ހަންޓޭ ކައިޓްސާފިންގައި: މިއީ ވަރަށް ހުނަރުވެރި ކުއްޖެއް.
22 ފެބުރުއަރީ 2018 - 12:07
އަންނަ އަހަރު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޭންޑްބޯޅަ އާއި އަންހެން ފުޓްބޯޅަ ނުހިމެނޭ ކަމަށާއި އެކަމަކު ރާއްޖޭގައި އާލާވަމުން އަންނަ ކައިޓްސާފިން އަށް ފުރުސަތު ލިބިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
ރިޔޫނިއަން އައިލެންޑްސްގައި 2015 ވަނަ އަހަރު ބޭއްވި ގޭމްސްގައި ހިމެނުނު ކުޅިވަރުތަކުގެ ތެރެއިން މި ފަހަރު ފުރުސަތު ނުލިބުނީ ވެސް ހޭންޑްބޯޅަ އާއި އަންހެން ފުޓްބޯޅަ އަށް އެކަންޏެވެ.
"ވެނިއު ނެތުމުގެ ސަބަބުން ހޭންޑްބޯޅަ ނުހިމެނޭ މި ފަހަރު. އަންހެން ފުޓްބޯޅަ ވެސް ބޭއްވެން ނެތް ކަމަށް ބުނެފައިވަނީ،" އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވި އެވެ.
އެހެންވެ މި ފަހަރު ރާއްޖޭން ވާދަކުރާނީ ފިރިހެނުންގެ ފުޓްބޯޅަ އާއި ބާސްކެޓްބޯޅަ (އަންހެން، ފިރިހެން) އާއި ވޮލީބޯޅަ (އަންހެން، ފިރިހެން) އާއި ބެޑްމިންޓަނާއި ޓޭބަލް ޓެނިހާއި ފެތުމާއި ޓެނިހާއި އެތުލެޓިކްސް އަދި ސެއިލިންގަ އެވެ. ވިންޑް ސާފިން އާއި ކައިޓް ސާފިން ހިމެނެނީ ސެއިލިންގެ ތެރެގަ އެވެ.
މަރޭ ވިދާޅުވީ ކައިޓް ސާފިން މި ހިމެނުނު ގޭމްސްގެ ތާރީހުގައި ވެސް އަލަށް ކަމަށާއި އެކަމަށް އެންމެ ބޮޑަށް ބާރު އެޅީ ރާއްޖެ އާއި ސީޝެލްސް އިން ކަމަށެވެ.
"އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މޫދު ކުޅިވަރުތައް އިތުރުކުރަން ވަރަށް ބޮޑަށް ވާހަކަދެކެވުނު. އެގޮތުން ސާފިން ނުހިމެނޭތީއާ އެކު ސެއިލިން ހިމެނީ. އޭގެ ދަށުން ވިންޑް ސާފިން އާއި ކައިޓް ސާފިން އޮންނާނެ،" މަރޭ ވިދާޅުވި އެވެ.
ކައިޓް ސާފިން އަކީ ރާއްޖޭގައި ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ކުޅިވަރެކެވެ. މަރޭ ވިދާޅުވީ ސަރަހައްދީ މުބާރާތެއްގައި ވާދަކޮށްލަން ފުރުސަތު ލިބުމަކީ ރާއްޖޭގައި ކައިޓް ސާފިން އާލާވަމުން އަންނަ ދަނޑިވަޅެއްގައި ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
"މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު ޔޫތު ޖެނެރޭޝަންގައި އެންމެ މަޝްހޫރު އެއް ކުޅިވަރު މިއީ. ބޮޑު މުބާރާތެއްގެ ކުރިން ސަރަހައްދީ މުބާރާތެއްގައި ވާދަކޮށްލަން ލިބުމަކީ ވަރަށް މުހިއްމު ފުރުސަތެއް. އަޅުގަނޑުމެންނަށް އެކުދިންނަށް އެހީވާނަން ވަރަށް ބޮޑަށް،" މަރޭ ވިދާޅުވި އެވެ.
ރާއްޖޭގެ ކައިޓް ސާފަރުންނަށް ބޭނުންވަނީ ރަނގަޅު ތަމްރީންތަކެއް ކަމަށާއި. މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމަށް ދުނިޔޭގެ ޗެމްޕިއަން ނެދަލެންޑްސްގެ ޔޫރީ ޒޫން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ޖޫނިއާ އުމުރުފުރާގައި ހުނަރުވެރި ގިނަ ކައިޓް ސާފަރުން އެބަތިއްބެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ) އެވެ. އޭނާ ވަނީ ސްރީ ލަންކާގައި ވެސް ހުނަރުވެރިކަން ދައްކާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
22 February 2018
ރަނގަޅު ކުރިއެރުމެއް.
ސަމީރު ގޮއެދޫ
22 February 2018
މަރޭ ވަރެއް މިގައުމުގަ ނެތް. އަހަރުން އިތުބާރުކުާ ހަމަ އެކަނި މިީހަކީ ތީ. މަރޭ 2018