24 މާޗް 2018 - 10:40
އެކުވެރިކަމުގެ މެޗެއްގައި އިއްޔެ ސިންގަޕޫރު އަތުން 3-2 އިން ރާއްޖެ ބަލިވި ނަމަވެސް ފުރަތަމަ މެޗާ ބަލާއިރު ހުރިހާ ކަމަކާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.
ސިންގަޕޫރުން ކުރި ހޯދާފައިވަނިކޮށް ރާއްޖޭން އެއްވަރުކުރީ މުހައްމަދު އުމެއިރުގެ ގޯލުންނެވެ. އޭގެ ފަހުން ސިންގަޕޫރުން ދެ ލަނޑު ޖަހައި ތަފާތު ބޮޑުކޮށްފައި ވަނިކޮށް ރާއްޖެ އަށް ފަރަގު ކުޑަކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
"ސިންގަޕޫރަށް މަރުހަބާ ކިޔަން. އަހަންނަށް ވަރަށް ސާފު ސިންގަޕޫރުން މި މެޗުން މޮޅުވީ މި ވަގުތު (ރާއްޖެ އަށް ވުރެ) ރަނގަޅު ޓީމެއް އޮތުމުން އަދި ޖުމްލަކޮށް މުޅި މެޗުގައި ވެސް،" ސެގާޓް ބުންޏެވެ.
ސެގާޓް ބުނީ މި މެޗުގައި ރާއްޖޭން ކުޅުނީ 17 ވަރަކަށް އަހަރުގެ ބައެއް ކުޅުންތެރިން އަރުވައިގެން ކަމަށާއި އަދި ފުރަތަމަ ފަހަރަށް ޕްރެކްޓިހެއް ވެސް ކުރީ މެޗުގެ ކުރީ ދުވަހު ކަމަށެވެ.
"(އެ ހުރިހާ ކަމަކާ ބަލާފައި) އަހަރެން މިހިރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. އަހަރެން އުއްމީދުކުރަން މިއީ ކުރިމަގުގައި ބިނާވާނެ ޓީމަށް ވާނެ ކަމަށް،" ސެގާޓް ބުންޏެވެ. "މި ޓީމާއި ރާއްޖޭގެ ރައްޔިތުންނަށްޓަކައި އަހަރެން ވަރަށް އުފާވޭ."
އިއްޔެ ކޯޗު ވަނީ ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި މާޒިޔާގެ ވާތު ބެކް މުޖުތާޒް މުހައްމަދު (މުޖޭ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. މިއީ ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި މި ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރެވެ.
ރާއްޖެ އަށް އޮތީ އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު މާލޭގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ މި މެޗުގެ މުހިއްމުކަން ވަނީ ކުޑަވެފަ އެވެ.
ސިންގަޕޫރުގެ ކޯޗު ސުންދްރަމް މޫރްތީ ބުނީ މި މޮޅާ އެކު އޭނާގެ ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަމަށާއި ހަމައެކަނި ކަންބޮޑުވުމަކީ އާދައިގެ ދެ ގޯލް ކޮޅަށް ވަނުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންމަނިކުފާނު
24 March 2018
އަސްލު މެޗުގައި ދެއްކި ކުޅުމާބަލާފަ ވަރަށް ހިންހަމޖެހޭ ކޯޗާމެދު! ދެން އަސްލު ކޯޗްގެ ފެނަވަރު އިނގޭނީ ވާދަވެރި މެޗެއް ކުޅެލީމަ! ވަރަށް އުންމީދީ ވާހަކަ ކޯޗް ދައްކަވަނީ!
ރަދީފް
24 March 2018
ގުޑް ލަކް.އަދި ފަހުން ރަނގަޅުވާނެކަމަށް މަވެސް މިބަލަނީ.