އެންމެ މޮޅީ ސުޒޭން، އޭނާ ހުރި ހިސާބަށް ނުދެވޭނެ: ނަޒީހު

ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭނަކީ ރާއްޖޭގެ އެންމެ މޮޅު ކޯޗު ކަމަށާއި އޭނާ ހުރި ހިސާބަށް ނުދެވޭނެ ކަމަށް ސުޒޭނުގެ ކޮއްކޮ އަދި އެސްޓީއޯ މާލޭ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.


އެކަމަކު ނަޒީހު ބުނީ މިރޭގެ މެޗުން ގްރީންސްޓްރީޓްސް އަށް ވުރެ ތިން ޕޮއިންޓް މުހިއްމީ އޭނާގެ ޓީމަށް ކަމަށާއި ސަބަބަކީ މޮޅުވެގެން އެއް ވަނަ އަށް އެރެން އޮތުން ކަމަށެވެ. ފުރަތަމަ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އޮތް ޔުނައިޓެޑް ވިކްޓަރީ މިރޭ މި ނުކުންނަނީ ކުޑަ ބްރޭކަކަށް ފަހު އެވެ. ނަޒީހު ބުނީ ރަނގަޅު ފޯމެއްގައި އޮއްވާ ބްރޭކެއް އައުމުން ރަނގަޅު ވެސް ވެދާނެ ކަމަށާއި ގޯސް ވެސް ވެދާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ހީވަނީ ރަނގަޅުހެން ވާނީ. އަޅުގަނޑަކީ ވަރަށް ޕޮޒިޓިވްކޮށް ވިސްނާ މީހެއް. މިދިޔަ ދުވަސްތަކުގައި ދެ ޕްރެކްޓިސް މެޗު ވެސް ކުޅެފިން. އާ ޒުވާން ކުޅުންތެރިންތަކެއް ވެސް އައިސްފި،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދަން އޭނާ އަށް މުހިއްމު އަނެއް ސަބަބަކީ ބޭބެ ސުޒޭން އަތުން ދުވަހަކު ވެސް މޮޅެއް ހޯދިފައި ނެތުން ކަމަށެވެ.

"މާދަމާ (މިރޭ) އަޅުގަނޑު ކުޅޭނީ ދެން އުނދަގޫ މި ވާހަކަ ބުނަން ވެސް ރާއްޖޭގެ އެންމެ މޮޅު ކޯޗާ އިދިކޮޅަށް. އަޅުގަނޑުމެން ދެ މީހުންގެ މެޗު (މިއީ) އާ މެޗެއް ނޫން އެހެން ނަމަވެސް އަޅުގަނޑު ނެތް ދުވަހަކު ވެސް މޮޅުވެފައެއް ކުޅެގެން. (އެހެންވެ) ތިން ޕޮއިންޓް އެ ހުރިހާ ގޮތަކުން ވެސް މުހިއްމު،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ކޯޗިންގައި އޭނާގެ ބޭބެ ހުރި ހިސާބަކަށް ނުދެވޭނެ ކަމަށާއި ސަބަބަކީ ބޭބެ ހުއްޓާލާނެ ދުވަހެއް ވެސް އަދި ނޭގުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އަދި 13 ތަށި ހޯދަން ވެއްޖެއްޔާ އެއީ ވަރަށް ގިނަ ދުވަސް. (އެކަމަކު ބޭބެ) ހުއްޓާލީމާ އެނގޭނެ އާ މިހާރު ދެވިދާނެ ހިސާބު، އަތުވެދާނެ ހިސާބުގައިކަން މީނީ. އަޅުގަނޑުގެ ޓާގެޓަކީ އެންމެ ރަނގަޅު، އެންމެ މޮޅު ކޯޗަށް ވުން. ކޮންމެ މީހަކު ވެސް ކަމަކާ ކުރިމަތިލާނީ ގޯލްތަކެއް އެޗީވްކުރަން،" ސުޒޭނާ އެކު ވިކްޓަރީ އަށް ކުޅެފައިވާ ނަޒީހު ބުންޏެވެ.

ސުޒޭން އެކަމަކު ބުނީ ނަޒީހަށް ވެސް އެހިސަބާށް ދެވިދާނެ ބޭނުންވަނީ އެވަރަށް މިކަމަށް ހާއްސަވެގެން މަސައްކަތްކުރުން ކަމަށެވެ. ރާއްޖޭގައި ކަން ހިނގާ ގޮތް ކަމަށް އިޝާރާތްކޮށް ސުޒޭން ބުނީ އަނެއް ކޯޗު މެޗަށް ދާން ގެއިން ނުކުންނަ ވަގުތު އޭނާ ދަތި އަޅުވައިގެން ހުއްޓުވަން ވިސްނައިގެން މިކަމެއް ނުކުރެވޭނެ ކަމަށެވެ.

"މިސާލަކަށް މާޒިޔާގެ (ކޯޗު) އިންމަ ތަށްޓެއް ހޯދަފާނެ ހެން ހީވާ ދުވަހު ގޭދޮރު މަތީ ހުރެ އަޅުގަނޑު ދަތި އަޅުވަން ގޮސްގެނެއް އަޅުގަނޑު އެ މެޗަކުން މޮޅޭއް ނުވާނެ އެ ދުވަހަކު. އެއީ އަޅުގަނޑު މެޗު ކުޅޭ ނަމަ އެތާކު ނުހުންނާނެ ނޫންތޯ؟،" ސުޒޭން ބުންޏެވެ. "(އެހެންވީމާ) މާގިނަ ވާހަކަ ނުދައްކާ އިތުރު ކަންތައްތަނުކޮށް ކާމިޔާބީއާ ހަމަޔަށް ދާން މަސައްކަތްކޮށްގެން ހަމަ ދެން ތިބި ކޯޗުންނަށް ވެސް ތަށި ހޯދޭނީ."

ސުޒޭން ބުނީ ކޯޗިންގައި ކުރިއަށް ދިއުމަށް ނަޒީހަށް އެހެން ކޯޗުންނަށް ވުރެ ފަސޭހަވާނެ ކަމަށައި ސަބަބަކީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި އަދި ގައުމީ ޓީމަށް ކުޅެފައި ހުރުން ކަމަށެވެ. އޭނާ ބުނީ ބައެއް ކޯޗުން އެއް ވަނަ ޑިވިޝަނުގައި ކުޅެފައި ވެސް ނެތް ކަމަށާއި އަރަމުން އެ އަންނަ ގިނަ ކޯޗުންނަށް ވުރެ ނަޒީހަށް އޮތީ ފަސޭހަ މަގެއް ކަމަށެވެ.

މިރޭގެ މެޗާ ބެހޭހޮތުން ސުޒޭން ބުނީ އޭނާގެ ޓީމު އޮތީ ގަދަ ހަޔެއްގެ ތެރެއަށް ވަންނަން ވެސް އުނދަގޫތަކެއްގެ ތެރޭގައި ތިން މެޗުން އެންމެ ދެ ޕޮއިންޓާ އެކު އޮތުމުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑް ވިކްޓަރީ އާއި ގްރީންސްޓްރީޓްސްގައި އޮތީ ދާދި އެއްވަރުގެ ސްކޮޑެއް ކަމަށާއި އެކަމަކު ޔުނައިޓެޑް ވިކްޓަރީން ހަ ޕޮއިންޓް ހޯދާފައި އޮތުމުން އެ ޓީމު އޮންނާނީ ސައިކޮލޮޖިކަލީ ކުރީގައި ކަމަށެވެ.

"ފެށުން ރަނގަޅު ނުކޮށްފިއްޔާ ޕްރެޝަރަށް ދާނެ. (އެންމެ ފަހުން ކުޅުނު) އީގަލްސް މެޗުގެ ފަހު 20 މިނެޓުގައި ދެއްކި މޮޅު ކުޅުން އެއީ (މި މެޗާ ކުރިމަތިލާއިރު އޮތް) ޕޮޒިޓިވްކަމެއް،" ސުޒޭން ބުންޏެވެ.