ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 މާޗް 2018 - 11:43
ކުޅުންތެރިން އުފައްދައި ބިނާކުރީމޭ ބުނުމުގެ ފުރުސަތު އޭނާ އަށް އެބައޮތް ކަމަށާއި އެކަމަކު ބައެއް ކޯޗުން އެ ވާހަކަ ދައްކަނީ އެފަދަ އެއްވެސް ކަމެއް ނުކޮށް، ހަމަ ތިބެލާފައި ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ވިކްޓަރީ އާއި މާޒިޔާއާ އެކު ގިނަ ތަށިތަކެއް ހޯދާފައިވާ ސުޒޭން މިދިޔަ އަހަރު ކޯޗުކޮށްދިން ވިކްޓަރީ އާއި ގދ. ތިނަދޫ ވެސް އަދި މި އަހަރު ކޯޗުކޮށްދޭ ގްރީންގައި ވެސް އޮތީ އެވްރެޖް ސްކޮޑެކެވެ. ތަށި ހޯދާ ކޯޗެއްގެ ގޮތުގައި ހުރެފައި، މުޅިން އަލަށް ބިނާކުރާ ޓީމަކާ ހަވާލުވުމަކީ އުނދަގުލެއްތޯ ސުވާލުކުރުމުން ސުޒޭން ބުނީ ރަނގަޅަށް ކްލަބެއް ބިނާކޮށް އެ ކްލަބް ރަނގަޅު އެއްޗަކަށް ހެދުމަކީ ތަށިތަކެއް ހޯދުމަށް ވުރެ ވަކި ކުޑަކަމެއް ނޫން ކަމަށެވެ.
"އެއްގޮތަކަށް ނުވޭ އިނގޭތޯ އުނދަގުލަކަށް. އެއީ ފުޓްބޯޅައިގައި ކުރަން ހުރި މަސައްކަތްތައް، އެކި ގޮތްގޮތަށް ބަދަލުވެގެން އެ މަސައްކަތްތައް ކުރުން އެއީ މާބޮޑު ހިތްހަމަޖެހުމެއް. މިސާލަކަށް އަޅުގަނޑު ގްރީންގައި ދެ އަހަރެއްހާ ދުވަހު ދެމިހުރެއްޖެއްޔާ ގްރީން ވެސް ހަމަ ނުފޫޒު ގަދަ ޓީމަކަށް ހަދާނަން. ހަމަ ބައިވަރު ކަންތައްތަކެއް ކުރެވޭނެ،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ އޭގެ އެންމެ ރަނގަޅު މިސާލަކީ ޓީސީ ސްޕޯޓްސް ކްލަބް ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ނަގައިގެން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކުރި މަސައްކަތް ކަމަށެވެ. އެގޮތުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ގަދަކޮށް އޮތް ދުވަސްވަރެއްގައި ޓީސީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެގެން އައިސް އެ ދެ ޓީމާ ވާދަކުރެވޭ ރަނގަޅު ނަތީޖާތަކެއް ނެރުމުން އެކަމަށް އިހުތިރާމް އަދާކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"މިހާރު އެއް ބައި މީހުން ހަމައެކަނި އިންޓަވިއުތަކުގައި ތިމަންނާ ކުޅުންތެރިން އުފައްދައިފީމޭ ބުނާއިރުގައި އުފެއްދުނު އެއްވެސް އެއްޗެއް ނަތީޖާއަކުން ނުދެއްކޭ. ޓީސީ އަށް ބުނެވިދާނެ ތިމަންނަމެން ކޮންމެވެސް މަސައްކަތެއްކޮށްފީމޭ. އެއީ ޕްރިމިއާ ލީގުގައި ޖައްސަޖައްސައިގެން ދެ އަހަރު، ތިން އަހަރު ދެ ވަނަ ހޯދާފައި އަދި އޭއެފްސީ ކަޕުގެ ވެސް ކޮލިފިކޭޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައި، މިކަހަލަ ބައިވަރު ކަންތައްތަކެއް ތަފާސް ހިސާބުން ދެއްކޭނެ ކަންތައްތަކެއްކޮށްފައި (އޮތުމުން)،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ "ތިމަންނާމެން ފުޓްބޯޅައިގައި ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފީމޭ، ކުޅުންތެރިން ބިނާކޮށްފީމޭ، ކުޅުންތެރިން ބިނާކުރަމޭ" އެއީ ވަރަށް ގިނައިން ބުނާ ވާހަކައެއް ކަމަށެވެ. އެކަމަކު އެފަދަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ހަމައެކަނި އިންޓަވިއުގައި ބުނި ނަމަވެސް އެ މަސައްކަތަކެއް ތަފާސް ހިސާބަކުން ވެސް، ވީޑިއޯއަކުން ވެސް ނުވަތަ އެހެން ގޮތަކަށް ވެސް ފެންނަން ނުހުންނަ ކަމަށެވެ.
ސުޒޭން ބުނީ އޭނާ އަށް އެ ވާހަކަ ދެއްކެން އެބައޮތް ކަމަށާއި ކަމަށާއި ގައުމީ ޓީމުން ބާރަކަށް، ސާދަ ވަރަކަށް ދުވަހު ޕްރެކްޓިސްކޮށްލާފައި ގޮސް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދައިގެން އައިއިރު އޭރު އޭނާ ކޯޗުކޮށްދިން ވިކްޓަރީގެ އަށް ކުޅުންތެރިޔަ ދިޔަ ކަމަށެވެ.
"އެހެންވީމާ އެކަހަލަ ބިނާކުރުން ބިނާކޮށްފައި އެ ވާހަކަ ދައްކަންވާނީ. ކުއްލިއަކަށް 22 ކުޅުންތެރިންގެ ސްކޮޑަކުން ނަގާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކު ބައެއް ފަހަރު 11 ގެ ތެރެއަށް އެރީމާ އެ އަދި މަސައްކަތަކެއް ކުރެވުނީކީ ނޫން. މަސައްކަތެއް ކުރެވުނު ކަމަށް އަޅުގަނޑު ބަލާނީ ދާއިމީކޮށް ޓީމެއްގެ ތެރޭގައި ތިން ހަތަރު ކުޅުންތެރިން، އާ ކުޅުންތެރިން ނެރެވުނީމާ. އަޅުގަނޑު މި ފާހަގަކުރަނީ 2008 ހިސާބުގައ އޭރުގައި އަޅުގަނޑު ވިކްޓަރީގައި މަސައްކަތްކުރި އިރު އެކަން ސާބިތުކޮށްދިފީފައި އޮންނާނީ ވަރަށް ރީއްޗަށް. ގައުމީ ޓީމަށް ވެސް ނަގާ ކުޅުންތެރިންނަކީ އެ ޓީމުގައި ނުފޫޒު ގަދަ ކުޅުންތެރިންނަށް ވާނެ ލީޑާޝިޕް ވެސް ހުންނާނެ. އެ ޕާފޯމަންސް ވެސް ދައްކާފައި ހުންނާނީ،" ސުޒޭން ބުންޏެވެ.
އޭނާ އެ ފާހަގަކުރި ކުޅުންތެރިންގެ ތެރޭގައި އެ ފަހަރު މޮޅު ކުޅުމެއް ދެއްކި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ސައީދު (އައްމަޓީ) ހިމެނެ އެވެ.
އެސްޓީއޯ މާލޭ ލީގުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ ކޯޗާ ނިޒާމްބެއާ ޖެހިގެން ހުރެ ވާހަކަދައްކަމުން ސުޒޭން ބުނީ މި ވާހަކަތައް ދައްކާއިރު ނިޒާމްބެ ހުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ސަބަބަކީ ނިޒާމްބެ އަކީ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމް ކުޅުންތެރިންނަށް ހާސިލްކޮށްދިން ކޯޗަކަށް ވުން ކަމަށެވެ. އަދި އެފަދަ އެވޯޑްތަކަކީ ކުޅުންތެރިންނަށް ކޯޗުން ހޯދައިދޭ ވަރަށް އަގުބޮޑު އެއްޗެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.
"ސެންޓޭ އެތަންމިތާ އުޅެފައި ޓީސީ އަށް ދިޔައިރު ޓީސީން އޭނާ އަށް އެ ހޯދައިދެވުނީ. (އެވޯޑް). ދެން އަޅުގަނޑު ވެސް ރަންބޫޓް ތިން ހަތަރު އަހަރެއްގައި (ހޯދައިދިނިން). ޑިފެންޑަރަކަށް ކުޅުނު ކުއްޖެއް އުމެއިރަކީ. އުމެއިރު ވެސް ރަންބޫޓް ހޯދި. ރާއްޖޭގެ މޮޅު ކުޅުންތެރިޔާ ވެސް ހޯދި. އެހެންވީމާ މިކަހަލަ ކޮންމެވެސް ކަމެއް ކޮށްލާފައި ބިނާކުރި ކަމަށް ވާހަކަދައްކަން ޖެހޭނީ. ހަމައެކަނި އިންޓަވިއުއެއްގައި ނޫނީ ރަށްޓެއްސަކާ ކޮފީއެއްގައި ވާހަކަދައްކާލައިރު ނޫން ކަންނޭގެ އެ ވާހަކަ ދައްކަން ޖެހޭނީ،" ސުޒޭން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
10 March 2018
ބިނާ ކުރެވިއްޖެއެއްނު. މަހަށް ދޭބަލަ ސުޒޭނު.
ާައަހްމަދު
09 March 2018
ސުޒޭން މީ ސަޅި ބާސާ...
ޕޮގުބާ
09 March 2018
ތިހާމޮޅުމީހަކު ގައުމީޓީމަށް ކޯޗް ކޮއްދެން ނުކެރެނީ ކީވެތަ؟
ހެންޑެލި
09 March 2018
ސުޒޭނަކީ މިވާހަކަ ދެއްކޭ ފެންވަރުގެ މީހެއް ނޫން، ސުޒޭނު އުފެއްދި ކުޅުންތެރިއެއް އަހަރުމެނަށް ފެންނާކަށް ނެތް، އެހެންނަމަވެސް ހުރާ އަބުޅޯ، ޢަލީ ޝިޔާމް، މާސޭ، ކީޕަރ އިސްހާޤް މިއީ ކުޑަމޫސަ އުފައްދައި ބިނާކުރި ކުޅުންތެރިންނޭ ބުނެލީމަ އެކަމާ ދެބަސްވާނެ އެކަކުވެސް ނުހުންނާނެ
އަބޭސުރާގަތު
12 March 2018
އަލީ ޝިޔާމް އުފެއްދީ ހަމްދުﷲ ފެނާންޑޯ އެމް އީ އެސް އިން
ހެންޑެލި
09 March 2018
ސެންޓޭ އަށް މޮޅުކުޅުންތެރިޔާގެ އެވޯޑާއި ރަންބޫޓު ހޯދަދިނީ ނިޒާމްބެ އެއްނޫން، ސެންޓޭ ޓީސީއަށް ބަދަލުވުމުގެ ކުރިން ވެސް މޮޅުކުޅުންތެރިޔާގެ އެވޯޑް ސެންޓޭއަށް ލިބެންޖެހޭ، އެފްއޭއެމް އިން މީހަކު އެއީ މާމޮޅުމީހަކަށް ހަދައިގެން އަސަދުﷲ އަށް 2015 ވަނައަހަރު ދިން މޮޅުކުޅުންތެރިޔާގެ އެވޯޑަކީ ސެންޓޭއަށް ލިބެންޖެހޭ އެއްޗެއް. ސެންޓޭ ޓީސީ އަށް ބަދަލުވުމުގެ ކުރިން ސުޒޭނުގެ ވިކްޓަރީއަށްވެސް ކުޅުނު, އޭރު ސެންޓޭ އަށް އެވޯޑް ހޯދައިދޭން ސުޒޭނުއަށް ކުރެވުނު ކަމެއް ނެތް. މިއީ ވަރަށް ވާހަކަ
ވިންސެންޓް
12 March 2018
ސެންޓޭ އުފެއްދީ ތި ކިޔާ ނިޒާމެއް ނޫން..އޭގެ ކުރީގަވެސް އޭނަގެކުޅުން މޮޅު
ހެންޑެލި
09 March 2018
އިއްސޭ، އިމްރާން، އޮއްޕޮ އަދި އައްމަޓީ އަކީ ސުޒޭނު އުފެއްދި ކުޅުންތެރިންނެއް ނޫން، އެކުޅުންތެރިންނަކީ ސުޒޭނު ވިކްޓަރީއާ ހަވާލުވިއިރުވެސް ވިކްޓަރީގަތިބި ސްޕަރ ސްޓާރުން. މިގޮތުން އިއްސޭ ކެރިއަރ ފެށީ ސްޓެލްކޯ ޓީމުން، ސްޓެލްކޯ ޓީމު ފުރަތަމަ ޑިވިޝަން އަށް ޕްރޮމޯޓުކޮށްދީ ރާއްޖޭގެ އެންމެ މަތީ ލެވެލްއަށް އެކްލަބް ގެންގޮސްދިނީ އިއްސޭ އޭވެސް ބުނެވިދާނެ. އޮއްޕޮ އަކީ މަޖީދިއްޔާ ސްކޫލުގަ ކިޔަވަން އުޅެނިކޮށް ގައުމީ ކޯޗަށް ފާހަގަ ވެގެން ސީނިއަރ ގައުމީޓީމުން ޖާގަދިން ހަމައެކަނި ކުޅުންތެރިޔާ. އޮއްޕޮ ކްލަބް ކެރިއަރ ފެށީ ނިއުލެގޫންސްއިން އަދި މާއްޓޭ ކޯޗްކޮށްދިން ވިކްޓަރީއަށް ބޮޑުއަގުގައި ބަދަލުވުމުގެ ކުރިން އައިއެފްސީ އަށާ ނިއު އަށްވެސް އޮއްޕޮ ކުޅުނު. 2005ގަ އޭއެފްސީ ކަޕްގަ 3ވަނަ ނިއުއިން ހޯދިއިރު އޮއްޕޮ އަކީ ނިއުގެ އެންމެ މުހިއްމު ކުޅުންތެރިޔާ. އިންމަ ޤައުމީ ޓީމުގެ 1ނަމްބަރ ކީޕަރަކަށްވީ އީގަލްސްގައި ދެއްކި މޮޅުކުޅުމުން. އައްމަޓީ ގަލޮޅު ދަނޑަށް ތަޢާރަފްވީ ސ.ފޭދޫ ޓީމުން. ދެން މީގަ ސުޒޭނު ކުރިކަމެއް ކޮބާ؟
ނާޑް
08 March 2018
ފޮނިކެނޑުން ނޫން ކަމެއް މީނަ އަކައް ނޭނގެ ކުރާކަށް
ލައްވާލީމަ 4ޖީ
08 March 2018
މިފަހަރު ކާކަށް ބާ؟ ހީވަނީ ސާންތިއަށް ޖެހި ބޯޅައެއްހެން....ސުޒޭން އަށް ބުނެލަން އޮއްޕޮ، އިއްްސޭ އަންމަޓީ ކީޕަރު އިންމަގެ ކްރެޑިޓް ކާލަންނޫޅޭ، އޮއްޕޮ އަކީ މަޖީދިއްޔާ ސްކޫލުގަ އުޅެނިކޮށް މޮޅަށް ކުޅޭތީ އޭރުގެ ގައުމީ ކޯޗަށް ފާހަގަ ވެގެންނެގި ކުޅުންތެރިއް، އިއްސޭ އަންމަޓީ އަކީ ސީދާ ކޯޗު މާއްޓޭގެ ދެ ދަރިވަރުން، ކީޕާރ އިމްރާންއަކީ އީގަލްސް އިން ނެރެދިން ކުޅުންތެރިއެއް...އިމްރާންގެ ވެސް އެންމެ ރަންޒަމާނުގަ ކޯޗަކީ މާއްޓޭ