ކުޅިވަރު / މުހައްމަދު ޝިޔާޒު (މޯހަން)

މޯހަންގެ ފުރަތަމަ ބަސް: "ސާންތީއަށް ތައުރީފް ހައްގު"

ކްލަބް އީގަލްސްގެ ކޯޗުކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ އެ ޓީމުގެ ކުރީގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ކޮށްފައިވާ މަސައްކަތަށް ތައުރީފް ކުރުން ކަމަށާއި އަމާޒަކީ އޭނާގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސް ކާމިޔާބަކާ ހަމަޔަށް ދިއުން ކަމަށް އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މިދިޔަ ސީޒަނަށް ފަހު އީގަލްސް އިން ސާންތީ ވަކިވިއިރު އޭނާ ވަނީ ޒުވާން ކުޅުންތެރިންނާ އެކު ރަނގަޅު ޓީމެއް ބިނާކޮށްފަ އެވެ. އަދި އެ ކުޅުންތެރިން ގޮވައިގެން ނުކުމެ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އުފުލާލި އެވެ.

ސާންތީ އަށް ފަހު އީގަލްސްއާ ހަވާލުވި މޯހަން އަކީ ސާންތީއާ އެކު ގައުމީ ޓީމުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އަނެއްކޮޅުން ދެ ކޯޗުންނަކީ އެހާމެ ގާތް ގުޅުމެއް އޮންނަ ދެ ކޯޗުންނެވެ. އީގަލްސް އިން ބުނެފައިވާ ގޮތުގައި ވެސް މޯހަންއާ ކޯޗުކަން ހަވާލުކުރި އެންމެ ބޮޑު ސަބަބަކީ ވެސް އޭނާ އަކީ ސާންތީއާ އެއް ފެންވަރުގެ އެއް ސްޓައިލެއްގެ ކޯޗަކަށް ވުމެވެ.

"އެންމެ ފުރަތަމަ ވެސް ސާންތީ ތައުރީފްކުރަން ޖެހޭނީ. ހަގީގަތުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި އޭނާ ވަނީ. ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި އޮތީ އީގަލްސްގައި. އެހެންވީމާ އަޅުގަނޑުގެ މައިގަނޑު އެންމެ ބޮޑު ޓާގެޓަކީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން. ޅަ ކުޅުންތެރިންނާ އެކު ޓީމެއް ބިނާކުރުން، ކުޅުންތެރިން އުފެއްދުން. އެއާ އެކު އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ކުޅުންތެރިން ގޮވައިގެން ކާމިޔާބީއާ ހަމަޔަށް ދިއުން،" މޯހަން ބުންޏެވެ.

އޭނާ ބުނީ އަބަދުވެސް އީގަލްސްގެ މައިގަނޑު ކަމަކީ ޒުވާން ކުޅުންތެރިން އުފެއްދުން ކަމަށެވެ. މޯހަން އާއި ސާންތީ އެސިސްޓަންޓެއްގެ ގޮތުގައި ތިބެ 2008 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް އެކަނި ބެލިޔަސް އީގަލްސްގެ އުފެއްދުންތައް ގިނަ އެވެ. ގޯލްކީޕަރު މުހައްމަދު އިމްރާނާއި ސޮބާހް މުހައްމަދު އިބްރާހިމާއި އިބްރާހިމް އާމިލަކީ އެ ޓީމުން ނެރުނު ކުޅުންތެރިންނެވެ.

މޯހަން ބުނީ ސާންތީ އާއި އޭނާ އަކީ އެއް ދިމާލަކުން ކޯޗިންގެ ތެރެއަށް ނުކުމެ އެކީގައި މަސައްކަތްކޮށް އެކަކު ކައިރިން ގިނަ އެއްޗިސްތަކެއް ދަސްކުރި ދެ ކޯޗުންނަށް ވުމުން އޭނާ ފުރި މަގާމެއް ފުރަން ފަސޭހަތަކެއް ހުންނާނެ ކަމަށެވެ.

"އެއް ސިސްޓަމަކަށް މަސައްކަތްކުރެވޭނީ. އެކަމަކު ކޮންމެ އިންޑިވިޖުއަލް މީހެއްގެ ވެސް ހުންނާނެ ތަފާތުތަކެއް. އެހެންވިޔަސް މައިގަނޑު ކަންތައްތައް އެއްގޮތް ވާނެ. އެގޮތުން ބަލާއިރު ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ،" މޯހަން ބުންޏެވެ. "އަނެއްކޮޅުން އަޅުގަނޑު ވެސް ހަގީގަތުގައި އެންމެ ކުރާ ހިތްވާ މަސައްކަތަކީ ވެސް ޅަ ކުދިން، ޔޫތު ޕްލެޔަރުން ގޮވައިގެން އެ ކުޅުންތެރިން ކުރިއެރުވުން. އެންމެ ގިނަ ދުވަހު ކުރި މަސައްކަތަކީ ވެސް އެއީ."

މޯހަން ފާހަގަކުރި ގޮތުގައި އީގަލްސްގެ މެނޭޖްމަންޓާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ. މެނޭޖްމަންޓުން ލިބޭ އެއްބާރުލުމާ އެކު ހާއްސަކޮށް ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ގެ މަސައްކަތް އޭނާ ފާހަގަކުރި އެވެ.

"ވަރަށް ކޮމިޓެޑް މި ކަމަށް. ވަރަށް ބޮޑަށް ހިތްހަމަޖެހޭ މެނޭޖްމަންޓާ މެދު. އުއްމީދުކުރަނީ ވަރަށް ރަނގަޅު ސީޒަނެއް ހޭދަކުރެވޭނެ ކަމަށް،" މޯހަން ބުންޏެވެ.

އީގަލްސް އިން ވަނީ މިދިޔަ އަހަރުތަކުގައި ގޯލް ބެލެހެއްޓި ސްރީ ލަންކާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ގެންނަން ނިންމައިފަ އެވެ. މޯހަން ބުނީ ސީދާ ބިދޭސީ ހަތަރު ކުޅުންތެރިން ނުގެނެވުނަސް ތަޖުރިބާކާރު ދިވެހި ކުޅުންތެރިޔެއް ނުވަތަ ދެ ކުޅުންތެރިން ލިބިއްޖެ ނަމަ ފުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިކިޔަނީ ތަޖުރިބާކާރު ހަތަރު ކުޅުންތެރިޔެއްގެ ވާހަކަ. މާނައަކީ ބިދޭސީ އިތުރު ދެ ކުޅުންތެރިންނާ އެކު ދިވެހި ތަޖުރިބާކާރު ދެ ކުޅުންތެރިން ވިޔަސް. ފަހަރުގައި ބިދޭސީ ހަތަރު ކުޅުންތެރިން ނުގެނެވިދާނެ. އެކަމަށް މަސައްކަތްކުރަމުން އަންނަނީ،" މޯހަން ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ އަމާޒަކީ މާލޭ ލީގުގެ ގަދަ ހަޔެއްގެ ތެރޭ ހިމެނި ދިވެހި ޕްރިމިއާ ލީގުގެ ތެރެއަށް ވަނުން ކަމަށާއި އެއަށް ފަހު ދެން އަމާޒުކުރަނީ ތަށްޓަކާ ދިމާލަށް ކަމަށެވެ.

"ހުރިހާ ޓީމެއް، މާނައަކީ ބޮޑު ހުރިހާ ޓީމެއްގައި ވެސް އަޒުމެއް އޮންނަން ވާނެ. އަމާޒުކުރާ ހުރިހާ ކާމިޔާބެއް ނުލިބުނަސް ވީ އެންމެ ރަނގަޅު ހިސާބަކަށް ދިއުމަށް މަސައްކަތްކުރާނީ. ތަށްޓެއް ހޯދުން އީގަލްސްގެ ވެސް އެންމެ ބޮޑު އެއް އަމާޒަކީ،" މޯހަން ބުންޏެވެ.

މޯހަން ވަނީ މިދިޔަ ސީޒަނުގެ މިނިވަން ޗެމްޕިއަންޝިޕް ދ. ކުޑަހުވަދޫ އަށް ކާމިޔާބުކޮށްދީ އެ ޓީމު ގޮވައިގެން ޕްރިމިއާ ލީގުގައި ވެސް ވާދަކޮށްފަ އެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ. އެ ޒިންމާ އޭނާ 2008 ވަނަ އަހަރުގެ ނިޔަލަށް އަދާކުރި އެވެ. އޭގެ ފަހުން މޯހަން ވަނީ އޭނާގެ ބައްޕަ ކުއީން އަހުމަދު ވަހީދުގެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާ ހަވާލުވެ އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީ އަހަރުގެ މޮޅު ކޯޗުގެ މަގާމް ހޯދައިފަ އެވެ. އެ އަހަރު ނިއު ރޭޑިއަންޓް ބަލިވި ހަމައެކަނި މެޗަކީ އެފްއޭ ކަޕުން ސާންތީގެ އީގަލްސް އަތުން ކެޓި މެޗެވެ. ކޯޗިން ކިޔަވައި ވެސް ދޭ އިންސްޓްރަކްޓަރު މޯހަން ވަނީ ކްލަބް ވެލެންސިއާ އަށް ވެސް ކޯޗުކޮށްދީފަ އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 11%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަރީރު

13 January 2018

ތައްޓެކޭ. ހޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454