއްބެ އަދިވެސް މިނިވަން 50 ކަހަލަ މުބާރާތްތައް އިތުރު ކުރަން ފެނޭ....ގިނަ އިއްބެތައް ފެންނާނެ
ފާސިރު
13 December 2017
އަދިވެސް އޮއްޕޮމެން މާމޮޅު މިހާރު މިކުޅޭ މީހުންނަށްވުރެ