މި ހިސާބުން ޓީސީ ސީރިއަސްވާނެ: ނިޒާމްބެ

އެސްޓީއޯ މާލޭ ލީގުގައި މި އަހަރު އަދި މޮޅެއް ހޯދިފައިނުވުމަކީ ޓީސީ ސްޕޯޓްސް ކްލަބް ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަކު ކުރިއަށް ހުރި މެޗުތަކަށް އިތުރަށް ސީރިއަސްވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


މި ފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީ ނޫން އަނެއް ހަ ކްލަބް ވަނީ ތިން މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އީގަލްސް އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު އާއި ތިން ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ހަ ވަނައިގައި އޮތީ ދެ ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އެވެ. އަދި ހަތް ވަނައިގައި އޮތް ޓީސީ އާއި އަށް ވަނައިގައި އޮތް ވެލެންސިއާ އަށް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

"މިއީ ދެ ބުރު ކުޅޭ ލީގެއް. އަދި ދެ ބުރު އެބައޮތް. އެހެންވީމަ އަދި ނުޖެހޭ ވިސްނާކަށް. މިއީ ހަމަ އަނެއްހެން ބުނާ ކަމަށް ވެއްޖިއްޔާ ކުޅުންތެރިން ޓެސްޓް ކޮށްލައި މިހެން ބަލާލަން ދިޔަ މެޗުތަކެއް. ދެން ހުރި މެޗުތައް ނަގަން މަސައްކަތްކުރާނީ،" ރޭ ވިކްޓަރީ އަތުން 2-1 އިން ބަލިވި މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

"މި ހިސާބުން ޓީސީ ސީރިއަސްވެ މެޗުތައް ނަގަން ކުޅޭނީ. ގަދަ ހަޔެއްގެ ތެރެއަށް މި ވަންނަން ޖެހެނީ."

މި ސީޒަނުގެ ޕްރެކްޓިސް އެންމެ ފުރަތަމަ ފެށި ޓީމަކީ ޓީސީ އެވެ. އެއީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ޖެހުމުންނެވެ. އޭއެފްސީ ކަޕްގެ ހަތަރު މެޗަށް ފަހު ޓީސީން ލޯކަލް ސީޒަނަށް ކުރިމަތިލުމަށް ފަހު ކުޅުނު ތިން މެޗުގައި ވެސް އެ ޓީމުގެ ފަރާތުން ބައެއް މައްސަަލަތަކެއް ފެނުނެވެ.

"ޔަގީނުން ވެސް ވަރުބަލިވުމުގެ މައްސަލައެއް ނޫން މި އުޅެނީ އެހެންނަމަ ފަހު 20 މިނިޓް ތެރޭގައި އެހާ ވަރުގަދަ އެޓޭކިން ގޭމެއް ނުކުޅެވޭނެ. މި އުޅެނީ ފެށުން ދަށްވުމުގެ މައްސަލަތަކެއް،" ގްރީން ސްޓްރީޓްސްއާ 2-2 އިން އެއްވަރުވި މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

ރޭގެ މެޗަށް ފަހު ނިޒާމްބެ ބުނީ ޒުވާން ކުޅުންތެރިން މެޗަށް ސީރިއަސްނުވެ އަންނާތީ މެޗުގެ ކުރީކޮޅުގައި ލަނޑުތަކެއް ވަދެގެން ބަދަލުތަކެއް ގެންނަން ޖެހުމުން މިދިޔަ ދެ މެޗުގައި ވެސް އުނދަގޫތަކެއް ދިމާވި ކަމަށެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޓީސީ އެންމެ ފަހު ވަގުތު ޖާގަހޯދީ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގައި ދެއްކި ތަފާތު މޮޅު ކުޅުމާ އެކު އެވެ. އޭގެ ފަހުން ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ވެސް އެ ޓީމު އެ ލެވެލްގައި ހިފެހެއްޓި އެވެ.