މިހާރު އެވޯޑްސް: ޕްރެޒިޑެންޓްސް ކަޕުގެ ގަދަ ފަހެއް ހޮވައިފި

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްްސް ކަޕުން މިހާރު އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.


ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 3-0 އިން ކުރި ހޯދައި ނިއު ރޭޑިއަންޓުން ޗެމްޕިއަންކަން ހޯދި މުބާރާތުގެ ގަދަ ފަހެއްގައި ހިމެނެނީ ނިއުގެ އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ނާއިޒް ހަސަން (ދާދު) އަދި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

މުބާރާތުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ވާދަކުރަނީ ހަތަރު ކުޅުންތެރިޔެކެވެ. އެއީ ޓީސީގެ ދާދުގެ އިތުރުން މުހައްމަދު ސާމިރާއި މުހައްމަދު މާޒިން އަދި މާޒިޔާގެ އަލީ ސަމޫހު (ސަމުއްޓެ) އެވެ. މި އެވޯޑަށް ވާދަކުރެވޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 22 އަހަރު ނުފުރޭ ކުޅުންތެރިންނަށެވެ.

މިހާރު އެވޯޑްސް އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ކުޅުންތެރިންނަށް ވާދަކުރެވޭ މުބާރާތްތައް މިހާރު ވަނީ ނިމިފަ އެވެ. އެއީ އެސްޓީއޯ މާލޭ ލީގުގެ ދެ ބުރާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ބުރުގެ އިތުރުން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ.

މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

މި އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.