ގައުމީ ލީގުގެ އެންމެ މޮޅު ލިބަރޯގެ އެވީޑް މިމްރާހު (ކ)އާ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ޑިސެމްބަރ 2017 - 11:16
ޒުވާން ލިބަރޯ މުހައްމަދު މިމްރާހް ހަސަން ދިވެހި ސިފައިންގެ ކްލަބާ އެކު ގައުމީ ވޮލީބޯޅަ ލީގަށް ނުކުތީ މަދު ޕްރެކްޓިސްތަކެއް ކުރުމަށް ފަހު އެވެ. އިންޓަ ސްކޫލު ވޮލީބޯޅަ މުބާރާތާއި ދެ ވަނަ ޑިވިޝަނުގައި ކުޅެން ލިބުނު ފުރުސަތަށް ވުރެ، ވޮލީބޯޅައިގައި ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައި އޮތް ސިފައިންގެ ޓީމުން ފުރުސަތު ލިބުމުން މިމްރާހު ވިސްނީ ކުރިއަށްދާށެވެ.
ގައުމީ ވޮލީ ލީގުގެ ދެ ވަނަ ސިފައިންގެ ކްލަބް ހޯދިއިރު، މުބާރާތުގެ ޑްރީމް ޓީމުގައި ލިބަރޯ އެއްގެ ގޮތުގައި ހިމެނުނީ މިމްރާހު އެވެ.
"ހަގީގަތުގައި ޕްރެކްޓިސް ކުރެވުނު ވަގުތާ އަޅާބަލާއިރު ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ނޮވެމްބަރު 23 ގައި ޕްރެކްޓިސް ފެށީ ސިފައިން ޓީމާ އެކު ދެން ޑިސެމްބަރު 1 ގައި މުބާރާތް ފަށައިފި. މި މުއްދަތު ތެރޭގައި އެހާ ޕްރެކްޓިހެއް ނުކުރެވި ރަނގަޅަށް ކުޅެވުމުން ހިތްހަމަ ޖެހޭ،" ލ. މާވަށަށް އުފަން މިމްރާހް "މިހާރަ"ށް ބުންޏެވެ.
ގައުމީ ލީގުގައި ޖުމްލަ ގޮތެއްގައި މިމްރާހު ވަނީ ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް ރަނގަޅަށް ކުޅެފަ އެވެ. ފައިނަލުގައި މޯލްޑިިވިއަން އަތުން 3-1 ސެޓުން ސިފައިން ބަލިވި ނަމަވެސް ކޮންމެ ސެޓެއްގައި ވެސް އޭނާ ދިޔައީ ޓީމަށް މެކްސިމަމް ދެމުންނެވެ. އެކަން ވޮލީބޯޅައިގެ ގިނަ ކޯޗުން ވެސް ފާހަގަކުރެ އެވެ. ފައިނަލަށް ފަހު ސިފައިންގެ ކޯޗު މުމްތާޒް އަލީ ވެސް ވަނީ ޖޫނިއާ ކުޅުންތެރިންނާ އެކު އެ ޓީމުން ކުރި ހިތްވަރު ފާހަގަކޮށްފަ އެވެ.
މީގެ ކުރިން ގުޑީސް އަށް ވެސް ކުޅުނު މިމްރާހަށް ފުރަތަމަ ފުރުސަތު ދިނީ ސިފައިންގެ ޓީމާ އެކު ދާދި ފަހުން ޏ. ފުވައްމުލަކު އޮތް މުބާރާތަށް ދާށެވެ. އެހެން ނަމަވެސް އޭރު އޭނާ އަށް ޓީމާ ނުގުޅެވުނީ އަމިއްލަ ސަބަބަކާ ހުރެ އެވެ.
ގައުމީ ލީގުގެ ފައިނަލް މެޗުގެ ތެރެއިން މިމްރާހު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި ފަހަރު ފުވައްމުލަކު އޮތް މުބާރާތުގައި ކުޅެން ފުރަތަމަ ސިފައިންގެ ޓީމުން ބުނީ. އެކަމަކު އޭރު ކިޔެވުން ހުރި ގޮތުން ނުދެވުނު. އެކަމަކު ސިފައިންނަށް އޭރުވެސް ޔަގީންކަން ދިނިން. ގައުމީ ލީގު އަދި ގައުމީ މުބާރާތުގައި ކުޅޭނެ ކަމަށް،" ވިލީ ކޮލެޖުގައި ބެޗެލާސް އޮފް އާޓްސް އެންޑް ބިޒްނަސް މެނޭޖްމަންޓް ކިޔަވަމުން އަންނަ މިމްރާހު ބުންޏެވެ.
"ވަރަށް ހިތްހަމަ ޖެހޭ ސިފައިންގެ ޓީމަށް ކުޅެން ނިންމުނީތީ. ހަގީގަތުގައި ވަރަށް ގިނަ މީހުން ބުނަމުން އައީ ބޮޑު ޓީމަކަށް ގޮސް ހުނަރު ސާބިތުކޮށްދީގެނޭ ކުރިއަރާނީ. އެހެންވެ އެ މަސައްކަތުގައި ކުރިއަށްދާން ސިފައިންގެ ޓީމަށް ބަދަލުވީ،"
މިމްރާހު ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް އޭވީސީ ސެންޓްރަލް ޒޯނު މުބާރާތަށް ނެގި ގައުމީ ވޯލީޓީމުން ޖާގަ ހޯދައިފަ އެވެ. އެހެން ނަމަވެސް ސްކޮޑު ފައިނަލް ކުރިއިރު މިމްރާހު ބާކިވި އެވެ.
ސިފައިންގެ ޓީމަށް ކުޅޭ ގައުމީ ވޮލީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ ކުރި ޕްރެކްޓިސްއާ ބަލާ މިމްރާހުގެ ފަރާތުން ފެނުނު ކުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޑިސިޕްލިން ހިފަަހައްޓައިގެން ކުޅެފިނަމަ މިމްރާހު އަށް ގިނަ ކާމިޔާބީތަކެއް ލިބޭނެ ކަމަށެވެ.
މިމްރާހު ބުނީ އަމާޒަކީ ކުރިއަށް އޮތްތަނުގައި އިތުރަށް ކުރިއަރަައިގެން ވޮލީގައި ގިނަ ކާމިޔާބު ހޯދުމަކީ އެއް އަޒުމް ކަމަށެވެ.
"އަސްލު ފެމިލީ އާއި ހުރިހާ ކޯޗުންގެ ސަޕޯޓް ވެސް ވަރަށް ލިބޭ. ދެން ވަޒީފާގެ ގޮތުން ދަތިތަކެއް ހުރި ނަމަވެސް އެ ކޮޅުން ވެސް ވަރަށް ސަޕޯޓްދޭ. ބޭނުންވަނީ މި އަށް ވުރެ ރަނގަޅަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދަން،" އޭނާ ބުންޏެވެ.
ގައުމީ ލީގަށް ފަހު މިރޭ ފިރިހެން ބައިގެ ގައުމީ މުބާރާތުގެ މެޗުތައް ފަށާނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ސީލައިފް ސްޕޯޓްސް ކްލަބް ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. މިރޭ ކުޅޭ މެޗުގައި ސިފައިން ކުޅޭނީ މޯލްޑިވިއަންއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާ
13 December 2017
މިންމި އަކީ ވަރަށް ޑިސިޕްލިންގ ރަނގަޅު ހިތްހެޔޮ މީހުނާ ގުޅޭ ކުއްޖެއް. ކާމިޔާބުން ފުރިގެންވާ މުސްތަގުބަލަކަށް އެދެން.
އެމް ސޯ
13 December 2017
ވަރަށް ބަރާބަރު ޑިސްޕްލިންޑް ކުއްޖެއް މިންމިއަކީ ސައިރިކްސް އުޅުންއިރުވެސް... ރާއްޖޭގެ ވޮލީގެ މުސްތަޤުބަލް ވަރަށް ރަނގަޅުވާނެ މިފަދަ ގިނަ ކޮމިޓެޑް، ޑިސިޕލިންޑް އަދި ހާޑް ވޯކިން ކުދިންކޮޅެއް އުފެދެނިކޮށް.. ޤައުމީ ފެންވަރުގަ އަދި ވިދާލާނެ ކުއްޖެއް މިއީ.. މިންމި ކީޕް އިޓް އަޕް...
ޢަބުޅޯ
13 December 2017
މި މުބާރާތައް ބަލާނަމަ މިންމި ވ ރަނގަލަށް ކުޅުނު. ތީ ހައްޤް ކާމިޔާބެއް. ޤައުމީ ސެޓަރު، ނިޒާރު، ކޮއްކޮ ފަހަތައް ޖައްސާލާފަ ހޯދި ކާމިޔާބެއް. ގުޑް ލަކް ބްރޯ